ނާޒިމް މިނިވަންކުރުމަށް އެދި ސިފައިން ރައީސް ޔާމީނަށް ސިޓީއެއް ނުފޮނުވާ: އެމްއެންޑީއެފް

ހަނގުރާމަވެރި ހަތިޔާރު ގެންގުޅުނު ކަމުގެ ކުށް ސާބިތުވެ، 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް މިނިވަންކުރުމަށް އެދި ރައީސް އަބްދުﷲ ޔާމީނަށް ސިފައިންގެ ފަރާތުން ސިޓީއެއް ނުފިނުވާ ކަމަށް އެމްއެންޑީއެފުން މިއަދު ބުނެފި އެވެ.


ނާޒިމް މިނިވަންކުރުމަށް އެދި އެފަދަ ސިޓީއެއް ސިފައިންތަކެއް ސޮއިކޮށް، ރައީސް ޔާމީނަށް ފޮނުވި ކަމަަށް ބުނެ ސޯޝަލް މީޑިއާގައި ފެތުރި ވާހަކަތަކާ ގުޅޭ ގޮތުން، އެމްއެންޑީއެފްގެ ސްޕޯކްސްޕާސަން ބްރިގޭޑިއާ ޖެނެރަލް ޒަކަރިއްޔާ މަންސޫރު ދެއްވި ވީޑިއޯ މެސެޖެއްގައި ވިދާޅުވީ ޝަރުއީ ހުކުމެއް ތަންފީޒު ކުރަމުންދާ ބަޔަކު މިނިވަންކުރުމަށް ސިފައިންގެ ތެރެއިން އެއްވެސް ބަޔަކު ރައީސް ޔާމީނަށް ސިޓީއެއް ނުފޮނުވާ ކަމަށެވެ.

އެހެންވެ އެފަދަ ހަގީގަތާ ޚިލާފު ވާހަކަތައް އެއްވެސް ފަރާތަކުން ނުފެތުރުމަށް ޒަކަރިއްޔާ އެދިވަޑައިގަތެވެ.

އޭނާ ވިދާޅުވި ގޮތުގައި ދިވެހި ސިފައިން އަބަދުވެސް ތިބޭނީ އިސްލާމްދީނާއި ރާއްޖޭގެ މިނިވަންކަމާއި ގާނޫނުއަސާސީ ހިމާޔަތް ކުރުމުގަ އެވެ.

"އަދި ގާނޫނީ ވެރިކަމަށް ކިޔަމަންތެރިކަން އަދާކުރުމާއެކު ވެރިކަމަށް އެހީތެރިކަން ފޯރުކޮށްދޭ ބައެއްގެ ގޮތުގައި. ހަމަ އެހެންމެ ރައްޔިތުންގެ ރައްކާތެރިކަމާއި ރައްޔިތުންގެ ހިމާޔަތާއި ސުލްހަމަސަލަސްކަން ގާއިމްކޮށްދޭ ބައެއްގެ ގޮތުގައި،" ޒަކަރިއްޔާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ސުލްހަ ގާއިމް ކުރުމަށް ދިވެހި ފުލުހުންގެ ފަރާތުން ސިފައިންގެ އެހީތެރިކަމަށް އެދިއްޖެ ނަމަ، ގާނޫނުތަކުގައި ވާ ގޮތުގެ މަތިން އެކަން ކޮށްދޭނެ ކަމަށެވެ.

"އަދިވެސް އަޅުގަނޑުމެންގެ އިލްތިމާސަކީ ހަގީގަތެއް ނެތް ވާހަކަތައް ދިވެހި ސިފައިންނާއި ދިވެހި އަސްކަރިއްޔާ އަށް ނިސްބަތްވާ ގޮތަށް އެއްވެސް ފާރަތަކުން ނުދެއްކެވުން،" ޒަކަރިއްޔާގެ ކުރު ވީޑިއޯ މެސެޖުގައި ވިދާޅުވި އެވެ.