ރައީސް ޔާމީންގެ ފިކުރާ ދެކޮޅު އެންމެން ގޮޅިއަށް ލުމަކީ ގާނޫނު ނެގެހެއްޓުމެއް ނޫން: އަލީ ޒާހިރު

ރައީސް އަބްދުﷲ ޔާމީންގެ ވިސްނުންފުޅާ އިދިކޮޅު އެންމެން ޖަލު ގޮޅި އަށް ލުމަކީ ރާއްޖޭގައި ގާނޫނީ ހުކޫމަތު ނެގެހެއްޓުން ނޫން ކަމަށާއި އެއީ ނާއިންސާފުން އަދަބު ދިނުން ކަމަށް އަދާލަތު ޕާޓީގެ ނައިބު ރައީސް އަލީ ޒާހިރު މިރޭ ވިދާޅުވެއްޖެ އެވެ.


މ. ކުނޫޒްގައި އިދިކޮޅު ފަރާތްތަކުން ބޭއްވި ޖަލްސާގައި އޭނާ ވިދާޅުވީ ވަކި މީހަކަށް ނުބަލައި ގާނޫނު ނަގަހައްޓަވާނެ ކަމަށް ރައީސް ޔާމީން ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވާ ކަމަށެވެ. އެކަމަކު، މި ސަރުކާރުގައި މިހާތަނަށް ކަންކަންކޮށްފައިވާ ގޮތަށް ބަލާއިރު، އިދިކޮޅު ފިކުރުގެ އެންމެން ޖަލު ގޮޅިއަށް ލަމުންދާ ކަމަށާއި ވަކި ބަޔަކަށް ނުހައްގުން އަނިޔާވެރި ވުމަކީ ގާނޫނު ނެގެހެއްޓުންތޯ އަލީ ޒާހިރު ސުވާލު ކުރެއްވި އެވެ.

"މިއީ ގާނޫނީ ހުކޫމާތު ނެގެހެއްޓުމެއް ނޫން. ގާނޫނަކީ ވަކި މީހަކު ބުނާ ބަހެއް، ވަކި މީހަކު ކުރާ އަމުރެއް ނޫން،" އަލީ ޒާހިރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ރައީސް ޔާމީން ވެރިކަމަށް ގެނައުމަށް ބުރަ މަސައްކަތް ކުރި ގިނަ ބަޔަކު އެމަނިކުފާނާ ފެއަށް ޖެހިވަޑައިގެންފައިވާއިރު، އެންމެ އަރިހުގައި އުޅުއްވި ބައެއް ބޭފުޅުންނަށް ވެސް މިހާރު ދަނީ ނުހައްގު އަނިޔާ ދެމުންނެވެ. މިއީ ރައީސް ޔާމީނާ އެކު މިހާރު ތިއްބެވި ބޭފުޅުން ވެސް ވިސްނަވަން ޖެހިވަޑައިގަންނަވާ ކަމެއް ކަމަށް އަލީ ޒާހިރު ވިދާޅުވި އެވެ.

މިރޭގެ ޖަލްސާގައި ވާހަކަ ދެއްކެވުމަށް ފަހު އަލީ ޒާހިރު، ކުރީގެ ރައީސް މައުމޫނާ ސަލާމް ކުރައްވަނީ.---މިހާރު ފޮޓޯ: ހުސެއިން ވަހީދު

މިސާލެއް ދައްކަވަމުން ވިދާޅުވީ ރައީސް ޔާމީން އެންމެ އަރިސްކޮށް ގެންގުޅުއްވި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބާއި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ވެސް ވަނީ ޖަލުގަ އެވެ. އެއާއެކު، ކުރީގެ ޕްރޮސިކިއުޓަ ޖެނެރަލް މުހްތާޒް މުހްސިނަށް ވެސް އަދަބު ދެމުންދާ ކަމަށާއި މި ބޭފުޅުންނާ މެދު އަމަލުކުރެއްވި ގޮތަކީ ރައީސް ޔާމީނާ އެކުގައި މިހާރު ތިއްބެވި ބޭފުޅުން ވެސް ތަހައްމަލް ކުރަން ޖެހިދާނެ ހާލަތެއް ކަމަށް ވިދާޅުވި އެވެ.

އަލީ ޒާހިރު ވިދާޅުވި ގޮތުގައި ގާނޫނުއަސާސީން ރައްޔިތުންނަށް ލިބިދީފައިވާ ހައްގުތައް ނިގުޅައިގަނެ، ދައުލަތުން ވަނީ ގާނޫނުތަކާ ޚިލާފުވެފަ އެވެ. ގާނޫނުއަސާސީއާ ދެކޮޅަށް ހިންގާ ކަންކަމަށް މުއައްސަސާތަކުން އެއްބާރުލުން ދޭން ނުޖެހޭ ކަން ގާނޫނުތަކުގައި ލިއެފައިވާ ކަން އަލީ ޒާހިރު ފާހަގަކުރެއްވި އެވެ.

ގާނޫނާ ޚިލާފަށް މި ސަރުކާރުން ކުރަމުންދާ ކަންކަން ހުއްޓުވަން އިދިކޮޅު ފަރާތްތަކުން ކުރަމުންދާ މަސައްކަތަށް ކާމިޔާބު ލިބެމުން އަންނަ ކަމަށް ވެސް ވިދާޅުވި އެވެ. ރާއްޖޭގައި ގާނޫނީ ހުކޫމާތު ދެމެހެއްޓި ހުރިހާ ރައްޔިތުންނަށް އިންސާފާއި ހަމަހަމަކަން ގާއިމްވަންދެން އެގޮތުގައި އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރާނެ ކަމަށް ވެސް އަލީ ޒާހިރު ވިދާޅުވި އެވެ.