ލޭ ހަދިޔާ ކުރުމުގެ ކޭމްޕެއް އެލިޔާ އިން ފަށައިފި

ލޭ ހަދިޔާ ކުރުމުގެ ބައިނަލްއަގުވާމީ ދުވަސް ފާހަގަކުރުމުގެ ގޮތުން އެލިޔާ އިންވެސްޓްމަންޓާއި މޯލްޑިވްސް ބްލަޑް ސާވިސް ގުޅިގެން ލޭ ހަދިޔާ ކުރުމުގެ ކޭމްޕެއް މިއަދު އާޓް ގެލަރީގައި ފަށައިފި އެވެ.


އެއް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި ކޭމްޕަކީ އާއްމުންނަށް ހުޅުވާލައިގެން ކުރިއަށް ގެންދާ ކޭމްޕެކެވެ.

ކޭމްޕް ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވަމުން އެންސްޕާގެ ސީއީއޯ އިސްމާއިލް އައްޒާމް ވަހީދު ވިދާޅުވީ ދިވެހިރާއްޖޭގެ ލޭ ހަދިޔާ ކުރާ ފަރާތްތަކަކީ ގައުމީ ރައުސްމާލެއް ކަމަށެވެ. އަދި ލޭ ހަދިޔާ ކުރުމަކީ އަމިއްލަ ކަމެއް ކަމުގައި ދެކިގެން މަސައްކަތް ކުރުމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޖަލްސާގެ ޝަރުވެރި މެހެމާނު އެންސްޕާގެ ސީއީއޯ އިސްމާއިލް އަފްޒަލް ލޭ ހަދިޔާ ކުރައްވަނީ. ފޮޓޯ-ހުސެއިން ވަހީދު/މިހާރު

މި ރަސްމިިއްޔާތުގައި ވާހަކަ ދައްކަމުން އެލިޔާ އިންވެސްޓްމެންޓްގެ ޖެނެރަލް މެނޭޖަރު މުހައްމަދު ސައީދު ވިދާޅުވީ އަލަށް ލޭ ހަދިޔާ ކުރާ ފަރާތްތައް އިތުރު ކުރުމަށް، އުމުރުން 25 އަހަރުން ދަށުގެ މީހުންނަށް ހޭލުންތެރިކަމުގެ ޕްރޮގްރާމްތަކެއް ހިންގަން ޖެހޭ ކަމަށެވެ.

މިދިޔަ އަހަރު އެންމެ ގިނައިން ލޭ ހަދިޔާ ކުރި މީހުންނަށް މިރަސްމިއްޔާތުގައި ވަނީ ހަނދާނީ ފިލާ ދީފަ އެވެ. އެގޮތުން ޖުމްލަ ހަތް މީހަކަށް ވަނީ މި ހަނދާނީ ފިލާ ދިނެވެ. ކޮންމެ އަހަރަކުވެސް އެންމެ ގިނައިން އެކަކަށް ލޭ ހަދިޔާ ކުރެވޭނީ ހަތަރު ފަހަރެވެ.

އެލިޔާ އިން ވަނީ މިދިޔަ ދެ އަހަރު ވެސް ލޭ ހަދިޔާ ކުރުމުގެ ކޭމްޕްތައް މޯލްޑިވްސް ބްލަޑް ސާވިސްއާ ގުޅިގެން ބާއްވައިފަ އެވެ.