އަދީބުގެ މައްޗަށް ކުރި 15 އަހަރުގެ ހުކުމް އިސްތިއުނާފްކޮށްފި

ރައީސް އަބްދުﷲ ޔާމީން އަވަހާރަކޮށްލަން، ރިޔާސީ ލޯންޗުކޮޅު "ފިނިފެންމާ" ގައި އައިއީޑީއެއް ގޮއްވާލި މައްސަލާގައި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ މައްޗަށް ކުރި 15 އަހަރު ދުވަހުގެ ޖަލު ހުކުމް ހައި ކޯޓުގައި މިއަދު އިސްތިއުނާފްކޮށްފި އެވެ.


އަދީބުގެ ވަކީލު މޫސާ ސިރާޖު ވިދާޅުވީ އަދީބުގެ މައްޗަށް ކުރި ޓެރަރިޒަމް ދައުވާ ސާބިތުވުމާ ގުޅިގެން އެ ހުކުމް އިސްތިއުނާފު ކޮށްދޭން އެދި ލިޔެކިޔުންތައް ހައި ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ. ނަމަވެސް އަދި އެ މައްސަލަ ބަލައިގެންފައެއް ނުވެ އެވެ.

ފިސްތޯލައެއް ގެންގުޅުނު މައްސަލާގައި އަދީބުގެ މައްޗަށް ސާބިތުވި 10 އަހަރުގެ ޖަލު ހުކުމާ އެކު އޭނާގެ މައްޗަށް 25 އަހަރުގެ ޖަލު ހުކުމެއް އެބަ އޮތެވެ. ފިސްތޯލަ ފެނުނު މައްސަލާގައި ކްރިމިނަލް ކޯޓުން ކުރި ހުކުމް ވެސް މިހާރު ވަނީ ހައި ކޯޓުގައި އިސްތިއުނާފްކޮށްފަ އެވެ.

ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލި މައްސަލާގައި އަދީބުގެ އިތުރުން އޭނާގެ ދެ ބޮޑީގާޑުން ކަމަށްވާ ހަސަން ރިކާޒާއި އަހްމަދު އާމިރުގެ މައްޗަށް އިއްވީ 10 އަހަރު ދުވަހުގެ ޖަލު ހުކުމެކެވެ.

ރައީސް ޔާމީންގެ ދެކަނބަލުން ހައްޖުގެ އަޅުކަމަށް ފަހު ރާއްޖެ ވަޑައިގެން، އެއާޕޯޓުން މާލެ އަށް ދަތުރުކުރެއްވި ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލީ މިދިޔަ ސެޕްޓެމްބަރު 28 ގަ އެވެ. އެ ހާދިސާގައި ރައީސްގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމް އާއި އެހެން ބައެއް ބޭފުޅުންނަށް އެކި ވަރުގެ ޒަހަމްތައް ލިބިވަޑައިގަތެވެ.