މަޝްހޫރު އޮންލައިން ނޫސް، ޗެނަލް ނިއުސް މޯލްޑިވްސް (ސީއެންއެމް) އަށް ކުރިމަތިވި "ސިޔާސީ ޕްރެޝަރުތަކަކާ ހެދި" އެ ނޫސް ހިންގުން މިރޭ ހުއްޓާލައިފި އެވެ.
ސީއެންއެމްގެ ވެބްސައިޓަށް މިހާރު ނުވަދެ ވޭއިރު، އެނގިފައިވާ ގޮތުގައި އެ ނޫސް ހިންގަމުން ގެންދިޔަ އޮފީސް މިރޭ ބަންދުކޮށް، އެ ތަނުގައި މަސައްކަތް ކުރަމުން ދިޔަ 15 ވަރަކަށް ނޫސްވެރިންނާއި އެހެނިހެން މުވައްޒަފުން ގޭގައި މަޑުކުރަން ވަނީ އަންގައިފަ އެވެ. އަދި ނޫސް ހިންގަމުން ގެންދިޔަ ކުންފުނި އުވާލުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ވެސް ވެ އެވެ.

މިކަމާ ގުޅޭ ގޮތުން ސީއެންއެމްގެ ބަހެއް އަދި ނުލިބެ އެވެ.
އެކަމަކު، "މިހާރު" އަށް އެނގިފައިވާ ގޮތުގައި ސީއެންއެމް ހުއްޓާލަން ޖެހުނީ އެ ތަނުގެ ބައެއް ހިއްސާދާރުންނަށް "ސިޔާސީ ގޮތުން" ކުރިމަތިވި ޕްރެޝަރުތަކާ ހެދި އެވެ. އެ ގޮތުން، ނޫހުގެ ހިއްސާ އެހެން ބަޔަކަށް ބަދަލުކުރަން އެންގި އެންގުމަށް އެކަން ނުކުރުމުން، އެ ފަރާތްތަކުން ކުރަމުން އަންނަ އެހެން ވިޔަފާރިތަކަށް ދަތިކޮށްފައިވާ ކަމަށްވެ އެވެ.
ފަސް އަހަރަށް ފަހު ސީއެންއެމް ހުއްޓާލަން މި ޖެހުނީ ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމް ހިންގަވާ ޖަމިއްޔާއަކުން ކޮރަޕްޝަން ކަމަށް ބެލެވޭ ކަންތައްތަކެއް ކުރަމުން އަންނަކަން އެ ނޫހުން ފަޅާއަރުވާލާފައި ވަނިކޮށެވެ. އޭގެ ތެރޭގައި ސައުދީން ހަދިޔާ ކުރި ކަދުރުގެ އިތުރުން ރާއްޖެ އަށް ލިބޭ ހައްޖު ކޯޓާގެ ބައެއް ފަސްޓް ލޭޑީގެ ބޭނުންފުޅަށް ނަންގަވާފައިވާ ކަމަށް އެ ނޫހުން ވަނީ ހާމަކޮށްފަ އެވެ.
ނޫސް ހިންގަން ބޭނުންވާ ފައިސާ އެހެން ގޮތަކުން ހޯދުމުގެ މަސައްކަތް ސީއެންއެމްގެ އިސް ވެރިން މިހާރު ކުރަމުން އަންނަ ކަމަށް ވެސް ވެ އެވެ.
ރާއްޖޭގެ އެންމެ ގިނަ ދުވަސްވީ ނޫސް، "ހަވީރު" ވެސް ވަނީ ކޯޓު އަމުރަކާ ގުޅިގެން ހުއްޓާލަން ޖެހިފަ އެވެ.