އަންހެން ފަނޑިޔާރުންނާ މެދު ޑރ. މަޖީދު ދެއްކެވި ވާހަކަ ހިޔާލު ތަފާތުވުމަކަށް

ފަނޑިޔާރަކަށް އަންހެނަކު ހަމަޖެއްސުމަކީ އިސްލާމީ ޝަރީއަތް ހުއްދަކުުރާ ކަމެއް ނޫން ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. އަބްދުލްމަޖީދު އަބްދުލްބާރީ ރޭ ވިދާޅުވުމުން، އެކަަމާ ހިޔާލުތަފާތުވެ، ބައެއް މީހުން ފާޑުކިޔަން ފަށައިފި އެވެ.


އިދިކޮޅު އިއްތިހާދުން މ. ކުނޫޒުގައި ބޭއްވި ޖަލްސާގައި ދީނީ އިލްމުވެރިޔާ މަޖީދު ވިދާޅުވީ ރާއްޖޭގައި އިސްލާމީ ޝަރީއަތް އޮންނައިރު، އެއާ ހިލާފަށް އެއްވެސް ގާނޫނެއް ނުހެދޭނެ ކަމަށެވެ. އަދި އިސްލާމީ ޝަރީއަތުގައި އޮންނަ ގޮތުން، އަންހެނުންނަށް ގާޒީކަން ނުކުރެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މަޖީދު މިހެން ވިދާޅުވީ ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ ބެންޗު ހަތަކަށް އިތުރުކޮށް، އޭގެ ތެރެއަށް ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރު އައިޝަތު އާޒިމާ ޝަކޫރު ހަމަޖައްސަން އުޅޭ ކަމުގެ އަޑުތައް ފެތުރެމުން ދާތީ އެވެ. އަދި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު މަގާމުން ވަކިކުރައްވައި، އާޒިމާ އެ މަގާމަށް ހަމަޖައްސަން އުޅޭކަމުގެ އަޑުތަކެއް ވެސް ސޯޝަލް މީޑިއާގައި ފެތުރުނެވެ.

ޑރ. މަޖީދުގެ އެވާހަކަ ރަނގަޅު ނޫން ކަމަށް އެ ޖަލްސާގައި ބައިވެރިވެވަޑައިގެން އިންނެވި، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވަނީ ވިދާޅުވެފަ އެވެ.

އެމަނިކުފާނު މިއަދު ހެނދުނު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަންހެނަކަށް ސިޔާސީ އަދި ޝަރުއީ ހުރިހާ މަގާމެއް ވެސް އަދާކުރެވިދާނެ ކަމަށް، އިސްލާމީ ޝަރީއާ އިން ސާބިތުވާ ކަމަށެވެ.

މައުމޫން ހިންގަވާ "މައުމޫން ފައުންޑޭޝަނުން" މިދިޔަ އަހަރު ވަނީ، އެފަދަ މައުލޫއަކަށް މަރުހޫމް އަފްރާޝީމް އަލީ ލިޔުއްވި ފޮތެއް ވެސް ޝާއިއުކޮށްފަ އެވެ.

އަންހެނަކަށް އިސްލާމީ ގައުމެއްގެ އެންމެ މަތީ މަގާމު ވެސް އަދާކުރުމަކީ ޝަރުއީ ގޮތުން ހުއްދަ ކަމެއް ކަމަށް ވިދާޅުވެ ލިޔުއްވި ފޮތުގައި މައުމޫން ވިދާޅުވީ އެ މައުލޫއާ ގުޅޭ ގޮތުން އިލްމުވެރިންގެ މެދުގައި ބޮޑެތި ހިލާފުތައް ހުރި ނަމަވެސް، އަންހެނުން އެފަދަ ބޮޑެތި އަދި މަތީ ވަޒީފާތައް އަދާކުރުން މަނާކުރާ ޝަރުއީ ގަތުޢީ އެއްވެސް ދަލީލެއް ނެތް ކަމަށެވެ.

މަޖީދުގެ ވާހަކަތައް އާޒިމާ ސިފަކުރެއްވީ ޖޯކެއްގެ ގޮތުގަ އެވެ.

މަޖީދުގެ ވާހަކަގެ މައްޗަށް ބިނާކޮށް ލިއުނު ހަބަރެއް ޓެގްކޮށް އާޒިމާ އޭނާގެ ފޭސްބުކްގައި ލިއުއްވި ގޮތުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އިސްލާމިކް މިނިސްޓަރު އަދި އިދިކޮޅު ސީނިއަ ބޭފުޅަކު އެގޮތަށް ވިދާޅުވުމަކީ "ދުވަސް ފަށަށް ލިބިވަޑައިގެންނެވި ޖޯކެ"ވެ.

