އެއީ ދުސްތޫރީ ހަޔާތުގައި ނުފެންނަ ވަރުގެ ހަޑި އަމަލެއް: ޝާހިދު

އިއްޔެ އިރު އޮއްސެނިކޮށް ސުޕްރީމް ކޯޓުން ކުރި ހުކުމަކީ ރާއްޖޭގެ ދުސްތޫރީ ހަޔާތުގައި މިހާތަނަށް ނުގަންނަވަރުގެ ގަނޑެއް ގަތް ދުވަހެއް ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލިހުގެ ހެންވޭރު އުތުރު ދާއިރާގެ އަބްދުﷲ ޝާހިދު، ގދ. ތިނަދޫގައި މިރޭ ފާޑު ވިދާޅުވެއްޖެ އެވެ.


އިދިކޮޅު އިއްތިހާދުން އެ ރަށުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން، ރައްޔިތުންގެ މަޖިލިހުގެ ކުރީގެ ރައީސް ވިދާޅުވީ "އެ ހަޑިމުޑުދާރު އަމަލު"ގެ ސަބަބުން ލިބުނު މާޔޫސްކަމުގައި އުއްމީދުގެ ބައްތި އަލުން ދިއްލަން ތިނަދޫ ވަރުގެ ބިމެއް ނެތް ކަމަށެވެ.

"މިއީ ނެތި ފަނާކޮށްލީމާ އަލުން ތެދުވެ، ތަހުޒީބު [ގެނައި] ރަށެއް،" ޝާހިދު ވިދާޅުވި އެވެ.

އެހެންކަމުން އިސްލާހީ މަސައްކަތުގައި ފަހަތަށް ނުޖެހި، ކުރިއަށް ދާން ޖެހޭ ސަބަބަކީ ތިނަދޫ ރައްޔިތުން އެ ގެނެސްދިން އުއްމީދު ކަމަށް، ކުރިން މީހުން ބާލައި ފަޅުކުރި ރަށުގައި ހުންނަވައި، ޝާހިދު ވިދާޅުވި އެވެ.

މިހާރު އަމަލްކުރަމުން އަންނަ ގާނޫނުއަސާސީ އާއި އޭގެ ކުރިން އަމަލްކުރި ގާނޫނުއަސާސީ ޑްރާފްޓްކުރުމުގެ މަސައްކަތުގައި ވެސް އުޅުއްވި މެމްބަރު ވިދާޅުވި ގޮތުގައި 2008 ގައި ބަދަލުވީ ހަމައެކަނި އޭގެ ބޭރުގަނޑުގެ ކުލަ ނުލުން ފެއްސަކަށް ނޫނެވެ. އޭގެ މާއްދާތަކާއި އެ މާއްދާތަކުގެ ތަރުތީބަށް ބެއްޔަސް އެއީ ރާއްޖޭގެ ދުސްތޫރީ ހަޔާތުގައި ދުވަހަކު ވެސް ނާންނަ ވަރުގެ ބޮޑު ބަދަލެއް ކަމަށް ވިދާޅުވި އެވެ.

ޕާޓީއެއްގެ މެމްބަރުކަމުން ވަކިވުން، ވަކިކުރުން ނުވަތަ އެހެން ޕާޓީއަކާ ގުޅުމުން ރައްޔިތުންގެ މަޖިލިހުގެ މެމްބަރުކަން ގެއްލޭނެ ކަމަށް ސުޕްރީމް ކޯޓުން ރޭ ކަނޑައަޅައި ނެރުނު ހުކުމަކީ ކިހާ ބޮޑު ގޯހެއްކަން ދައްކަވަން ޝާހިދު މިސާލު ނެންގެވީ ގާނޫނުއަސާސީގެ ބައެއް މާއްދާތަކުންނެވެ.

