"ހިނި އަންނަނީ" އިވެންޓު ބޭއްވީ ރޭވި ގޮތަށް: މުބީން

ޕީޕީއެމް/އެމްޑީއޭ ޖަގަހައިގައި "ހިނި އަންނަނީ"ގެ ނަމުގައި އިވެންޓެއް ބޭއްވީ ކުރިން ވެސް އެކަން ރޭވި ގޮތަށް ކަމަށް ބިލެތްދޫ ދާއިރާގެ އަހުމަދު މުބީން މިއަދު ވިދާޅުވެއްޖެ އެވެ.


"ހިނި އަންނަނީ" އަކީ އިދިކޮޅު ސިޔާސީ ފަރާތްތަކުގެ އަޑު ކަނޑުވާލެވޭ ވަރުގެ ބޮޑު ސަޕްރައިޒް އިވެންޓެއްގެ ގޮތުގައި ސޯޝަލް މީޑިއާގައި އައީ ޕްރޮމޯޓްކުރަމުންނެވެ. އެހެންކަމުން އެއީ ކިހާ ބޮޑު އިވެންޓެއްތޯ ބަލަން ގިނަ ބަޔަކު އިންތިޒާރުކުރި އެވެ. އެކަމަކު ބައެއް ޓީވީތަކުން ފެނުނު އިރު އެއީ އާދައިގެ މިޔުޒިކް ޝޯއެކެވެ.

ސިޔާސީ ގޮތުން އާދަޔާ ޚިލާފު ކަމެއް ނުފެނުމުން "ހިނި އަންނަނީ" ހޭޝް ޓެގާ އެކު އިދިކޮޅު ފަރާތްތަކުން ގެންދަނީ ސަރުކާރަށް މަލާމާތްކުރަމުންނެވެ.

އެ ފާޑުކިއުންތަކަށް ރައްދު ދެއްވައި މުބީން ވިދާޅުވީ ރޭގެ މިއުޒިކް ޝޯ އިން އެތައް ބަޔަކު "ހިނި އައި" ކަމަށެވެ. އެ އިވެންޓް ބޭއްވީ އިންތިޒާމްކުރި ގޮތަށް ކަމަށާއި "ހިނި އަންނަ" ކަންކަން ސިލްސިލާކޮށް ކުރިއަށް ގެންދަން ރާވާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ރޭގެ އިވެންޓް އަޅުގަނޑުމެން ޕްރޮމޯޓް ކުރީ ޖަލްސާއެއްގެ ގޮތަކު ނޫން. އިންތިޒާމްކުރި ގޮތަށް ރޭ ކުރިއަށް ގެންދިޔައީ، އެ އިވެންޓުން ޒުވާނުން ހިނި އައި ނޫންތޯ؟ ބޭނުމަކީ އެއީ އިނގޭތޯ،" މުބީން ވިދާޅުވި އެވެ.

ބިލެއްދޫ ދާއިރާގެ މެމްބަރު މުބީން ރޭގެ ޝޯ ހުށަހަޅުއްވަނީ --މިހާރު ފޮޓޯ: ހުސެއިން ވަހީދު

އޭނާ ވިދާޅުވި ގޮތުގައި ރޭގެ އިވެންޓު ފެށިއިރު ޖަގަހަ ފުރިގެން މަގުމަތީގައި ވެސް އެތައް ބަޔަކު ތިބެން ޖެހުނެވެ. އެއީ ސަރުކާރަށް އޮތް ތާއީދު ކަމަށާއި ކުރިއަށް އޮތް ތަނުގައި ރައްޔިތުން ބޭނުންވާ ފަދަ އުފާވެރި ވާހަކަތަކެއް އަޑު އިވޭނެ ކަމުގެ ޔަގީންކަން ވެސް އޭނާ ދެއްވި އެވެ.

"މަސީހުގެ ވޯޓު 24 ވަނަ ދުވަހު ފޭލްކޮށްލައި، އަޅުގަނޑުމެން މާ ބާރު ހިނިގަނޑެއް ޖަހާނަން،" މުބީން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ސަރުކާރަށް ސަޕޯޓު ނެތް ކަަމަށް އިދިކޮޅު ފަރާތްތަކުން ވާހަކަ ދެއްކިއަސް، އެ ތާއީދު ވަރަށް އަވަހަށް ރައްޔިތުންނަށް ފެންނާނެ ކަމަށެވެ.

މަސީހުގެ އިތުބާރު ނެތް ކަމުގެ ވޯޓު މަޖިލީހަށް ވެއްދީ ޕީޕީއެމްގެ 10 މެމްބަރުންގެ ތާއީދާ އެކު ޖުމްލަ 45 މެމްބަރުންގެ ސޮއި ހިމެނޭ ގޮތަށެވެ. އެއާ އެކު، ސަރުކާރާއި އިދިކޮޅު ފަރާތްތަކުގެ މެދުގައި ބަހުގެ ހަމަލާތައް ވަނީ ވަރުގަދަވެފަ އެވެ. މަސީހު މަގާމުން ވަކިކުރާނެ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނާއިރު ސަރުކާރުގެ ސަޕޯޓަރުން ބުނަނީ މަސީހުގެ ވޯޓު މިފަހަރު ވެސް ފޭލްކޮށްލާނެ ކަމަށެވެ.