"ފައިސާ ގޯނި" މައްސަލަ ނުބަލައި ފާރިސްގެ މައްސަލަ ބަލާތީ ފާޑުކިޔުން

"ފައިސާ ގޯނި" ހިފައިގެން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ފައިސާ ބެއްސެވި ކަމަށް ހޯރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއިލް ވިދާޅުވި މައްސަލަ ނުބަލަން ނިންމައި، މެމްބަރުންނަށް ރިޝްވަތު ދިން ކަމުގެ ތުހުމަތުގައި ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ފާރިސް މައުމޫންގެ މައްސަލަ ތަހުގީގކުރާތީ ފުލުހުންނަށް ފާޑުކިއުން އަމާޒުވެއްޖެ އެވެ.


ފާރިސްގެ މައްސަލަ ފުލުހުން ތަހުގީގު ކުރަނީ، މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމުގެ ވޯޓަށް މެމްބަރުންނަށް ރިޝްވަތު ދެއްވި ކަމަށް ތުހުމަތުކޮށެވެ. އޭނާ ރިޝްވަތު ދިން ކަމުގެ ހެއްކާއި ގަރީނާ ހުރި ކަމަށް ފުލުހުން ބުނެ އެވެ. އެކަމަކު ފާރިސް ވަނީ އެ ތުހުމަތު ދޮގުކުރައްވައިފަ އެވެ.

އެއްވެސް މީހަކަށް ރިޝްވަތު ދެއްވާފައި އަދި ހުށަހަޅުއްވާފައި ވެސް ނުވާނެ ކަމަށް ފާރިސް ވިދާޅުވާއިރު، އެމްއެމްޕީއާރުސީ މެދުވެރިކޮށް ޚިޔާނާތްތެރިވި ފައިސާ މެމްބަރުންނަށް ބެއްސެވި ކަމަށް މުހައްމަދު އިއުތިރާފްވި މައްސަލަ ނުބަލަން ނިންމީ ކީއްވެތޯ ސޯޝަލް މީޑިއާގައި އާންމުން ދަނީ ފުލުހުންނާ ސުވާލުކުރަމުންނެވެ.

ރިޝްވަތާ ގުޅޭ، މި ދެ މައްސަލަ ތަހުގީގުކުރުމުގައި ތަފާތުކުރުން ގެންގުޅުމަކީ ފުލުހުން އިންސާފުން ބޭރުވުން ކަމަށް ވެސް ބައެއް މީހުން ދެކެ އެވެ.

"ދައުލަތުގެ ފައިސާ އިން މެމްބަރުން ރިޝްވަތުގެ ގޮތުގައި ފައިސާ ބެހީ ތިމަންނައޭ ބުނި މެމްބަރުންގެ މައްސަލަ ކޮބާ؟ ހެއްކާއި ގަރީނާ ބޭނުން ނުވާ އަމިއްލަ އިއުތިރާފް، އެ މައްސަލަ ނުބަލަން ނިންމީ ކީއްވެ؟،" ފާރިސްގެ ދިފާއުގައި، ތަހުގީގަށް ފާޑުކިއުން އަމާޒުކޮށް އެކަކު ސުވާލުކުރި އެވެ.

ފާރިސް ރިޝްވަތު ދެއްވި ކަމުގެ ހެކި ހުރިއިރު ރިޝްވަތުގައި ހިއްޕެވި މެމްބަރުންގެ މައްސަލަ ނުބަލަނީ ކީއްވެތޯ ވެސް ބައެއް މީހުން ފުލުހުންނާ ސުވާލުކޮށްފައިވެ އެވެ.

އެމްއެމްޕީއާރުސީ މެދުވެރިކޮށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ވަގަށް ނެންގެވި ފައިސާ ހިއްޕަވައިގެން މަޖިލިހުގެ މެމްބަރުން ކައިިރި އަށް ވަޑައިގެންނެވި ކަމަށް މުހައްމަދު ވަނީ މަޖިލީހުގެ ޖަލްސާއެއްގައި ވިދާޅުވެފަ އެވެ. އަދި އޭގެ ފަހުން ބައެއް ޓީވީތަކުގައި ވާހަކަ ދައްކަވަމުން ވެސް، މެމްބަރުންނަށް ފައިސާ ބެއްސެވި ކަމަށް އޭނާ ވިދާޅުވި އެވެ. އެކަމަކު އެ ވާހަކަތައް ދިފާއުކުރައްވައި ފަހުން އޭނާ ވިދާޅުވެފައި ވަނީ، އެއީ ސިޔާސީ ގޮތުން ދެއްކެވި ވާހަކައެއް ކަމަށެވެ.

މުހައްމަދު ފައިސާ ބެއްސެވި މައްސަލަ ތަހުގީގުކޮށްދޭން އަމިއްލަ ފަރާތަކުން ހުށަހެޅުމުން، ފުލުހުން ބުނެފައި ވަނީ، އެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. އެ މައްސަލަ ނުބަލަން ނިންމީ އެހެންވެ ކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ.