އިތުބާރު ނެތްކަމުގެ މައްސަލަ ބާތިލެއް ނުކުރެވޭނެ: އިބޫ

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހުން މިއަދު ބޭރުކޮށްލި ނަމަވެސް އެކަން ބަލައި ނުގަންނަ ކަމަށާއި ކަނޑައެޅިފައި އޮތް ދުވަހު އެ ވޯޓު އޮންނާނެ ކަމަށް، އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު ހިންވަރު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވެއްޖެ އެވެ.


އިދިކޮޅު ފަރާތްތަކުން މިއަދު ހަވީރު މ. ކުނޫޒުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އިބޫ ވިދާޅުވީ މަޖިލީހުގެ ރައީސް އަދި ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ހުށަހެޅުމުން އެކަމުގެ ހުރިހާ ޒިންމާއަކާއި މަސްއޫލިއްޔަތެއް އުފުލަން ޖެހޭނީ އަމީން އާއްމު ކަމަށެވެ.

އެކަމަކު އިތުބާރު ނެތްކަމުގެ މައްސަލަ ބޭރު ކުރިކަން އަންގައި މެމްބަރުންނަށް މިއަދު ފޮނުވި ސިޓީގައި ސޮއި ކުރައްވާފައިވަނީ ނައިބު ރައީސް އަދި ހުޅުހެންވޭރު ދާއިރާގެ މެމްބަރު ރީކޯ މޫސާ މަނިކު ކަމަށާއި މި ފަދަ މައްސަލައެއްގެ ތެރެއަށް މަޖިލީހުގެ ރައީސަށް ވެސް އަދި ނައިބު ރައީސަށް ވެސް ވަދެވަޑައިނުގަނެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އެހެންވެ، އެ ސިޓީ މެމްބަރުން ބަލައި ނުގަންނަ ކަމަށް އިބޫ ވިދާޅުވި އެވެ.

މަޖިލީހުން މިއަދު މެމްބަރުންނަށް ފޮނުވި ސިޓީގައި ބުނެފައިވަނީ އެ މައްސަލަ ބާތިލު ކުރީ، މައްސަލަ ހުށަހެޅި އެއް މެމްބަރެއް ކަމަށްވާ އިސްދޫ ދާއިރާގެ މެމްބަރު އަހުމަދު ރަޝީދު ސޮއި އަނބުރާ ގެންދަވާފައިވާކަން މަޖިލީހަށް އަންގާފައިވާތީ އާއި، އެ މައްސަލަ ހުށަހެޅުއްވިއިރު ސޮއި ކުރެއްވި އެހެން ހަތަރު މެމްބަރެއްގެ ގޮނޑި ގެއްލިއްޖެކަން އިލެކްޝަންސް ކޮމިޝަނުން މަޖިލީހަށް އަންގާފައިވާތީ ކަމަށެވެ.

އިބޫ ވިދާޅުވި ގޮތުގައި އެއްވެސް ގާނޫނަކުން، ގާނޫނު އަސާސީއަކުން އަދި ހުކުމަކުން ވެސް މަޖިލީހުގެ މެމްބަރެއްގެ ގޮނޑި ގެއްލުވާލުމުގެ ބާރު އިލެކްޝަންސް ކޮމިޝަނަކަށް ނުލިބެ އެވެ. އެހެންވެ، މެމްބަރުންގެ ގޮނޑި ގެއްލިއްޖެ ކަމަށް ބުނެ އީސީން މަޖިލީހަށް ފޮނުވާފައިވަނީ ސައްހަ ލިޔުމެއް ނޫން ކަމަށާއި އެ ލިޔުމަށް ބިނާކޮށް، އިތުބާރު ނެތްކަމުގެ ވޯޓު ބާތިލް ކުރެވިދާނެ ކަމަކަށް ގަބޫލު ނުކުރައްވާ ކަމަށް ވިދާޅުވި އެވެ.

"މައްސަލަ ބޭރުކޮށްލި އަނެއް ސަބަބަކަށް މަޖިލީހުން ބުނެފައިވަނީ މެމްބަރުންގެ ގޮނޑިތައް ގެއްލުމާ ގުޅިގެން، (ޕެޓިޝަނުގައި) ސޮއި ކުރައްވާފައިވާ މެމްބަރުންގެ ސޮއި ބާތިލްވީ ކަމަށް. މިއީ ގާނޫނީ ހަމަތަކުގެ މަތިން، މަޖިލީހުގައި ކަންކުރެވޭނެ ގޮތެއް ނޫން. އެހެން ކަމަށް ވާނަމަ ހަމައެކަނި އެ ސޮޔެއް ނޫން ބާތިލް ވާން ޖެހޭނީ. މަޖިލީހުގެ ތެރޭގައި އެ މެމްބަރަކު ކުރައްވާފައިވާ ހުރިހާ ސޮއެއް ބާތިލް ވާނެ،" އިބޫ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މަޖިލިސްގެ މި އެންގުމަކީ މެމްބަރުން ގަބޫލު ކުރާނެ ކަމެއް ނޫން ކަމަށާއި އަދި އެއްވެސް މެމްބަރެއްގެ ގޮނޑި ވެސް ނުގެއްލޭ ކަމަށެވެ. އެހެންވެ، މައްސަލަ ތާވަލުކޮށްފައި އޮތް ދުވަހަށް މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ ވޯޓު ނަގައި އެކަން ކާމިޔާބު ކުރާނެ ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުމެން މައްސަލަ އަދި މިހާހަމައަކުން ދުލެއް ނުކޮށްލާނަން. ގާނޫނީ އިމުގެ ތެރެއިން އަޅުގަނޑުމެންނަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނަން،" އިބޫ ވިދާޅުވި އެވެ.

މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ 45 މެމްބަރުންގެ ސޮޔާ އެކު މަޖިލީހަށް ވެއްދީ މި މަހުގެ ތިން ވަނަ ދުވަހު އެވެ. އެ މައްސަލަ އެޖެންޑާކޮށްފައި ވަނިކޮށް، މި މައްސަލަ ހުށަހެޅުއްވުމުގައި ސޮއިކުރެއްވި، ދިއްދޫ ދާއިރާގެ މެމްބަރު އަބްދު ލަތީފު މުހަންމަދާއި ތުލުސްދޫ ދާއިރާގެ މެމްބަރު މުހަންމަދު ވަހީދު އަދި ވިލިނގިލީ ދާއިރާގެ ސައުދު ހުސެއިނާއި މަޑުއްވަރީ ދާއިރާގެ މުހަންމަދު އަމީތު ޕީޕީއެމުން މީގެ ދެ ރޭ ކުރިން ވަނީ ވަކިކޮށްފަ އެވެ. އެހެންވެ، އެ މެމްބަރުންގެ ގޮނޑި ހުސްވެއްޖެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމައިފަ އެވެ.