ފިޔާޒްގެ މައްޗަށް ދައުވާކުރާ މައްސަލައިގެ ހުކުމް ބުރާސްފަތި ދުވަހު އިއްވަނީ

ރާއްޖެ ޓީވީގެ ސީއީއޯ ހުސައިން ފިޔާޒްގެ މައްޗަށް ކުރާ ދައުވާގެ މައްސަލައިގެ ހުކުމް އަންނަ ބުރާސްފަތި ދުވަހު އިއްވަން ކްރިމިނަލް ކޯޓުން ހަމަޖައްސައިފި އެވެ.


ފިޔާޒްގެ މައްޗަށް ދައުވާކުރަނީ ނޮވެމްބަރު، 2015 ގައި މުލިއާގެ ކައިރިން ބޮމެއް ފެނިގެން މާލޭގެ ބައެއް ސަރަހައްދުތައް ބަންދުކޮށް، ސަލާމަތީ ބާރުތަކުން ހަރަކާތްތެރި ވަމުން ދަނިކޮށް ފުލުހެއްގެ ގައިގައި ޖެހި ކަމަށް ބުނެ އެވެ. އޭނާގެ މައްޗަށް ކުރަނީ ގާނޫނުލް އުގޫބާތުގެ 120 ވަނަ މާއްދާގެ ދަށުން ގައިގައި އަތްލުމުގެ ދައުވާ އެވެ.

އެ މައްސަލައިގެ ޚުލާސާ ބަޔާންތައް ދެ ފަރާތުން މިއަދު ހުށަހެޅުމުން، އަޑުއެހުންތައް ނިންމާލާފައިވާއިރު އަންނަ ބުރާސްފަތި ދުވަހު އެ މައްސަލައިގެ ހުކުމް ކުރަން ވަނީ ތާވަލްކޮށްފަ އެވެ.

އެ ދައުވާ ސާބިތުވެއްޖެ ނަމަ އަދަބު ކަނޑައެޅުމުގެ އަސާސީ މިންގަނޑު ފިޔާޒްގެ މައްޗަށް އަންނާނެ އަދަބަކީ އެއް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެކެވެ. އެކަމަކު ބައެއް ހާލަތްތަކުގައި އަދަބު ދަރަޖަ އެއަށް ވުރެ މަތިވުމުގެ ފުރުސަތު ނުވަތަ ދަށްވުމުގެ ފުރުސަތު ވެސް އޮވެ އެވެ.