ހައްޔަރުކުރި ނޫސްވެރިން ދޫކޮށްލައިފި

އިދިކޮޅު ފަރާތްތަކުގެ މުޒާހަރާއެއް ކަވަރުކުރަމުން ދަނިކޮށް ފުލުހުން މިރޭ ހައްޔަރުކުރި ހަތް ނޫސްވެރިން ދޫކޮށްލައިފި އެވެ.


ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއެޅި ކަމުގެ ތުހުމަތަށް ރާއްޖެ ޓީވީގެ ތިން ނޫސްވެރިޔަކާއި ސަންގު ޓީވީގެ ހަތަރު ނޫސްވެރިޔަކު ހައްޔަރުކުރި އެވެ. އޭގެ ތެރެއިން ބައެއް ނޫސްވެރިންނަށް އަނިޔާ ވެސް ލިބިފައިވެ އެވެ.

މި ނޫސްވެރިން ދޫކޮށްލާފައި މި ވަނީ، ނޫސްވެރިން ހައްޔަރުކުރި މައްސަލާގައި މީޑިއާ ކައުންސިލްގެ ބައެއް މެންބަރުން ފުލުހުންނާ ބައްދަލުކޮށް އެކަމާ ބެހޭ ގޮތުން މަޝްވަރާކޮށްފައި ވަނިކޮށެވެ.

ރާއްޖޭ ޓީވީގެ ނޫސްވެރިން ހައްޔަރުކޮށްގެން ގެންދަނީ. -- ރާއްޖެޓީވީ ލައިވް/ޓްވިޓާ

ރާއްޖެ ޓީވީން ބުނި ގޮތުގައި އެ ސްޓޭޝަންގެ ނޫސްވެރިއެއް ކަމަށްވާ މުރުޝިދު އަބްދުލް ހަކީމް ހައްޔަރުކޮށްގެން ގެންދިއުމުގެ ތެރޭގައި ފުލުހަކު ވަނީ ނޫސްވެރިޔާގެ ގައިގައި ޖަހައިފަ އެވެ. އަދި ކެމެރާއަށާއި އެހެން ބައެއް އިކްއިޕްމަންޓަށް ވަނީ ގެއްލުން ވެސް ލިބިފަ އެވެ. މުރްޝިދުގެ އިތުރުން ސަންގު ޓީވީގެ ނޫސްވެރިޔަކަށް ވެސް ވަނީ އަނިޔާވެފަ އެވެ.

ސަރުކާރާ ދެކޮޅަށް ސިލްސިލާކޮށް މުޒާހަރާކުރަމުން އަންނައިރު، އެ ހަރަކާތްތައް ކަވަރު ކުރުމުގައި ފުލުހުންގެ ނޫސްވެރިންނަށް ބޮޑެތި ހުރަސްތައް ކުރިމަތިވެ އެވެ.