އަޅުގަނޑުމެން މިތިބީ "ހިމޭނަކުން" ނޫން: އެމްޑީއޭ

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މަގާމުން ވަކި ކުރުމުގެ މައްސަލައާ އެކު ސަރުކާރަށް ޕްރެޝަރު ބޮޑު ވެފައިވާ އިރު ކޯލިޝަން ޕާޓްނަރު އެމްޑީއޭ އޮތީ ހިމޭނުން ކަމަށް ކުރާ ތުހުމަތު އެ ޕާޓީން މިއަދު ދޮގުކޮށްފި އެވެ.


އެމްޑީއޭގެ ޑެޕިއުޓީ ލީޑަރު އަދި ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަލީ މައުރޫފް "މިހާރު" އަށް ވިދާޅުވީ މަސީހުގެ މަގާމު ދިފާއު ކުރަން އެ ޕާޓީ އަށް ކުރެވެން އޮތް މަސައްކަތެއް ކުރަމުން އަންނަ ކަމަށެވެ. މަޖިލީހުގެ ރައީސް ކަމަށް ގާބިލް މަސީހު އެ މަގާމުން ވަކި ކުރުމަކީ އެ ޕާޓީން ތާއީދު ކުރާނެ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

ޕީޕީއެމްގެ 10 މެމްބަރުންނާ އެކު ޖުމްލަ 45 މެމްބަރުން މަޖިލީހަށް ވައްދާފައިވާ މައްސަލައާ ދެކޮޅަށް ޕީޕީއެމުގެ އިސް ބޭފުޅުން މިހާތަނަށް ދައްކަވާފައިވާ ވާހަކަތަކަކީ، މައުރޫފް ވިދާޅުވި ގޮތުގައި، އެމްޑީއޭ އިން ވެސް ދެކޭ ގޮތެވެ. އެމްޑީއޭ އިން މިހާތަނަށް އެއްޗެއް ނުބުނެ އޮތީ، މީޑިއާއާ ވާހަކަ ދައްކަވާ އެ ޕާޓީގެ އިސް ބައެއް ބޭފުޅުން ރާއްޖެ އިން ބޭރުގައި ތިއްބެވުމުން ކަމަށް ވެސް ވިދާޅުވި އެވެ.

"ރައީސް ކަމުގެ މަގާމުން މަސީހު ވަތްކެއް ނުކުރެވޭނެ. [މަޖިލީސް ތަމްސީލް ކުރައްވާ] އެމްޑީއޭގެ ފަސް މެމްބަރުން މިތިބީ މަސީހާ އެކު، ސަރުކާރު ކޯލިޝަންގައި. ސަރުކާރަށް ލޮޅުން އަރުވާލަން މަސައްކަތް ކުރިއަސް އެކަމެއް ނުވާނެ. އެމްޑީއޭ މިއޮތީ ސަރުކާރާ އެކު ސާބިތުވެ،" މައުރޫފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މަސީހުގެ މަގާމު ގެއްލުވާލަން ޖެހޭ އެއްވެސް ސަބަބެއް އޮތް ކަމަށް އެ ޕާޓީން ގަބޫލުނުކުރާ ކަމަށެވެ. މަޖިލީހުގެ ރައީސް ކަން ފުރުއްވަން ޖެހިވަޑައިގަންނަވާނީ މަސީހު ފަދަ ތައުލީމީ، ގާބިލް، ދުނިޔެ އަށް ލޯ ހުޅުވިފައިވާ ބޭފުޅެއް ކަމަށް ވެސް މައުރޫފް ވިދާޅުވި އެވެ.

މައުރޫފް ވިދާޅުވި ގޮތުގައި މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ފޭލްކޮށްލައި، 2018 އާ ހަމައަށް އެމްޑީއޭ އޮންނާނީ ސަރުކާރާ އެކުގަ އެވެ.