ނާޒިމް މިހާރު ހުރީ "ރަހީނުކޮށްފައި"، މަސައްކަތް ހުއްޓާލާނީ މިނިވަންކޮށްފައި: އާއިލާ

ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ ކުށެއް ނެތް ކަން އެނގޭއިރު ވެސް ދައުލަތުގެ މުއައްސަސާތައް ގުޅިގެން އޭނާ "ރަހީނުކޮށްފައިވާ" ކަމަށް އޭނާގެ ކޮއްކޮ، އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް މިރޭ ވިދާޅުވެއްޖެ އެވެ.


ނާޒިމްގެ ކޮޓަރިން ހަތިޔާރު ފެނުނު މައްސަލާގައި އޭނާގެ މައްޗަށް ކޮށްފައިވާ 11 އަހަރުގެ ޖަލު ހުކުމުގެ އިސްތިއުނާފުގެ މައްސަލަ ބަލައިނުގަންނަން ސުޕްރީމް ކޯޓުން މިއަދު ވަނީ ނިންމައިފަ އެވެ.

ސުޕްރީމް ކޯޓުގެ އެ ނިންމުމާ ގުޅޭގޮތުން އާޒިމް "މިހާރު" އަށް ވިދާޅުވީ ނާޒިމާ މެދު ބޭއިންސާފުން ކަންކަން ކުރި ގޮތަށް ބަލާއިރު، ކޯޓުން އެގޮތަށް ނިންމާފާނެ ކަމަށް ކުރިން ވެސް އާއިލާ އަށް ގަބޫލުކުރެވުނު ކަމަށެވެ. ކޯޓަށް ކާމިޔާބު ނުވާނެހެން ހީވާ މައްސަލަތަކުގައި އާއްމުކޮށް އެ އުސޫލުން އަމަލުކުރާ މަންޒަރު ފެންނަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް: އޭނާގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ބަލައިނުގަންނަން ވަނީ ނިންމާފައި. --ފޮޓޯ: ވީމީޑިއާ

ނާޒިމްގެ ކޮޓަރިން ފެނުނު ފިސްތޯލައިން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ޑީއެންއޭ ފެނިފައިވާ ކަމަށް ފުލުހުން ވަނީ މިދިޔަ ބުދަ ދުވަހުގެ ރޭ ބުނެފަ އެވެ. އަދި އެ ޑީއެންއޭގެ ރިޕޯޓް ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހުން މިދިޔަ ބުރާސްފަތިދުވަހު ވަނީ ސުޕްރީމް ކޯޓަށް ފޮނުވައިފަ އެވެ.

ނާޒިމްގެ ހުކުމަށް ފަހު ވެސް އޭނާގެ ކުށެއް ނެތް ކަން ސާބިތުވާވަރުގެ އިތުރު ހެކިތަކެއް ލިބިފައިވާތީ ވެސް އެ މައްސަލަ ކުއރިއަށް ގެންދަން ޖެހޭ ކަމަށް ގަބޫލުކުރައްވާ ކަމަށް އާޒިމް ވިދާޅުވި އެވެ.

"އަޅުގަނޑުމެން މަސައްކަތް ހުއްޓައެއް ނުލާނަން. ނާޒިމަކީ ކުށެއް ނެތް މީހެއް ކަން މުޅި ދުނިޔެ އަށް އެ އޮތީ ސާފުކޮށް ފެންނަން. ނާޒިމް މިނިވަންކުރަން ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރާނަން،" އާޒިމް ވިދާޅުވި އެވެ.

"މިހާރު" އަށް އެނގިފައިވާ ގޮތުގައި ނާޒިމްގެ މައްސަލަ ސުޕްރީމް ކޯޓުން ބަލައިނުގަންނަން ނިންމީ، ފިސްތޯލައިން އަދީބުގެ ޑީއެންއޭ ފެނިފައިވާތީ، އެކަމާ ގުޅޭ ގޮތުން ކޯޓުގައި ދައުލަތުގެ ފަރާތުން ވާހަކަ ދައްކަން އެދިފައި ވަނިކޮށެވެ. އެކަމަށް އެދިފައި ވަނީ އެނގިފައިވާ ގޮތުގައި، ޑީއެންއޭގެ ރިޕޯޓާ އެކު ޕީޖީގެ އޮފީހުން ސުޕްރީމް ކޯޓަށް ފޮނުވި ސިޓީއެއްގަ އެވެ. މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ނާޒިމްގެ ކޮޓަރިން ފިސްތޯލައަކާއި ތިން ވަޒަން ފެނުނު މައްސަލާގައި ނާޒިމް ޖަލަށްލާން ކުރި ހުކުމުގެ އިސްތިއުނާފުގެ މައްސަލަ ބަލައިނުގަތުމަށް ސުޕްރީމް ކޯޓުން ނިންމީ، އެ ،މައްސަލަ ބަލައިިގަތުމާ މެދު ގޮތެއް ނިންމަން އިޖްރާއީ އަޑުއެހުންތަކެއް ކުރިއަށް ގެންދިއުމަށް ފަހު އެވެ.

ސުޕްރީމް ކޯޓުން މިއަދު ނާޒިމްގެ ވަކީލުންނަށް ފޮނުވި ލިޔުމުގައި ވަނީ ނާޒިމް ޖަލަށްލާން ކުރި ހުކުމަށް ތާއީދުކޮށް ހައި ކޯޓުން ކޮށްފައިވާ ހުކުމަކީ ޝަރުއީ އަދި ގާނޫނީ އުސޫލުތަކާ ޚިލާފަށް ކޮށްފައިވާ ހުކުމެއް ކަމަށް ބެލެވެން ނެތް ކަމަށެވެ.

ސުޕްރީމް ކޯޓަށް މައްސަލަ ބަލައިގަތުމާ މެދު ގޮތެއް ނިންމަނީ އެ ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުންނެވެ. ސުޕްރީމް ކޯޓަކީ އިސްތިއުނާފްގެ އެންމެ ފަހު މަރުހަލާ ކަމަށް ވެފައި ސުޕްރީމް ކޯޓުގެ އެ ނިންމުމާ އެކު އިސްތިއުނާފްގެ ހުރިހާ ދޮރެއް ނާޒިމަށް ބަންދުވީ އެވެ. އެ އަދަބުން ނާޒިމަށް ދެން ސަލާމަތްވެވޭނީ މައާފް ދިނުމާއި އަދަބު ލުއިކޮށް ދިނުމުގެ ގާނޫނުގެ ދަށުން އޭނާއަށް ރައީސުލްޖުމްހޫރިއްޔާ މައާފް ދެއްވުމުން ނުވަތަ އަދަބު ލުއިކޮށް ދިނުމުންނެވެ. ދަށު ކޯޓާއި ހައި ކޯޓުގައި މައްސަލަ ކުރިއަށް ގެންދިޔައިރު ވެސް އެފަދަ މައުލޫމާތެއް ފުލުހުން ހާމަކޮށްފައި ނުވާއިރު އެ ޑީއެންއޭ ފެނުނު ކަން ފުލުހުން ހާމަ ކުރީ ނާޒިމްގެ މައްސަލަ ބަލައިގަތުމާ މެދު ގޮތެއް ނިންމަން ކުރިއަށް ގެންދިޔަ އިޖްރާއީ އަޑުއެހުންތައް ވެސް ނިންމާލާފައި ވަނިކޮށެވެ. އެކަމަކު ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ފަހުން ވަނީ އެ މައުލޫމާތު ސުޕްރީމް ކޯޓާއި ހިއްސާކޮށްފަ އެވެ.