ގާނޫނުއަސާސީގެ އިމުގެ ތެރެއަށް ރުޖޫއަވާން ގޮވާލަން: ޕީޕީއެމް

ގާނޫނުއަސާސީ ހިމާޔަތް ކުރުމުގެ ނަމުގައި އިދިކޮޅު ފަރާތްތަކުން އަމަލު ކުރަމުން ދަނީ އެއަށް ފައިން އަރައިގެން ތިބެ ކަމަށާއި އެހެންވެ، އެއަށް އިހުތިރާމްކޮށް، ގާނޫނުއަސާސީގެ އިމުގެ ތެރެއަށް ރުޖޫއަވާން ޕީޕީއެމުން ގޮވާލައިފި އެވެ.


ޕީޕީއެމްގެ އޮފީހުގައި މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފް ވިދާޅުވީ ގާނޫނުއަސާސީން މަޖިލީހުގެ މެމްބަރުންނަށް ބައެއް ކަހަލަ ހިމާޔަތްތަކެއް ލިބުނު ނަމަވެސް، ގާނޫނުތައް ފުނޑާލާކަށް ހިމާޔަތެއް ނުލިބޭނެ ކަމަށެވެ. އެހެންވެ، ރާއްޖޭގެ ސިޔާސީ މަސްރަހު ހަލަބޮލިކޮށް، ގައުމުގައި ހަމަނުޖެހުން އުފެއްދުމަށް އިދިކޮޅު ފަރާތްތަކުން މިހާރު ޖަހަމުން އަންނަ "ސަކަރާތް" ވަގުތުން ހުއްޓާލުމަށް އޭނާ ގޮވާލެއްވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމުގެ ވޯޓު ނެގުމަށް ޖަލްސާ ބޭއްވޭތޯ އިދިކޮޅު ޕާޓީތަކުގެ މެމްބަރުން އިއްޔެ ކުރި މަސައްކަތަށް ސިފައިންނާއި ފުލުހުން ވަނީ ހުރަސް އަޅައިފަ އެވެ. ޖަލްސާ ބާއްވާނެ ކަމަށް ބުނެ އެތަނަށް ވަންނަން ވަޑައިގެންނެވި މެމްބަރުން މަޖިލީހަށް ވަނަ ނުދީ، މަޖިލީހުގައި ތަޅު އެޅުވި އިރު، އެތަނަށް ގަދަކަމުން ވަތް މެމްބަރުން ވެސް ސިފައިންނާއި ފުލުހުން ވަނީ ނެރެފަ އެވެ.

އަލީ އާރިފް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އިމާރާތާއި ގޯތިތެރެ ހިމާޔަތް ކުރުން، ގާނޫނުއަސާސީން މަތިކޮށްފައި އޮންނަނީ ސަލާމަތީ ހިދުމަތްތަކަށް ކަމަށާއި އެހެންވެ، އެތަނަށް "ގަދަކަމުން ވަތް މެމްބަރުން ނެރެ، ތަން ހިމާޔަތް ކުރުމަކީ" ފުލުހުންނާއި ސިފައިންގެ މައްޗަށް ވާޖިބު ކަމެއް ކަމެވެ.

ޕީޕީއެމުން ވަނީ އިދިކޮޅު ފަރާތްތަކުގެ އެ އަމަލު ކުށްވެރިކޮށްފަ އެވެ.

ނޫސްވެރިންގެ ބައްދަލުވުމެއްގައި ހަލީލް ވާހަކަ ދައްކަވަނީ: އިދިކޮޅު ފަރާތްތަކުން އިއްޔެ މަޖިލީހަށް ވަންނަން މަސައްކަތް ކުރުމުން އެކަން ޕީޕީއެމުން ވަނީ ކުށްވެރިކޮށްފައި-- ފޮޓޯ/ ހުސެން ވަހީދު

"އެ ބޭފުޅުން އެ ބުނަނީ ގާނޫނު އަސާސީ ނެގެހެއްޓުމަށް މަސައްކަތް ކުރަނީ ކަމަށް. އެހެން ކަމަށް ވާނަމަ، މަގުތަކުގައި މުޒާހަރާކޮށް، 2004-2013އަށް އޮތް ކަހަލަ ހަމަނުޖެހުންގަނޑަކަށް ގައުމު ވައްޓާލާކަށް މަސައްކަތެއް ނުކުރާނެ." އަލީ އާރިފް ވިދާޅުވި އެވެ.

"އެހެންވެ އަޅުގަނޑު ގޮވާލަން އެ ބޭފުޅުން ގާނޫނު އަސާސީގެ އިމުގެ ތެރެއަށް ރުޖޫއަވާން،"

އެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޕީޕީއެމްގެ ސެކެރެޓަރީ އަދި މަޖިލީހުގެ ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުﷲ ހަލީލް ވިދާޅުވީ ސިފައިން އިއްޔެ މަޖިލީހުގެ އިދާރާތެރެއަށް ވަނީ އެތަން ހިސޯރުކުރުމަށް ނޫން ކަމަށާއި އެކަމަކު ހިސޯރު ކުރަން ވަތް މީހުން ހުއްޓުވުމަށް ކަމަށެވެ.

މަޖިލީހުގައި އިއްޔެ ޖަލްސާއެއް އޮންނާނެ ކަމަށް އިއުލާންކޮށްފައި ނުވާއިރު، އިދިކޮޅު ފަރާތްތަކުން ގަދަބާރުން އެތަނުގެ ތެރެއަށް ވަނީ ފޮޓޯއެއް ހޯދުމަށް ކަމަށާއި އެއީ ކުޅުނު ޑްރާމާއެއް ކަމަށް އޭނާ ވިދާޅުވި އެވެ. އެގޮތުން މެމްބަރުންނާ ސިފައިން ކައިރިވުމުން، އަމިއްލައަށް ބިންމަތީގައި އޮށޯވެ ތިއްބެވި މަންޒަރު ވެސް ވީޑިއޯތަކުން ފެނުނު ކަމަށާއި އެހެން އަމަލު ކުރީ، އެ ފޮޓޯތައް ބޭރު ދުނިޔެއަށް ފޮނުވައިގެން ރާއްޖެ ބަދުނާމު ކުރުމަށް ކަމަށް ހަލީލް ވިދާޅުވި އެވެ.

"އެ ބޭފުޅުންގެ ބޭނުމަކީ އެ ފަރާތްތަކުގެ ސިމްޕަތީ އާއި ބަސް ހޯދުން. އެއީ އިދިކޮޅު ފަރާތްތަކުން ކުރަން ފަރިތަވެފައިވާ ކަމެއް،" އޭނާ ވިދާޅުވި އެވެ.

ހަލީލް ވިދާޅުވީ އެއްވެސް ގައުމެއްގައި އެންމެން ބޭނުންވާ ހުރިހާ ކަމެއް ނުވާނެ ކަމަށާއި އެކަމަކު އިދިކޮޅު ފަރާތްތަކާ ދެކޮޅަށް ބަސް ބުނާ ކޮންމެ ތަނަކީ ވެސް އެ މީހުންގެ ނަޒަރުގައި ގޯސްތަނެއް ކަމަށެވެ. އެހެންވެ، ހަގީގަތް ހޯދައި، އެއާ އެއްގޮތަށް ނޫސްތަކުގައި ލިޔުމަށް ތަކުރާރުކޮށް އޭނާ ނޫސްވެރިންނަށް ވެސް ގޮވާލެއްވި އެވެ.