ނޫސްވެރިން ހައްޔަރުކުރުމާ ގުޅިގެން މީޑިއާ ކައުންސިލުން ފުލުހުންނާ ބައްދަލުކޮށްފި

އިދިކޮޅު ފަރާތްތަކުން މިރޭ ކުރި މުޒާހަރާ ކަވަރުކުރުމުގައި ހަރަކާތްތެރިވަނިކޮށް ފުލުހުން ހަތް ނޫސްވެރިޔަކު ހައްޔަރުކުރުމާ ގުޅިގެން މީޑިއާ ކައުންސިލުން ފުލުހުންނާ ބައްދަލުކޮށް އެކަމާ ގުޅޭ ގޮތުން މަޝްވަރާކޮށްފި އެވެ.


ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއެޅި ކަމުގެ ތުހުމަތުގައި ސަންގު ޓީވީގެ ހަތަރު ނޫސްވެރިޔަކާއި ރާއްޖެ ޓީވީގެ ތިން ނޫސްވެރިޔަކު ހައްޔަރުކުރި އެވެ.

ނޫސްވެރިން ހައްޔަރުކުރުމާ އެކު މީޑިއާ ކައުންސިލްގެ ފަރާތުން ފަސް މެންބަރަކު ފުލުސް އޮފީހަށް ގޮސް ފުލުހުންގެ ސްޕޯކްސް ޕާސަން ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝިފާންއާ ބައްދަލުކޮށް ނޫސްވެރިންގެ މައްސަލާގައި މަޝްވަރާކުރި އެވެ.

"ވާހަކަތައް ވަރަށް ޕޮޒިޓިވް. މިކަހަލަ ކަންކަން ނުވާނެ ފަދަ ގޮތަކަށް ކަންތައް އިންތިޒާމް ކުރުމާ ބެހޭ ގޮތުން ވެސް ފުލުހުންނާ ވާހަކަ ދެކެވުނު. ހައްޔަރުކުރި ނޫސްވެރިންގެ މައްސަލާގައި ރަނގަޅު ގޮތެއް ވާނެ ކަމަށް އުންމީދު ކުރެވެނީ،" ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވި މުހައްމަދު ހަމްދޫން ވިދާޅުވި އެވެ.

ހަމްދޫންގެ އިތުރުން މި ބައްދަލުވުމުގައި އަންވަރު އިބްރާހިމް، މިސްބާހު އައްބާސް، އަހްމަދު މުޖުތަބާ އަދި އަހްމަދު ރިފާއު ބައިވެރިވެ ވަޑައިގަތެވެ.

ރާއްޖެ ޓީވީން ބުނި ގޮތުގައި އެތަނުގެ ނޫސްވެރިޔާ މުރްޝިދު އަބްދުލް ހަކީމް ހައްޔަރުކޮށްގެން ގެންދިއުމުގެ ތެރޭގައި އޭނާއަށް ފުލުހުން އަނިޔާ ވެސް ކުރި އެވެ. އަދި ސަންގު ޓީވީގެ ނޫސްވެރިޔަކަށް ވެސް އަނިޔާ ވެފައިވާ ކަމަށްވެ އެވެ. މީގެ އިތުރުން ރާއްޖެ ޓީވީގެ ބައެއް އިކުއިޕްމަންޓަށް ވެސް ވަނީ ގެއްލުން ލިބިފަ އެވެ.