ޑިކްޓޭޓާޝިޕަކަށް މި ގާނޫނުއަސާސީ ތަނެއް ނުދޭ: އިބޫ

މިހާރު އަމަލުކުރަމުން އަންނަ ގާނޫނުއަސާސީގައި، ޑިކްޓޭޓަޝިޕެއް ހިންގަން ތަނެއް ނެތް ކަމަށް މަޖިލީހުގެ މައިނޯރިޓީ ލީޑަރު އަދި ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) މިރޭ ވިދާޅުވެއްޖެ އެވެ.


ގުޅިފައިވާ އިދިކޮޅު ޕާޓީތަކުން ކުނޫޒްގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން އިބޫ ވަނީ ގާނޫނުއަސާސީ އޮތީ ޑެޑްލޮކަކަށް ފަރުމާކުރެވިފައި ނޫން ކަމަށާއި އެ ގާނޫނުއަސާސީއާ އެއްގޮތަށް ރައީސް އަބްދުﷲ ޔާމީނަށް ވެރިކަން ނުކުރެއްވޭ ނަމަ ދުރަށް ޖެހިވަޑައިގަތުމަށް ގޮވާލައްވައިފަ އެވެ.

މީގެ ހަތަރު ދުވަސްކުރިން ފާހަގަކުރި 52 ވަނަ މިނިވަން ދުވަހު ރައީސް ޔާމީން ދެއްވި ތަގުރީރަށް ރައްދުދެއްވައި ވާހަކަދައްކަވަމުން އިބޫ ވިދާޅުވީ މިހާރު އަމަލުކުރަމުން އަންނަ ގާނޫނުއަސާސީއަކީ ވެރިކަންކުރުމުގެ ހުރިހާ ފުރުސަތެއް ލިބިފައިވާ އެއްޗެއްކަން ކުރީގެ ހުރިހާ ރައީސުން ގަބޫލުކުރައްވާ ކަމަށެވެ.

"ރައީސް ޔާމީން މިނިވަން ދުވަހު ދެެއްވި ތަގުރީރުގައި ދެއްކެވި ވާހަކަތަކުން އެނގުނީ މި ގާނޫނުއަސާސީގެ ތެރެއިން ވެރިކަންކުރައްވަން އެނގިވަޑައެއް ނުގަންނަވައޭ. އަދި ކުރައްވާކަށް ވެސް ބޭނުންފުޅެއް ނުވެޔޭ،" އިބޫ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ ގާނޫނުއަސާސީ ޑްރާފްޓްކޮށް ފާސްކޮށްފައި ވަނީ އެއްވެސް މީހަކު ބޭނުންހާ ކަމެއް ބޭނުން ގޮތަކަށް ބޭނުން ވަގުތަކު ކުރެވޭ ގޮތަކަށް ނޫން ކަމަށެވެ. އަދި އެ ގާނޫނުއަސާސީ އިންތަކެއް އެބަހުރި ކަމަށާއި ރައީސުލްޖުމްހޫރިއްޔާއަކަށް ހުންނަވާ ބޭފުޅަކަށް ކަންތައްތައް ކުރެވޭނެ ގޮތްތަކެއް ވެސް އެބަހުރި ކަމަށް ވެސް އިބޫ ވިދާޅުވި އެވެ.

"ރައްޔިތުންގެ މަޖިލީހަށާއި މެމްބަރުންނަށް ވެސް ކުރެވޭނެ ކަންތައްތައް އެބަހުރި. ޝަރުއީ ދާއިރާއަށް ކުރެވޭނެ ކަންތައްތަކެއް އެބަހުރި. މި ގާނޫނުއަސާސީއެއް ތަނެއް ނުދޭ ޑިކްޓޭޓާޝިޕެއް ހިންގާކަށް،" އޭނާ ވިދާޅުވި އެވެ.

އިބޫ ވިދާޅުވީ ރައީސް ޔާމީނަކަށް މި ގާނޫނުއަސާސީއެއް ނުހިންގެވޭ ކަމަށާއި އެ ގާނޫނުއަސާސީގެ ތެރެއިން ވެރިކަން ވެސް ނުކުރެއްވޭ ކަމަށެވެ.

"އެހެންކަމުން އަޅުގަނޑު ވަރަށް އިހުލާސްތެރިކަމާއެކު މިދަންނަވަނީ ދުރަށް ޖެހިވަޑައިގަންނަވާށޭ،" އޭނާ ވިދާޅުވި އެވެ.

އިބޫ ވިދާޅުވީ ސަރުކާރަށް މަޖިލީހުގެ މެޖޯރިޓީ ގެއްލުނު ދުވަހުން ފެށިގެން ރައީސް ޔާމީން މަސައްކަތްކުރައްވަނީ މެޖޯރިޓީ އަލުން ހޯއްދެވުމަށް ކަމަށެވެ. އެގޮތުން ފަހަރަކު މަޖިލީހުގެ މެމްބަރަކު ޖަލަށް ގެންގޮސް ބަންދުކޮށް ގޮނޑި ގެއްލުވާލަން މަސައްކަތްކަން ކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.