އިތުރުފުޅު ހެއްދެވި ކަމަށް ގާރީ ރަޝީދު އިއުތިރާފްވެ ވަޑައިގެންފި!

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މަގާމުން ވަކި ކުރަން ސޮއި ނުކުރައްވާ ކަމަށް ވިދާޅުވެ އިތުރުފުޅު ހެއްދެވި ކަމަށް، އިސްދޫ ދާއިރާގެ މެމްބަރު އަހްމަދު ރަޝީދު މިއަދު އެއްބަސްވެވަޑައިގެންފި އެވެ.


ޕީޕީއެމްގެ 10 މެމްބަރުން ހިމެނޭ ގޮތަށް ޖުމްލަ 45 މެމްބަރުންގެ ސޮޔާ އެކު މަސީހުގެ އިތުބާރު ނެތް ކަމަށް މަޖިލީހަށް ވެއްދުމާ އެކު ޕީޕީއެމްގެ އިސް ބޭފުޅުންނާ އެކު ބޭއްވި ޕްރެސް ކޮންފަރެންސެއްގައި މެމްބަރު ރަޝީދު ވިދާޅުވީ އެ ލިޔުމުގައި ސޮއި ނުކުރައްވާ ކަމަށެވެ. އެ ލިސްޓުގައި އޭނާގެ ސޮއި ހިމެނީ ފޯޖު ކޮށްގެން ކަމަށް ވެސް ވިދާޅުވި އެވެ.

އެކަމަކު ސަރުކާރު ކޯލިޝަނުން މިއަދު ބޭއްވި ލައިވް ޕްރެސް ކޮންފަރެންސްގައި، އޭނާ އެ ދުވަހު ހެއްދެވީ އިތުރުފުޅެއް ކަމަށް ވަނީ އިއުތިރާފްވެވަޑައިގެންފަ އެވެ. ލިސްޓުގައި ސޮއި ކުރެއްވީ "މައިން ބަފައިން" ފަދަ ބޭފުޅަކު އެދިވަޑައިގަތުމުން ކަމަށް ވިދާޅުވި އެވެ. ނަމަވެސް އެއީ ކޮން ބޭފުޅެއް ކަމެއް ވިދާޅެއް ނުވެ އެވެ.

ރަޝީދު ވިދާޅުވި ގޮތުގައި ލިސްޓުގައި ސޮއި ކުރެއްވުނީ ވިސްނާލުމެއް ނެތި އެވެ. ފަހުން ހެޔޮ ވިސްނިވަޑައިގަތުމުން، އޭނާގެ ސޮއި އުނިކުރަން އެދިވަޑައިގަތް ކަމަށް ވެސް ވިދާޅުވި އެވެ.

ޕީޕީއެމް ކޯލިޝަނުން މިއަދު ބޭއްވި ނިއުސް ކޮންފަރެންސަށް ފަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް މަސީހް އާއި އިސްދޫ ދާއިރާގެ މެމްބަރު އަހުމަދު ރަޝީދު ސަލާމް ކުރައްވަނީ.---މިހާރު ފޮޓޯ: ހުސެއިން ވަހީދު

"އެއީ ކިހާވަރެއްގެ ކަމެއް ކަން އަޅުގަނޑު ފަހުން ވިސްނާލާފައި އެ ފަރާތަކަށް ގުޅާފައި ދެންނެވިން މިއީ އަޅުގަނޑަށް ބައިވެރިވެވޭނެ އެއްޗެއް ވެސް ނޫނޭ. އަދި އަޅުގަނޑު މިކަން ކުރާކަށް ވެސް ބޭނުމެއް ނޫނޭ. އަޅުގަނޑުގެ ނަން ތީގެ ތެރެ އަށް ނުލައްވައްޗޭ،" އޭނާ ވިދާޅުވި އެވެ.

މަސީހުގެ މައްސަލަ މަޖިލީހަށް ވެއްދުމުގެ އެއް ދުވަސް ކުރިން ވެސް ގުޅުއްވައި އޭނާގެ ނަން އުނިކުރަން އެދިވަޑައިގަތް ކަމަށް ވިދާޅުވި އެވެ.

މަސީހު ވަކި ކުރަން ސޮއި ކުރެއްވުމަށް ފަހު ރައްޔިތުންނަށް ފުރަތަމަ ހެއްދެވީ އިތުރުފުޅެއް ކަން ރަޝީދު އެއްބަސްވެވަޑައިގެންފައި މިވަނީ، އޭނާ ސޮއި ކުރައްވާ ފޮޓޯތަކެއް އާއްމުކޮށްފައި ވަނިކޮށެވެ. އަދި ވީޑިއޯ ވެސް އެބަހުރި ކަމަށާއި ސޮއި ކުރެއްވީ ދެ ރަކުއަތް ނަމާދެއްކޮށް، ދުއާ ކުރެއްވުމަށް ފަހު "މިކަން ދެން އިރާދަކުރެއްވިއްޔާ މި ނިމުނީ" ކަަަމަށް ގާރީ ވިދާޅުވުމަށް ފަހު ކަމަށް އިދިކޮޅު ފަރާތްތަކުން ބުނެފައި ވަނިކޮށެވެ.

މަސީހާ ދެކޮޅަށް ވަގު ސޮއިތަކެއް ހިމެނޭ ކަމަށް ޕީޕީއެމުގެ އިސް ބޭފުޅުން ކުރިން ވިދާޅުވެފައި ވަނީ ގާރީ ސޮއި ނުކުރައްވާ ކަމަށް ހެއްދެވި އިތުރުފުޅާ ގުޅިގެން ކަމަށް ބެލެވެ އެވެ.