އަޅުގަނޑު މަސައްކަތް ކުރަނީ މަޖިލީހުގެ ރިއާސަތު ބޭނުންވެގެނެއް ނޫން: ޝާހިދު

ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދު މަގާމުން ދުރު ކުރުމަށް އިދިކޮޅު ފަރާތްތަކުން ކުރަމުންދާ މަސައްކަތުގައި ބައިވެރިވެގެން އުޅެނީ، މަޖިލީހުގެ ރިއާސަތުގެ ގޮނޑި ބޭނުންވެގެން ނޫން ކަމަށް މަޖިލީހުގެ ކުރީގެ ރައީސް، ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.


ޝާހިދު ވިދާޅުވީ އޭނާއަކީ މަޖިލީހުގެ ރައީސްގެ މަގާމު ކުރިން ފުރުއްވި ބޭފުޅަކަށް ވެފައި، މިހާރުގެ ރައީސް މަގާމުން ދުރު ކުރުމުގެ މަސައްކަތުގައި އުޅުއްވާތީ، އަނެއްކާ ވެސް އެ މަގާމު ބޭނުންވަނީ ކަމަށް ބައެއް މީހުންގެ ހިތުގައި ސުވާލު އުފެދިދާނެ ކަމަށެވެ. ނަމަވެސް އެ ފަދަ ޝައުގުވެރިކަމެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑު މަޖިލީހުގެ ހަޔާތުގައި ކުޅެން ދިމާވި އެ ދައުރު އަޅުގަނޑު އަދާކޮށްފީމޭ. އެހެންވީމާ، އަޅުގަނޑު ގަސްދެއް ނުކުރަމޭ ދެން އަލުން އެ ގޮނޑީގައި އިށީންނާކަށް. އަޅުގަނޑުގެ އެއްވެސް ޝައުގުވެރިކަމެއް ނެތޭ."

އޭނާ ވިދާޅުވީ، މަޖިލީހުގެ ރައީސްގެ މަގާމަށް ނައި ކަމުގައި ވިޔަސް، މަޖިލީހުގެ ރައީސްގެ މަގާމަށް ވަޑައިގަންނަވާ ބޭފުޅަކު އެދިވަޑައިގެންނެވި ކޮންމެ އެހީތެރިކަމަކާއި މަޝްވަރާ އާއި ލަފައެއް އެ ބޭފުޅަކަށް ދެއްވާނެ ކަމަށެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އަޅުގަނޑަކީ ރައްޔިތުންގެ މަޖިލީހުގެ ތާރީޚުގައި އައި ފުރަތަމަ މަލްޓިޕާޓީ މިނިވަން އިންތިހާބުގެ ދަށުން އުފެދުނު މަޖިލިސް ވަރަށް ދަތި މާހައުލެއްގައި، ސިޔާސީ ވަރަށް ބޮޑު ބައިބައިވުންތަކެއް އޮތް މާހައުލެއްގައި ފަސް އަހަރު ދުވަސް ވަންދެން އެ މަޖިލިސް ގާނޫނުއަސާސީ އާއި މަޖިލީހުގެ ގަވާއިދާ އެއްގޮތަށް ހިންގާފަ ހުރި މީހެކޭ. އެކަމު ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ގޮނޑިއަކީ އަޅުގަނޑު ދެން އިށީންނާނެ ގޮނޑިއެއް ނޫން. ބޭނުންފުޅުވާ ކޮންމެ ކަމެއްގައި އެހީތެރިކަން ދޭނަން."

ޝާހިދު ވިދާޅުވީ މަސީހުގެ އިތުބާރު ނެތް ކަމަށް މަޖިލީހުގެ ދެ ބައިކުޅަ އެއް ބަޔަށް ވުރެ ގިނަ މެންބަރުން ހުށަހަޅުއްވާފައިވާތީ، އެ މަގާމުގައި ހުންނެވުމުގެ އެއްވެސް ހައިސިއްޔަތެއް މިހާރު މަސީހަށް ނެތް ކަމަށެވެ.