އަށް ވަނަ މާއްދާގައި "ދިވެހި ދައުލަތުގެ އެންމެހާ ބާރުތައް ހިންގަންވާނީ މި ގާނޫނުއަސާސީގައިވާ ގޮތުގެ މަތިން" ކަމަށް އޮތް އޮތުން ވިސްނައިގަންނަން ދުސްތޫރީ އިލްމުވެރިޔަކަށް ނުވަތަ ގާނޫނީ ވަކީލަކަށް ވާން ނުޖެހޭ ކަމަށް ޝާހިދު ވިދާޅުވި އެވެ.

"ދިވެހި ބަހަށް ފަރިތަ، ދިވެހި ބަހުން ވާހަކަ ދައްކާ އުޅޭ ކޮންމެ ދަރިއަކަށް ސާފުވާނޭހާ ސާފު ބަހުން ބުނެފައި އެ އޮތީ،" އޭނާ ވިދާޅުވި އެވެ.

ގާނޫނުއަސާސީގެ މާއްދާތަކުގެ ތަރުތީބަށް ބައްލަވާފައި، އަށް ވަނަ މާއްދާއާ ގުޅޭ ގޮތުން އޭނާ ނެންގެވީ "މި ގާނޫނުއަސާސީއާ ހިލާފަށް ކުރާ ކޮންމެ ކަމަކީ ބާތިލް ކަމެކޭ" ބުނެފައި އޮންނަ 268 ވަނަ މާއްދާ އެވެ. ދެން އޭނާ ޖެހިވަޑައިގަތީ "ގާނޫނުއަސާސީ އަށް ކިޔަމަންގަތުން" ކަމަށް ލިއެފައިވާ 299 ވަނަ މާއްދާއަށެވެ. އޭގައި ބުނެފައި ވަނީ ވެރިކަން ހިންގާ ފަރާތާއި (ރައީސުލްޖުމްހޫރިއްޔާ)، ރައްޔިތުންގެ މަޖިލިހުންނާއި އިންސާފު ގާއިމްކުރުމުގެ ބާރުންނާއި މިނިވަން ކޮމިޝަންތަކާއި މުއައްސަސާތަކާއި ދައުލަތުގެ މަގާމުތަކުގައި ތިބި މީހުންނާއި ހުރިހާ ރައްޔިތުން "މި ގާނޫނުއަސާސީގައިވާ އެންމެހާ ކަންތައްތަކަށް ފުރިހަމައަށް ކިޔަމަންވެ، އަމަލްކުރާންވާނެ" ކަމަށެވެ.

މި މާއްދާތައް އޭނާ ދެއްކެވީ، ސުޕްރީމް ކޯޓުގެ ހުކުމަކީ ގާނޫނުއަސާސީގައި ރައްޔިތުންގެ މަޖިލިހުގެ މެމްބަރުން ވަކިވާނެ ގޮތް ކަމަށް ކަނޑައަޅާފައިވާ ސަބަބުތަކާ ހިލާފަށް އިތުރު ކުރި ބަޔަކަށް ވުމުންނެވެ. ގާނޫނުއަސާސީގައި ސާފުކޮށް ބަޔާންކޮށްފައިވާ ކަމަކާ މުޅިން ފުށުއަރާ ހުކުމެއް ސުޕްރީމް ކޯޓުން ނެރުމަކީ ގާނޫނުއަސާސީއާ ޚިލާފުވުން ކަމަށް، އިދިކޮޅު ފަރާތްތަކާއި ގާނޫނީ ބައެއް ތަޖުރިބާކާރުން އަންނަނީ ބުނަމުންނެނެވެ

ސުޕްރީމް ކޯޓުން އެ ހުކުމްކުރީ ޕީޕީއެމުން 10 މެމްބަރަކު އިދިކޮޅު ފަރާތްތަކާ ގުޅުމުން ރައްޔިތުންގެ މަޖިލިހުގެ މެޖޯރިޓީ ގެއްލުމާ އެކު، ބަންޑަރަ ނައިބު މުހައްމަދު އަނިލް ވެއްދެވި ދުސްތޫރީ މައްސަލައިގަ އެވެ.