މައިބަދައިގެ އެކްސްރޭއެއް ނެގުމަށް އަމީތު ހޮސްޕިޓަލަށް ގެންގޮސްފި

ފުލުހުންގެ ސަފުތައް ފަޅާލައި، ރައްޔިތުންގެ މަޖިލީހުގެ އިދާރާ އަށް ވަންނަން އުޅުނު ކަމަށް ބުނެ، ހައްޔަރުކޮށްފައިވާ މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދުު އަމީތު މިއަދު އައިޖީއެމްއެޗަށް ގެންގޮސްފި އެވެ.


އެނގިފައިވާ ގޮތުގައި މެންދުރު ފަހު އޭނާ ހޮސްޕިޓަލަށް ގެންދިޔައީ މައިބަދައިގެ އެކްސްރޭއެއް ނެގުމަށެވެ.

އަމީތުގެ ބޭބެ އަދި ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވީ އަމީތު ހޮސްޕިޓަލަށް ގެންދިޔަކަން އާއިލާ އަށް ވެސް އަދި ވަކީލަށް ވެސް ނާންގާ ކަމަށެވެ. ދޫނިދޫގައި ބަންދުކޮށްފައިވާ އަމީތު ހޮސްޕިޓަލަށް ގެންދިޔަކަން އެނގިވަޑައިގަތީ އިއްތިފާގަކުން ހޮސްޕިޓަލަށް ވަޑައިގެންނެވުމުން ކަމަށް އަމީން ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަކަށް ވެސް ނޭނގެ ކީއްވެގެން ކަމެއް ހޮސްޕިޓަލަށް ގެންދިޔައީކީ. ވާހަކަ ދައްކާލެވޭ ގޮތެއް ވެސް ނުވި،" އަމީން ވިދާޅުވި އެވެ.

އަމީތު މިއަދު ހޮސްޕިޓަލަށް ގެންދިއުމުން، ކުރީގެ ޔޫތު މިނިސްޓަރު މަލީހްއާ ސަލާމް ކުރައްވަނީ.

އެކްސްރޭ ނެގުމަށް ފަހު ފުލުހުން ވަނީ އޭނާ އެނބުރި ދޫނިދޫ ޖަލަށް ގެންގޮސްފަ އެވެ.

މަޖިލީހުގެ މެމްބަރެއްގެ ގޮތުގައި ނުހިމެނޭ ބަޔަކު މަޖިލީހަށް ވަން ކަމަށް ބުނާ މައްސަލައިގައި އަމީތުގެ އިތުރުން، ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް (ވައްޑެ) އަދި ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސެއިން ވެސް ވަނީ ހައްޔަރުކޮށްފަ އެވެ.

އަމީތު މިއަދު އައިޖީއެމްއެޗަށް ގެންދިއުމަށް ފަހު އަނބުރާ ގެންދާއިރު، އޭނާގެ ބޭބެ އަމީން، އަމީތާއެކު ސެލްފީއެއް ނަންގަވަނީ.

އިންތިހާބުވި އިރު ހުރި ޕާޓީ ނޫން އެހެން ޕާޓީއަކަށް ބަދަލުވެއްޖެ ނަމަ ނުވަތަ ޕާޓީން ވަކިވެއްޖެ ނަމަ ނުވަތަ ވަކިކޮށްފި ނަމަ މަޖިލީހުގެ މެންބަރުކަން ގެއްލޭނެ ކަމަށް ސުޕްރީމް ކޯޓުން ކުރި ހުކުމަށް ފަހު ޕީޕީއެމުން ވަކިކުރުމުން ގޮނޑި ގެއްލުނު ކަމަށް ބުނާ މެންބަރުންގެ ތެރޭގައި މި ތިން މެމްބަރުން ހިމެނިވަޑައިގަންނަވަ އެވެ.

އަމީތާއި ވަހީދު އަދި ސައުދުގެ ބަންދުގެ މުއްދަތަށް 15 ދުވަސް ޖަހާފައިވާއިރު، އެ މައްސަލަ މިހާރު ހައިކޯޓުގައި ވަނީ އިސްތިއުނާފް ކޮށްފަ އެވެ.