މުޒާހަރާ ލައިވްކުރުން ހުއްޓުވައި ނޫސްވެރިންތަކެއް ހައްޔަރުކޮށްފި

އިދިކޮޅު ފަރާތްތަކުން ކުރިއަށް ގެންދާ ސިލްސިލާ މުޒާހަރާތަކުގައި މިރޭ ކުރިއަށް ގެންދާ އެއްވުން ކަވަރުކުރަން އުޅުނު ރާއްޖެ ޓީވީ އާއި ސަންގު ޓީވީގެ ނޫސްވެރިންތަކެއް ފުލުހުން ހައްޔަރުކޮށްފި އެވެ.


އެމްޑީޕީ ހަރުގެ ކުރިމަތީގައި އޮތް މުޒާހަރާގެ މަންޒަރުތައް ވަގުތުން ދެއްކުމުގައި ހަރަކާތްތެރިވި އެ ދެ ޗެނަލްގެ ހަތް ނޫސްވެރިޔަކު ފުލުހުންގެ ވެހިކަލަކަށް އަރުވައިގެން ގެންދިޔަ ކަމަށްވެ އެވެ.

ފުލުހުން ބުނީ ރާއްޖެ ޓީވީ އާއި ސަންގު ޓީވީގެ ބައެއް ނޫސްވެރިން "ފުލުހުންގެ ބެލުމުގެ ދަށަށް" ގެންގޮސްފައި ވަނީ ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއެޅި ކަމުގެ ތުހުމަތުގައި ކަމަށެވެ.

އެނގިފައިވާ ގޮތުގައި ރާއްޖެ ޓީވީގެ ދެ ނޫސްވެރިއަކާއި ވީޑިއޯ ޖާނަލިސްޓެއްގެ އިތުރުން ސަންގު ޓީވީގެ ހަތަރު ނޫސްވެރިއަކު ހައްޔަރުކުރި އެވެ.

ރާއްޖެ ޓީވީގެ ނޫސްވެރިން ހައްޔަރުކުރީ ހަރުގެ ތެރޭގައި އިވެންޓް ލައިވްކުރަމުން ދަނިކޮށް އެސްއޯ ފުލުހުންގެ ބަޔަކު އެތަނަށް ކުއްލިއަކަށް ވަދެފަ އެވެ. ރާއްޖެ ޓީވީން ބުނި ގޮތުގައި ނޫސްވެރިން ހައްޔަރުކުރުމުގެ ތެރޭގައި ބައެއް އިކްއިޕްމަންޓަށް ވަނީ ގެއްލުންވެފަ އެވެ. ސަންގު ޓީވީގެ އިސް އޮފިޝަލު ވިދާޅުވީ ލައިވްކުރަން ބޭނުންކުރި އިކްއިޕްމަންޓާއެކު ދެ ކެމަރާމަނާއި އެއް ނޫސްވެރިއަކު އަދި ޓެކްނީޝަނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. "ބިޑި އަޅުވައިގެން އެ ހުރިހާ ނޫސްވެރިން ގެންދިޔައީ. އެކަމާ ގުޅިގެން އަޅުގަނޑުމެން މިގެންދަނީ އެ ހާދިސާ ހިނގަން މެދުވެރި ސަބަބެއް ބަލަމުން،" އޭނާ ވިދާޅުވި އެވެ.

ނޫސްވެރިން ހައްޔަރު ކުރުމާ އެކު އެ ދެ ޓީވީ ޗެނަލްގެ ލައިވް ވަނީ މެދުކެނޑިފަ އެވެ.

ނޫސްވެރިން ހައްޔަރުކޮށްގެން ގެންދަނީ. -- ޓްވިޓާ/ރާއްޖޭޓީވީ

ގިނަ އަދަދެއްގެ ނޫސްވެރިން ހައްޔަރުކުރުމާ ގުޅިގެން މީޑިއާ ކައުންސިލްގެ ބައެއް މެންބަރުން ފުލުސް އޮފީހަށް ގޮސް، ހައްޔަރުކުރި ނޫސްވެރިންނާ ވަނީ ބައްދަލުކޮށްފަ އެވެ. މީޑިއާ ކައުންސިލްގެ މެންބަރަކު ވިދާޅުވި ގޮތުގައި ހައްޔަރުކުރި ނޫސްވެރިންގެ ތެރެއިން އެކަކަށް ވަނީ އަނިޔާވެފަ އެވެ.

އެމްޑީޕީން ދެންމެ ކުރި ޓްވީޓެއްގައި ބުނީ ކޯޓު އަމުރެއް ވެސް ނެތި ފުލުހުން އެމްޑީޕީ ހަރުގެ ތެރެއަށް ވަދެފައިވާ ކަމަށާއި ހަރުގެ ތެރޭގައި ތިބި މީހުންނަށް ބޭރަށް ނުނިކުމެވޭ ގޮތަށް ހިފަހައްޓާފައިވާ ކަމަށެވެ.