"އުދުހުމުގެ" ހާއްސަ ހަރަކާތެއް ރައީސް ޔާމީންގެ ކެމްޕޭން އޮފީހުން ބާއްވަނީ

ދެ ވަނަ ދައުރަކަށް ރައީސް އަބްދުﷲ ޔާމީން އިންތިހާބުކުރަން ހިންގާ ކެމްޕޭންގެ ތެރެއިން ޒުވާނުންނަށް ހާއްސަކޮށްގެން ޕެރަމޯޓާ ނުވަތަ ވައިކުޑައެއްގެ އެހީގައި އުދުހުމުގެ ހަރަކާތެއް އަންނަ މަހު 5 ގައި ބާއްވަން ނިންމައިފި އެވެ.


ރައީސް ޔާމީންގެ އަނބިކަނބަލުން ފާތުމަތު އިބްރާހިމްގެ ބެއްލެވުމުގެ ދަށުން ހިންގާ ކެމްޕޭން އޮފީހުގައި ބޭއްވި ޕްރެސް ކޮންފަރެންސެއްގައި، އެ އޮފީހުގެ އަދި ސަރުކާރުގެ ތަރުޖަމާން އިބްރާހިމް މުއާޒް އަލީ ވިދާޅުވީ ރައީސް ޔާމީންގެ ކެމްޕޭނަށް ވަރަށް ގިނަ ހަރަކާތްތަކެއް ރާވާފައިވާ ކަމަށެވެ. އޭގެތެރެއިން، އަންނަ މަހު 5 ވަނަ ދުވަހުގެ ހަވީރު މާފަންނު ޓްރެކް ސަރަހައްދުގައި ބާއްވާ ހަރަކާތަކީ ވީހާ ވެސް ގިނަ ބަޔަކަށް ބައިވެރިވެވޭ ގޮތަށް ހިންގާ ހަރަކާތެއް ކަމަށް އޭނާ ވިދާޅުވި އެވެ.

މުއާޒް ވިދާޅުވި ގޮތުގައި އެ ހަރަކާތުގައި ޕެރަމޯޓާގައި އުދުހިލުމުގެ ފުރުސަތު ލިބުމުގެ އިތުރުން ޒުވާނުންނާއި ގައުމަށް ރައީސް ޔާމީން ކޮށްދެއްވަމުން ގެންދަވާ ހިދުމަތްތަކާ ގުޅޭ ގޮތުން ޝުއޫރުފާޅުކުރުން އޮންނާނެ އެވެ. ވައިކުޑައިގެ އެހީގައި އުދުހޭނީ ޕްރޮފެޝަނަލް ޕައިލެޓުންނާ އެކުގައި ކަމަށާއި އެ ހަރަކާތް ކުރިއަށް ގެންދާނީ ސަލާމަތީގޮތުން ރައްކާތެރި ފިޔަވަޅުތަކާ އެކުގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ވަރަށް ކާމިޔާބު އިވެންޓަކަށް މި އިވެންޓް ވެގެންދާނެ. އަޅުގަނޑުމެންގެ ރިޔާސީ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީނަށް ތާއީދުކުރައްވާ ހުރިހާ ދިވެހި ޒުވާނުން، އަންހެން ފިރިހެން އަޅުގަނޑުމެންގެ މި ސަފުތަކާ ގުޅިވަޑައިގެން މި ހަރަކާތުގައި ބައިވެރިވުން އެދެން، އަޅުގަނޑުމެންގެ ހިންގުންތެރި ފަސްޓް ލޭޑީގެ ނަންފުޅުގައި ވެސް މި ދައުވަތު އަރުވަން،" މުއާޒް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ރައީސް ޔާމީންގެ ކެމްޕޭން އޮފީހުގެ މަސައްކަތް 24 ގަޑިއިރު ހުންނާނީ ހުޅުވިފަ އެވެ. އެ އޮފީހުން ކުރާ މަސައްކަތް ހުއްޓާލާނީ، 2018 ގައި ދެ ވަނަ ދައުރަކަށް ރައީސް ޔާމީން އިންތިހާބު ކުރުމަށް ފަހު ކަމަށް ވެސް ވިދާޅުވި އެވެ.