މަޖިލީހުގެ ރައީސް އަބްދުﷲ މަސީހް މުހައްމަދު. --ފޮޓޯ މަޖިލިސް

"މަޖިލީހުގެ ރިއާސަތުގައި އިންނަ މީހަކަށް މަޖިލީހުގެ އަޣުލަބިއްޔަތުގެ އިތުބާރު ނެތިއްޔާ އެ ގޮނޑީގައި އިނުމަކީ އެއްގޮތަކަށް ވެސް ރީތި ކަމެއް ނޫން. އެއީ ޝަރަފުވެރި ކަމެއް ނޫން. އެއީ އެއްގޮތަކަށް ވެސް ޑިމޮކްރެޓިކް ހަމަތަކުގެ މަތިން ހިނގާ މަޖިލީހެއްގެ ރިއާސަތުގައި އިންނަ މީހަކު އިންނަންޖެހޭނެ ހާލަތެއް ނޫން،" އިތުބާރު ނެތް ކަމުގެ މައްސަލައާ ދެ ފަހަރު ކުރިމަތިލައްވަން ޖެހިވަޑައިގެންނެވި ޝާހިދު ވިދާޅުވި އެވެ.

މިހާރުގެ ގާނޫނުއަސާސީ އަށް އަމަލު ކުރަން ފެށި ފަހުން އެކުލަވައިލި ފުރަތަމަ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމަށް ޝާހިދު އިންތިހާބުވީ އޭރު އޮތް މަޖިލީހުގައި ހިމެނޭ 76 މެމްބަރުންގެ ތެރެއިން 42 ވޯޓުންނެވެ. އޭރު އޭނާއަކީ އިދިކޮޅު ޑީއާރްޕީގެ މެންބަރެކެވެ.

އޭނާގެ ރިއާސަތުގެ ފަސް އަހަރުގެ ތެރޭގައި، އޭނާގެ މައްޗަށް އިތުބާރު ނެތް ކަމުގެ ދެ މައްސަލައެއް ހުށަހެޅި އެވެ. އެންމެ ފުރަތަމަ 2012 ވަނަ އަހަރު އެ މައްސަލަ ހުށަހެޅުއްވީ އޭރުގެ ވެރިކަން ކުރާ އެމްޑީޕީގެ 27 މެމްބަރެކެވެ. އެ ފަހަރުގެ ވޯޓުގައި އޭނާގެ މައްޗަށް އިތުބާރު ނެތް ކަމަށް 25 މެމްބަރުން ވޯޓު ދެއްވި އިރު، އިތުބާރު އޮތް ކަމަށް 45 މެންބަރުން ވޯޓު ދެއްވި އެވެ.

އޭގެ ފަހުން 2013 ވަނަ އަހަރުގެ ކުރީކޮޅު ޝާހިދު ޑީއާރްޕީ ދޫކުރައްވައި އެމްޑީޕީއާ ގުޅިވަޑައިގަތުމުން، އޭނާގެ މައްޗަށް އިތުބާރު ނެތް ކަމަށް ދެ ވަނަ ފަހަރަށް ހުށަހެޅީ، ރައީސް ޔާމީންގެ ސަރުކާރުގައި ހިމެނުނު ޕީޕީއެމާއި ޖުމްހޫރީ ޕާޓީއާ އެމްޑީއޭ އަދި އަދާލަތު ޕާޓީގެ ކޯލިޝަނަށް ނިސްބަތްވާ 15 މެމްބަރުން ސޮއިކުރައްވަ އެވެ. ނަމަވެސް އެ މައްސަލައިގައި ވޯޓު ނުނަގަނީސް، މައްސަލަ ހުށަހެޅި ފަރާތުން މައްސަލަ އަނބުރާ ގެންދެވީ އެވެ.