މަސީހު ޖަވާބުދާރީވާނެ ވަގުތު ކަނޑައެޅުން ބުރާސްފަތި ދުވަހު

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހްގެ އިތުބާރު ނެތް ކަމުގެ މައްސަލައިގައި ޖަވާބުދާރީވުމަށް އެ މަނިކުފާނަށް ދެއްވާނެ ވަގުތު ކަނޑައެޅުމަށް އާންމު ކޮމެޓީގެ ބައްދަލުވުމެއް ބާއްވަން ނިންމައިފި އެވެ.


މަޖިލީހުން މިއަދު ބުނި ގޮތުގައި ކޮމެޓީގެ ބައްދަލުވުން އޮންނާނީ އަންނަ ބުރާސްފަތި ދުވަހު އެވެ.

ކޮމެޓީ ބައްދަލުވުމުގައި މަސީހަށް ޖަވާބުދާރީވުމަށް ދޭނެ ވަގުތާއި އެ މަނިކުފާނުގެ އިތުބާރު ނެތް ކަމުގެ މައްސަލަ އަށް މެމްބަރުން ބަހުސް ކުރާނެ ވަގުތު ކަނޑައަޅާނެ އެވެ. ނަމަވެސް މަސީހް ވަކި ކުރުމުގެ މައްސަލަ އެޖެންޑާ ކުރާނެ ވަކި ތާރީހެއް މަޖިލީހުން އަދި އިއުލާނެއް ނުކުރެ އެވެ.

އާންމު ކޮމެޓީގެ ބައްދަލުވުމެއް ބާއްވަން ތާވަލުކޮށްފައި މިވަނީ މަސީހް ވަކި ކުރި މައްސަލަ ބާތިލް ކުރަން ޖެހޭ ކަމަށް ވެރިކަން ކުރާ ޕީޕީއެމްގެ އިސް ބޭފުޅުން ވިދާޅުވަމުން ގެންދަވަނިކޮށެވެ. އެއީ އެ ބޭފުޅުން ވިދާޅުވި ގޮތުގައި ބައެއް މެމްބަރުންގެ ސޮއި "ވަގަށް" ހޯދި ކަމަށް ބުނެ އެވެ. އެ މެމްބަރުން މިސާލެއްގެ ގޮތުގައި ނެންގެވީ އިސްދޫ ދާއިރާގެ މެމްބަރު އަހުމަދު ރަޝީދެވެ. ނަމަވެސް މަސީހު މަގާމުން ވަކި ކުރަން ސޮއި ނުކުރައްވާ ކަމަށް ވިދާޅުވެ އިތުރުފުޅު ހެއްދެވި ކަމަށް އޭނާ ފަހުން ވަނީ އެއްބަސްވެވަޑައިގެންފަ އެވެ.

މަޖިލީހަށް ހުށަހަޅާ އިތުބާރު ނެތް ކަމުގެ މައްސަލަތަކުގައި މަޖިލީހުގެ ރައީސަށް ޖަވާބުދާރީވުމަށް އާންމު ކޮމެޓީން މީގެ ކުރިން ކަނޑައަޅާފައި ވަނީ 30 މިނެޓެވެ. އެއީ ބަހުސް ފެށުމާއެކު ލިބޭ 10 މިނެޓާއި ބަހުސްގެ މެދު ތެރެއިން ލިބޭ 10 މިނެޓާއި ބަހުސް ނިމުމާއެކު މަޖިލީހުގެ ރައީސަށް ލިބޭ 10 މިނެޓެވެ.

އާންމު ގޮތެއްގައި މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލައިގެ ބަހުސަށް ދެ ގަޑިއިރު ހޭދަވާނެ އެވެ. އޭގެ ތެރެއިން ދޮޅު ގަޑިއިރަކީ މެމްބަރުންނަށް ވާހަކަ ދައްކަވަން ލިބޭ ފުރުސަތެވެ.

މަސީހުގެ އިތުބާރު ނެތް ކަމަށް ފާސް ކުރާނެ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނަމުން އަންނައިރު، ސަރުކާރަށް ތާއީދު ކުރައްވާ މެމްބަރުން ވިދާޅުވަނީ އެ ވޯޓު ނާކާމިޔާބުކޮށްލާނެ ކަމަށެވެ.

މަޖިލީހުގެ ރައީސްގެ މައްޗަށް އިތުބާރު ނެތް ކަމަށް ފާސްވާނީ އެ ދުވަހެއްގެ ޖަލްސާއެއްގައި ވޯޓުގައި ބައިވެރިވާ މެމްބަރުންގެ އަޣުލަބިއްޔަތުން ފާސްވުމުންނެވެ. މަސީހް ވަކި ކުރުމުގެ މައްސަލަ މަޖިލީހަށް ހުށަހެޅީ ޕީޕީއެމްގެ 11 މެމްބަރުން ހިމެނޭ ގޮތަށް 45 މެމްބަރުންގެ ސޮޔާއެކުގަ އެވެ. އެކަމަކު އަހުމަދު ރަޝީދު ފިޔަވައި ދެން ސޮއި ކުރެއްވި ޕީޕީއެމްގެ ހުރިހާ މެމްބަރުން ވެސް މިހާރު ވަނީ ޕާޓީން ވަކިވެޑައިގެންފަ އެވެ.