އަޅުގަނޑުގެ ސިކުނޑި ގޮއްވާލާވަރުގެ ކަންކަން މިހާރު އެބަހިނގާ: ރައީސް

ވަރަށް ގިނަ ސިޔާސީ ކަންކަން ފެނިވަޑައިގަނެ، ތަޖުރިބާ ވެސް ކުރެވިއްޖެ ކަމަށާއި އެކަމަކު އެ ހުރިހާ ކަމަކާ ހިލާފަށް ސިކުނޑި ގޮއްވާލާވަރުގެ ކަންކަން މިހާރު ހިނގަމުން އަންނަ ކަމަށް ރައީސް އަބްދުﷲ ޔާމީން މިރޭ ވިދާޅުވެއްޖެ އެވެ.


ހުޅުމާލޭގައި ޕާކަކާއި ކޮމިއުނިޓީ ސެންޓަރެއް ހުޅުވުމަށް މިރޭ ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން އެ މަނިކުފާނު ވިދާޅުވީ ހިނގާފައިވާ ވަރަށް ގިނަ ކަންކަން، ރައްޔިތުންނަށް ނޭނގޭ ވަރަށް، އެތެރެ އާއި ބޭރު އެ މަނިކުފާނަށް އެނގިވަޑައިގަންނަވާ ކަމަށެވެ. އަދި އެ މައްސަލަތައް ހުރިކަން އެނގިވަޑައިގެން ވެސް އެ މަނިކުފާނު މަސައްކަތް ކުރައްވަނީ ކަންކަން ހައްލު ކުރެއްވުމަށް ކަމަށާއި އެކަމަކު އެ ހުރިހާ ކަންކަމާއި ތަޖުރިބާއާ އެކު ވެސް، ސިކުނޑި ގޮއްވާލާވަރުގެ ކަންކަން މިހާރު ހިނގަމުން އަންނަ ކަމަށް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އެ މަނިކުފާނާ އެކު މަސައްކަތްކުރައްވާފައިވާ ބޭފުޅުން ވެސް ކޮންމެވެސް ސަބަބަކާ ހުރެ ގުޅިވަޑައިގަންނަވަނީ އިދިކޮޅު ފަރާތްތަކާ އެވެ. އަދި ދުވަހަކު ވެސް ދެކެވަޑައިގަންނަވަން ބޭނުންފުޅު ނުވާ ކަހަލަ ޝަރަފްވެރި އިއްޒަތްތެރި ބޭފުޅުން ވެސް، ކުރިއެރުން ހޯއްދަވަން މަސައްކަތްޕުޅު ކުރައްނީ އެފަދަ ފަނާކުރަނިވި ކަންތައްތަކުގެ ތާރީހެއް އޮތް ބަޔަކާ އެކުގައި ކަމަށް ވިދާޅުވި އެވެ.

"ވިސްނާ ވިސްނާ ވެސް ސިކުނޑި އަށް އޭގެ ޖަވާބެއް ނައި. ސިކުނޑި ގޮވާވަރުގެ ކަމެއް މިއީ،" ކުރީގެ ރައީސް އަދި ބޮޑުބޭބޭފުޅު މައުމޫން އަބްދުލްގައްޔޫމު، އިދިކޮޅު ފަރާތްތަކާއެކު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅަށް ނުސީދާކޮށް ފާޑުވިދާޅުވަމުން ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ފާޑުކިޔައި، ފުރައްސާރަކޮށް، ހަގީގަތް ނުބަލައި މީހުންގެ ހައްގުތަކަށް އަރައިގަނެވިދާނެ ކަމަށާއި މިކުރެވެނީ މޮޅުކަމެއް ކަމަށް ހީކޮށް، ހުރިހާ ވައްތަރެއްގެ އިލްމު އުނގެނިގެން ތިބި މީހުންނަށް ވެސް މިކަހަލަ ހުރިހާ ކަމެއް ވެސް ކުރެވޭނެ ކަމަށެވެ.

އެކަމަކު އެ މީހުންނަކީ ރޭގަނޑު ޝަހާދަތް ކިޔައިގެން ނިދައި، ކަލަކު ވޮޑިގެންވާކަން ގަބޫލުކުރާ އަދި މި ނޫން ދުވަހެއް އޮންނާނެ ކަމަށް ވެސް ގަބޫލުކުރާ މީހުން ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

"އެހެންވީރު އަޅުގަނޑުމެންގެ ސިޔާސީ ލީޑަރުން މި ކުރަނީ ކޮން ކަމެއްތޯ. ސިޔާސީ ލީޑަރުންނާއި އަޅުގަނޑުމެންގެ އިލްމުވެރިން ދައްކަންވީ ޒުވާން ޖީލަކަށް، ޅަ ކުދިންނަށް ރިވެތި މިސާލުތަކެއް،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ މި ސަރުކާރުން ގާނޫނުއަސާސީ އާއި އިސްލާމް ދީނާ ހިލާފުވެގެން، އިދިކޮޅު ފަރާތްތަކުން އަޑު އުފުލަން ނުޖެހޭނެ ކަމަށާއި އެ ފުރުސަތު އެ މަނިކުފާނު ނުވެސް ދެއްވާނެ ކަމަށެވެ. އަދި ގާނޫނުތަކާ ހިލާފަށް ކުރާ ކަންކަމަކީ މި ސަރުކާރުން ވެސް ގަބޫލުކުރާ ކަންކަން ނޫން ކަމަށް ވިދާޅުވި އެވެ.