ފާރިސް މާފުށީ ޖަލަށް ބަދަލުކޮށްފި

ރިޝްވަތުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ރައްޔިތުންގެ މަޖިލިހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަދި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ދަރިކަލުން އަހުމަދު ފާރިސް މައުމޫން މިއަދު މާފުށީ ޖަލަށް ބަދަލުކޮށްފި އެވެ.


އޭނާ މާފުށީ ޖަލަށް މި ބަދަލު ކުރެއްވީ، ތަހުގީގު މަރުހަލާގައި ރިމާންޑް ޖަލެއްގައި ބަންދުކޮށްފައި ބެހެއްޓުމަކީ ޖަލުތަކާއި ޕެރޯލާ ގާނޫނާ ހިލާފުކަމެއް ކަމަށް ވިދާޅުވި ފާރިސްގެ ވަކީލު މައުމޫން ހަމީދު މިއަދު ހެނދުނު ކްރިމިނަލް ކޯޓަށް ސިޓީ ފޮނުއްވާފައި ވަނިކޮށެވެ. އެ ސިޓީގައި އޭނާ ވަނީ ތުހުމަތު ކުރެވޭ މައްސަލައިގައި ހުކުމެއް ކުރެވެން ދެން ރިމާންޑް ޖަލެއްގައި ބަންދުކޮށްފައި ބެހެއްޓުމަށް ކޯޓުން ކުރި އަމުރު މުރާޖައާ ކޮށްދިނުމަށް ވެސް އެދިފަ އެވެ.

މައުމޫން ވިދާޅުވީ ރައްޔިތުންނަށް ހިދުމަތްކޮށްދޭން ތިބި ފަރާތްތަކުން އެ މީހުންގެ ޒިންމާ އަދާނުކުރެވޭ ކަމަށާއި އެކަން ކުށްވެރިކުރާ ކަމަށެވެ.

ފާރިސްގެ ވަކީލުން ވަނީ އޭނާގެ މައްޗަށް ދައުވާ އުފުލުމެއް ނެތި، ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން އަމުރު ކޮށްފައިވާތީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އަދި އެ މައްސަލަ އިސްތިއުނާފު ކުރާނެ ކަމަށް ވެސް ވަކީލުން ވިދާޅުވެފައި ވެ އެވެ.

ފާރިސް މިދިޔަ އަންގާރަ ދުވަހު ހައްޔަރުކުރީ ރައްޔިތުންގެ މަޖިލިހުގެ ރައީސް އަބްދުﷲ މަސީހްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލިހަށް ވެއްދުމަށް ބޭނުންވާ ސޮއި ހޯދުމަށްޓަކައި ބައެއް މެމްބަރުންނަށް ނުފޫޒު ފޯރުވައި ރިޝްވަތު ދޭން އުޅުނު ކަމުގެ ތުހުމަތުގަ އެވެ. އަދި ރިޝްވަތުގެ މައްސަލައިގެ ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން އިއްޔެ ވަނީ އަމުރުކޮށްފަ އެވެ.