ކޮރަޕްޝަންގެ އަމަލުތައް ބަލަން ބައިނަލްއަގުވާމީ ތަހުގީގެއް ކުރަން ޖެހޭ: ނަޝީދު

ރައީސް އަބްދުﷲ ޔާމީނާއި ސަރުކާރުގެ ބައެއް އިސް ބޭފުޅުން ހިންގެވި ކޮރަޕްޝަނާއި ފަސާދައިގެ އަމަލުތަކާއި މަނީ ލޯންޑްރިން އާއި އެހެނިހެން ކުށްތައް ބައިނަލްއަގުވާމީ ފަރާތްތަކުން ތަހުގީގު ކުރަން ޖެހޭ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.


ރާއްޖޭގައި މިހާތަނަށް ހިންގި އެންމެ ބޮޑު ހިޔާނާތް ކަމަށްވާ އެމްއެމްޕީއާރުސީގެ ކޮރަޕްޝަން ފައިސާ އަށް ވީ ގޮތް، ރައީސް ޔާމީނަށް އެނގިވަޑައިގަންނަވާނެ ކަމަށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ވަނީ ވިދާޅުވެފަ އެވެ. އޭގެ ތެރެއިން 80 ޕަސަންޓް ފައިސާ ރައީސް ޔާމީން ނެންގެވި ކަމަށް އަދީބު ވަނީ ވިދާޅުވެފަ އެވެ.

އިނގިރޭސި ވިލާތުން ސިޔާސީ ހިމާޔާތް ހޯއްދަވާފައިވާ ނަޝީދު ނެރުއްވި ބަޔާނުގައި ވިދާޅުވި ގޮތުގައި އަދީބުގެ ވާހަކަތަކުން ރައްޔިތުންނަށް އެނގި ހާމަވީ އެމްއެމްޕީއާރުސީގައި ހިންގި ކޮރަޕްޝަންގައި އެންމެ ބޮޑު އިސް ރޯލެއް އަދާ ކުރެއްވީ ރައީސް ޔާމީން ކަމެވެ.

"އަދީބު ވަނީ އާންމު ކުރައްވާފައި އެންމެން ވެސް ތުހުމަތުކޮށްގެން ހުރި ކަންކަން. އެއީ އެމްއެމްޕީއާރުސީން ހިޔާނާތުގައި ބައިވެރިވި އެންމެ އިސް ބޭފުޅަކީ ރައީސް ޔާމީން ކަމާއި އެމަނިކުފާނަށް ހުރިހާ ފައިދާއެއް ވި ކަން،" މިވަގުތު ސްރީލަންކާގައި ހުންނެވި ނަޝީދު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި ރައީސް ޔާމީން ވެރިކަމަށް ވަޑައިގަތީ ރައްޔިތުންނަށް ހިދުމަތް ކުރެއްވުމަށެވެ. އެކަމަކު ފެނިގެން ދަނީ ރައީސް ޖިނާއީ ކުށްތަކެއް ކުރައްވާ މަންޒަރު ކަމަށް ނަޝީދު ވިދާޅުވި އެވެ.

ރާއްޖޭގައި މިހާތަނަށް ހިންގި އެންމެ ބޮޑު އެ ހިޔާނާތުގެ މައްސަލަ އޮޑިޓްކޮށް، ނެރުނު ރިޕޯޓުގައިވާ ގޮތުން އެމްއެމްޕީއާރުސީ މެދުވެރިކޮށް ދައުލަތަށް ވަންނަން ޖެހޭ 1.2 ބިލިއަން ރުފިޔާ ވަނީ ގެއްލިފަ އެވެ.

އަދީބު ނެރުއްވި ނޫސް ބަޔާނެއްގައި ވިދާޅުވީ އެމްއެމްޕީއާރުސީން ގެއްލުނު ފައިސާގެ އަދަދާއި ފައިސާ ހަރަދު ކުރި ގޮތާއި އެކަމުގެ ހަގީގަތް ރައީސް ޔާމީނަށް އެނގިވަޑައިގަންނަވާނެ ކަމަށެވެ. އެމްއެމްޕީއާރުސީގެ ފައިސާ ބެލެހެއްޓުމާ ހަވާލުވެވަޑައިގެންފައި ނުވާ ކަމަށާއި ރައީސް ޔާމީންގެ ވެރިކަމުގައި މަސައްކަތް ކުރެއްވީ އިންވެސްޓަރުން ހޯދުމަށް ކަމަށް ވެސް އަދީބު ވިދާޅުވި އެވެ.

މީގެ ދޮޅު އަހަރު ކުރިން އެންޓި ކޮރަޕްޝަން ކޮމިޝަނުން ތަހުގީގު ކުރަން ފެށި، ގައުމު ސިއްސުވާލި ބޮޑު ހިޔާނާތުގެ ތަހުގީގު ރިޕޯޓް މިދިޔަ އޭޕްރީލް މަހު އާއްމު ކުރާނެ ކަމަށް ބުނި ނަމަވެސް އެކަން އަދިވެސް ނުކުރެ އެވެ.