މައުމޫންގެ ވެރިކަމުގައި ސިވިލް ކޯޓުގެ ގާޒީއަކަށް އާއިޝާ ޝުޖޫން އަދި ފެމިލީ ކޯޓްގެ ގާޒީއަކަށް ހުޒައިފާ މުހައްމަދު ހުންނެވިކަން، މަޖީދުގެ ވާހަކައާ ދެކޮޅު ބައެއް މީހުން ފާހަގަކުރި އެވެ.

މަޖީދު ވިދާޅުވީ ގާޒީންގެ ޝަރުތުތަކުގެ ތެރޭގައި ފިރިހެނަކަށް ވުން ހިމެނޭއިރު ހަނަފީ މަޒްހަބުގެ އިލްމުވެރިން، އާއިލީ ކަންކަމާއި މަދަނީ މައްސަލަތަކުގައި އަންހެނުންނަށް ހުކުމް ކުރެވިދާނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އެކަމަކު ގިނަ އިލްމުވެރިން އެއްބަސްވާ ގޮތުގައި އެއްވެސް ކަމެއްގައި އަންހެން ގާޒީ ހުއްދަ ނުކުރެވޭނެ ކަމަށް ވިދާޅުވި އެވެ.

"އެހެންވެ، ހަނަފީ އިލްމުވެރިންނާއި ގިނަ އިލްމުވެރިންނަށް ބެލިކަމުގައި ވިޔަސް، ގިސާސްގެ މައްސަލަތަކާއި ހައްދުތަކުގެ މައްސަލައިގައި އަންހެނުން ކުރާ ހުކުމް ހުއްދައެއް ނުވާނެ. މިއީ އެއްވެސް ހިލާފެއް އޮތް ކަމެއް ނޫން،" މަޖީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރާއްޖޭގެ ސުޕްރީމު ކޯޓަކީ، އެހެން ހުރިހާ ކޯޓަކުން އިއްވާ ހުކުމްތަކުގައި ފަހު ބަސް ބުނާ ތަނަކަށް ވުމުން، ގިސާސްގެ މައްސަލަތަކާއި ޖިނާއީ އަދި ހައްދުގެ މައްސަލަތައް ވެސް އެތަނުން ބަލާނެ ކަމަށެވެ. އެހެންވެ، ސުޕްރީމު ކޯޓުގެ ފަނޑިޔާރަކަށް ނުވަތަ އުއްތަމަ ފަނޑިޔާރަކަށް ވެސް އަންހެނަކު އައްޔަން ކުރުމަކީ އިސްލާމީ ހަމަތައް ހުއްދަ ކުރާ ކަމެއް ނޫން ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މުޖުތަމައު ބިނާކުރުމުގައި އަންހެނުންގެ ދައުރު އޮންނަން ޖެހެ އެވެ. އެކަމަކު އޭގެ މާނައަކީ ދައުލަތުގެ ކޮންމެ ވަޒީފާއަކަށް ހުރިހާ އަންހެނުން ނިކުތުން ނޫން ކަމަށާއި ކޮންމެ ބަޔަކު ވެސް އެ ބައެއްގެ ދައުރު އަދާކުރަން ޖެހޭނީ ކަނޑައަޅާފައިވާ އިމުގެ ތެރޭގައި ކަމަށް ވިދާޅުވި އެވެ.

ސުޕްރީމު ކޯޓުގެ ފަނޑިޔާރަކަށް އާޒިމާ ހަމަޖައްސަން އުޅޭ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނަމުން އަންނައިރު، އެ މީހުން އެކަން ސިފަކުރަނީ ސަރުކާރުން އަނެއްކާވެސް ހިންގަން އުޅޭ "ޖަރީމާ"އެއްގެ ގޮތުގަ އެވެ.

އިދިކޮޅު ފަރާތްތަކުގެ މި ވާހަކަތައް، ސަރުކާރު ހިންގާ ޕީޕީއެމުން ދޮގު ކުރެ އެވެ. ޕީޕީއެމްގެ މަޖިލިހުގެ ބައެއް މެމްބަރުން ވިދާޅުވެފައި ވަނީ ސުޕްރީމް ކޯޓުގެ ބެންޗަށް ބަދަލު ގެންނަން އުޅޭ ކަމަށް އިދިކޮޅު ފަރާތްތަކުން ވާހަކަ ފަތުރަނީ އެ ކޯޓުގައި ހުރި ބައެއް މަައްސަލަތަކަށް ނުފޫޒު ފޯރުވަން ކަމަށެވެ.