ތުހުމަތުކުރާ އެއްވެސް އެއްޗެއް ކުނޫޒަކުން ނުފެނުނު

ޖުމްހޫރީ ޕާޓީގެ މައި އޮފީސް އަދި ޖަލްސާ ބާއްވާ ހަރުގެ، މ. ކުނޫޒަށް، ކޯޓު އަމުރެއްގެ ދަށުން، މިރޭ ފާސްކުރި ނަމަވެސް އެ އަމުރުގައި ތުހުމަތުކުރާ އެއްވެސް އެއްޗެއް ނުފެންނަ ކަމަށް ފުލުހުން ބުނެފި އެވެ.


ތިން ދުވަހުގެ މުއްދަތު ދީ މިރޭ ހައެއް ޖެހިިއިރު ކްރިމިނަލް ކޯޓުން ނެރުނު އަމުރުގައި ބުނެފައިވާ ގޮތުގައި ޖުމްހޫރީ ޕާޓީ އާއި އެމްޑީޕީ އާއި އަދާލަތު އަދި "މި ނޫން ވެސް ބައެއް ފަރާތްތައް އިސްކޮށް ތިބެ" ގެންދަނީ ސަރުކާރު ހިންގުމަށް ދަތިވާ ގޮތަށާއި ސަރުކާރު ވައްޓާލަން "ސައްލާކޮށް ރާވަމުން" ނެވެ.

އޭގެ އިތުރުން ރައްޔިތުންގެ މަޖިލިހުގެ ރަސްމީ މަސައްކަތްތަކަށް ހުރަސް އަޅަން އުޅޭ ކަމަށް ތުހުމަތުކޮށް ވެސް އަމުރުގައި އެ ބައި ހިމަނާފައިވެ އެވެ.

ފުލުހުން ކުނޫޒަށް ވަދެ ބަލާ ހޯދަން އެދިފައިވާ ތަކެތީގެ ތެރޭގައި ހިމެނެނީ "ސަރުކާރު ބަދުނާމްވާ ގޮތަށް ލިއެފައިވާ ލިއެކިއުންތަކާއި ބެނާތަކާއި ފޮތިތަކާއި ސީސީޓީވީ ފުޓޭޖް" އެވެ.

ކްރިމިނަލް ކޯޓު ހިންގުން ވަގުތީ ގޮތުން ހަވާލުކޮށްފައިވާ ފަނޑިޔާރު އާދަމް އާރިފް ނެރުއްވި އަމުރު ބިނާކުރެއްވީ، ރާއްޖޭގެ ސިޔާސީ އިދިކޮޅު ލީޑަރުންގެ ގެދޮރު ފާސްކުރާށާއި އަދި ހައްޔަރުކުރަން ފުލުހުން ހުށަހަޅަމުން އަންނަ "ފުލުހުންގެ އިންޓެލިޖެންސަށް ލިބިފައިވާ ސިއްރު މައުލޫމާތުތަކަ"ށެވެ.

އިދިކޮޅު ހަރަކާތުގެ ޖަލްސާއެއް ކުރިއަށް ދަނީ: ކުނޫޒް މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި --ފައިލް ފޮޓޯ

ފަސް ގަޑިއެއްހާއިރު ވަންދެން ކުނޫޒް ބަލައި ފާސްކުރުމަށް ފަހު، ޖުމްހޫރީ ޕާޓީ އަށް ދިން ފޯމުގައި ބުނެފައިވާ ގޮތުގައި "މައްސަލަ އާއި ގުޅުން ހުރި އެއްޗެއް ނުފެނެ" އެވެ.

ކުނޫޒަކީ އިދިކޮޅު އިއްތިހާދުގެ މައި ޖަގަހަ އެވެ. އެތަނަށް ފުލުހުން ވަދެ ފާސްކުރުން ކުރިއަށް ގެންދިޔައިރު، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ މައްޗަށް ކުރާ ޝަރީއަތް، ސިއްރުކޮށްގެން، މިރޭ ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދަން މިއަދު ނިންމި އެވެ. އެކަމަކު ގާސިމްގެ ސިއްހީ ހާލު ބޮޑުވުމުން ފަހުން ވަނީ އެ ޝަރީއަތް ކެންސަލްކޮށްފަ އެވެ.

އިދިކޮޅު ފަރާތްތަކުގެ މަސައްކަތްތަކަށް ފުލުހުންނާއި ސިފައިން ހުރަސްއެޅުން އިއްޔެ އިން ފެށިގެން ވަނީ ވަރުގަދަވެފަ އެވެ. އެގޮތުން ރައްޔިތުންގެ މަޖިލިހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ އިއްޔެ އަށް އެޖެންޑާކޮށް އެކަމަކު ފަހުން އެ ޖަލްސާ ކެންސަލްކުރުމުން، އަލުން ޖަލްސާއެއް ބޭއްވޭތޯ ބަލަން އިދިކޮޅު މެމްބަރުން ރައްޔިތުންގެ މަޖިލިހަށް ވަންނަން ވެސް، ސަލާމަތީ ބާރުތަކުން ހުރަސް އެޅި އެވެ.

އިއްޔެ އެތަނަށް ވަން މެމްބަރުން ގަދަކަމުން ނެރެން ފުލުހުން މަޖިލިހުގެ އިދާރާ އަށް ވަދެ ހިންގި އަމަލަކީ ރާއްޖޭގެ ޑިމޮކްރަސީގެ ތާރީޚުގައި ވެސް މުޅިން އާ ކަމެކެވެ.

ރައްޔިތުންގެ މަޖިލިސް އަދިވެސް އޮތީ ސިފައިންގެ ބެލުމުގެ ދަށުގަ އެވެ. އެތަނަށް މިއަދު ވެސް އިދިކޮޅު މެމްބަރަކަށް ވަދެވޭ ގޮތެއް ނުވި އެވެ.