ސަރުކާރު ވައްޓާލަން ގޮވާލި ކަމަށް ބުނެ މުސްތަފާ ފުލުހަށް ހާޒިރުކުރަނީ

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރު ވައްޓާލަން ތިމަރަފުށި ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ ގޮވާލި ކަމަށް ބުނެ، މާދަމާ ރޭ އޭނާ ފުލުސް އޮފީހަށް ހާޒިރުވާން އަންގައިފި އެވެ.


މުސްތަފާ ފުލުސް އޮފީހަށް ހާޒިރުވާން އަންގާފައި ވަނީ މާދަމާ ރޭ 8:30 އަށެވެ.

އިދިކޮޅު ހަރަކާތްތަކުގައި އެންމެ އިސްކޮށް އުޅުއްވާ، އަދި ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުން ގެންދަވާ މުސްތަފާ އަށް ފުލުހުން ފޮނުވި ޗިޓުގައިވާ ގޮތުން އޭނާއާ ގުޅޭގޮތުން ތަހުގީގު ކުރަމުން ދަނީ މިދިޔަ މަހުގެ 28 ވަނަ ދުވަހު ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި ދެއްކެވި ވާހަކަތަކަކާ ގުޅިގެންނެވެ.

މުސްތަފާ ހާޒިރު ކުރަނީ ރައްޔިތުން ނިކުމެ، ރައީސް ޔާމީން މަގާމުން ބޭރުކޮށް، ގާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރު ވައްޓާލުމަށާއި ޣައިރު ގާނޫނީ އަމަލުތަކެއް ހިންގުމަށް ރައްޔިތުންނަށް ހިތްވަރު ލިބޭ ގޮތަށް ވާހަކަ ދެއްކެވި ކަމަށް ތުހުމަތު ކުރެވޭ މައްސަލާގައި ސުވާލުކޮށް ބަޔާން ނެގުމަށާއި ކޯޓު އަމުރެއްގެ ދަށުން ސާމްޕަލް ނެގުމަށްޓަކައި ކަމަށް ވެސް ފުލުހުން ބުންޏެވެ.

އިދިކޮޅު ފަރާތްތަކުން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހްގެ އިތުބާރު ނެތް ކަމުގެ މައްސަލަ 45 މެމްބަރުންގެ ސޮޔާއެކު މަޖިލީހަށް ވެއްދި ފަހުން، އިދިކޮޅު މެމްބަރުންނަށް ތަފާތު އެކިއެކި ހުރަސްތައް ދަނީ ކުރިމަތި ކުރަމުންނެވެ. އޭގެ ތެރޭގައި ސުޕްރީމް ކޯޓު މެދުވެރިކޮށް ނެރުނު ހުކުމަކާ އެކު އެތައް މެމްބަރުންނެއްގެ ގޮނޑި ގެއްލިއްޖެކަން އިލެކްޝަންސް ކޮމިޝަނުން އިއުލާންކުރުން ހިމެނެ އެވެ.

މީގެ އިތުރުން އިދިކޮޅު މެމްބަރުން މަޖިލީހަށް ވެންނެވުމަށް ކުރެއްވި މަސައްކަތުގައި ފުލުހުންނަށް ހުރަސް އެޅި ކަމަށް ބުނެ، ބައެއް މެމްބަރުންގެ މައްސަލަތައް ދަނީ ތަހުގީގު ކުރަމުންނެވެ.