އޮއިއްޓެއަށް ފަހުގެ އިންޒާރު، ހާޒިރުނުވެއްޖެނަމަ ދައުވާ ކުރަނީ

ޓެރަރިޒަމާއި ހަނގުރާމަވެރި ހަތިޔާރާއި ގޮވައި ތަކެތި ގެންގުޅުމާއި މަނީ ލޯންޑެރިންގެ މައްސަލަތަކުގައި ހޯދަމުން އަންނަ ގ. އޮއިވާލި މުހައްމަދު ހުސެއިން (އޮއިއްޓޭ) 36، ކުރިއަށް ދެ ހަފުތާ ތެރޭގައި ރާއްޖެ ނައިފިސްފި ނަމަ، އޭނާގެ މައްޗަށް ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވާނެ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.


ކުރީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ އޮއިއްޓެއާ ބެހޭ ގޮތުން ފުލުހުން ނެރުނު ބަޔާނުގައި ބުނީ އޭނާގެ މައްޗަށް ކުރާ ތުހުމަތުތަކަށް ޖަވާބުދާރީވެ، ދިފާއުގައި ވާހަކަ ދެއްކުމުގެ ފުރުސަތު ދިނުމުގެ ގޮތުން، މިއަދުން ފެށިގެން 14 ދުވަސް ތެރޭގައި ފުލުސް އޮފީހަށް ހާޒިރުވުމަށް އަންގާ ކަމަށެވެ.

އޮއިއްޓޭ ފުލުސް އޮފީހަށް ހާޒިރުނުވެއްޖެނަމަ އޭނާގެ މައްޗަށް ތުހުމަތު ކުރާ މައްސަލަތަކާ ގުޅިގެން މިހާތަނަށް ހޯދިފައިވާ ހޯދުންތަކާއި ލިބިފައިވާ ހެއްކާއި ގަރީނާތަކުގެ މައްޗަށް ބިނާކޮށް ޣައިރު ހާޒިރުގައި ދައުވާ ކުރުމަށް ޕީޖީ އޮފީހަށް ފޮނުވާނެ ކަމަށް ވެސް ފުލުހުންގެ ބަޔާނުގައިވެ އެވެ.

އޮއިއްޓޭ ރާއްޖޭން ބޭރުގައި ފިލައިގެން އުޅެމުން އަންނާތީ، ފުލުހުންގެ ބެލުމުގެ ދަށަށް އައުމަށް އާންމުކޮށް އަންގައި އިއުލާންކޮށްފައިވީ ނަމަވެސް މިހާތަނަށް ފުލުހުންގެ ތަހުގީގަށް އޭނާ ހާޒިރެއް ނުވެ އެވެ.

މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ރިޔާސީ ލޯންޗުކޮޅުގައި ބޮން ގޮއްވި ހާދިސާއާ ގުޅިގެން އޮއިއްޓޭއާ އެކު އިތުރު ބަޔަކު ވެސް އަންނަނީ ހޯދަމުންނެވެ. އަދި މި މައްސަލަތަކުގައި ފިލައިގެން އުޅޭ މީހުންގެ މައްޗަށް ވެސް ޣައިރު ހާޒިރުގައި ދައުވާ ކުރާނެ ކަމުގެ އިންޒާރު ފުލުހުން ވަނީ ދީފަ އެވެ.