އައްޑޫގެ ފްލެޓްތަކަށް އަންނަ މަހު ފުރުސަތު ހުޅުވާލަނީ

އައްޑޫގައި މިހާރު އަޅަމުން އަންނަ ފްލެޓްތަކަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ މަހު ހުޅުވާލާނެ ކަމަށް ހައުސިން މިނިސްޓްރީން ބުނެފި އެވެ.


ސަރުކާރުގެ ބޯހިޔާވަހިކަމިުގެ ޕްރޮގްރާމްގެ ދަށުން ސ. ހިތަދޫގައި 264 އަދި ހުޅުމީދޫގައި 48 ފްލެޓް އެޅުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ. މި މަޝްރޫއު ކުރިއަށް ގެންދަނީ ޗައިނާގެ ނެޝަނަލް މެޝިނަރީ އެންޑް އިކްޕްމަންޓް، އިމްޕޯޓް އެންޑް އެކްސްޕޯޓް ކޯޕަރޭޝަން (ސީއެމްއީސީ) އިންނެވެ.

އައްޑޫގައި ހުންނަވާ ހައުސިން މިނިސްޓްރީގެ ކޯޑިނޭޓަރު މުހައްމަދު ފައިސަލް ވިދާޅުވީ ދެ ސަރަހައްދުގައި އަޅާ ފްލެޓްތަކުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށް ގެންދާ ކަމަށެވެ. އެގޮތުން ހިތަދޫގައި އަޅާ ބައެއް ފްލެޓްތަކުގެ މަސައްކަތުގެ 90 ޕަސަންޓް މިހާރު ނިމިފައިވާ ކަމަށާއި ބާކީ ހުރި ފްލެޓްތަކުގެ މަސައްކަތް ވެސް ގާތްގަނޑަކަށް ނިމުމަކާ ހަމައަށް އައިސްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ހިތަދޫގައި އަޅާ ފްލެޓްތަކެއް: މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާ ކަމަށް ހައުސިން މިނިސްޓްރީން ބުނޭ.

ފައިސަލް ވިދާޅުވި ގޮތުގައި ހުޅުމީދޫގެ ފްލެޓްތަކުގެ މަސައްކަތުގެ ބޮޑު ބައެއް ވެސް ވަނީ ނިމިފަ އެވެެ. އައްޑޫގައި އަޅާ ފްލެޓްތަކަކީ ތިން ކޮޓަރި އާއި ދެ ކޮޓަރީގެ އެޕާޓްމަންޓް ހިމެނޭ ފްލެޓްތަކެވެ.

ފައިސަލް ވިދާޅުވީ ފްލެޓްތަކަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ މަހު ހުޅުވާލާއިރު، ހިތަދޫގައި އަޅާ ފްލެޓްތަކަށް ފޭދޫ، މަރަދޫފޭދޫ އަދި މަރަދޫ ރައްޔިތުންނަށް ވެސް ކުރިމަތިލެވޭނެ ކަމަށެވެ.

"މިހާރު މަސައްކަތް ދާ ގޮތުން ނަމަ އަންނަ ސެޕްޓެމްބަރު މަހުގެ ތެރޭގައި ފްލެޓްތައް ލިބޭ ފަރާތްތަކާ ފްލެޓްތައް ހަވާލު ކުރެވޭނެ،" އޭނާ ވިދާޅުވި އެވެ.

ހިތަދޫގައި އަޅާ ފްލެޓްތަކެއް: މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާ ކަމަށް ހައުސިން މިނިސްޓްރީން ބުނޭ.

އައްޑޫގައި މީގެ ކުރިން ވެސް ސަރުކާރުން ވަނީ ހައުސިން ޔުނިޓްތަކެއް އަޅައިފަ އެވެ. އެއީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ފޭދޫގަ އެވެ. އެ ރަށުގައި އެޅި 25 ހައުސިން ޔުނިޓްގައި އާއިލާތަކުން މިހާރު އަންނަނީ ދިރިއުޅެމުންނެވެ.