މުސްތަފާ އަށް ފުލުހުން ފޮނުވި ޗިޓު ކެންސަލްކޮށްފި

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރު ވައްޓާލަން ތިމަރަފުށި ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ ގޮވާލި ކަމަށް ބުނެ، މާދަމާ ރޭ އޭނާ ފުލުސް އޮފީހަށް ހާޒިރުވާން ފޮނުވި ޗިޓް ފުލުހުން ކެންސަލްކޮށްފި އެވެ.


މުސްތަފާ ފުލުސް އޮފީހަށް ހާޒިރުވާން އަންގާފައި އޮތީ މާދަމާ ރޭ އަށެއް ޖަހާއިރަށެވެ. ނަމަވެސް މުސްތަފާ އަށް ފޮނުވި ޗިޓް ކެންސަލް ކުރި ސަބަބެއް އެނގިފައެއް ނުވެ އެވެ.

މުސްތަފާ ހާޒިރު ކުރަން ނިންމީ ރައްޔިތުން ނިކުމެ، ރައީސް ޔާމީން މަގާމުން ބޭރުކޮށް، ގާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރު ވައްޓާލުމަށާއި ޣައިރު ގާނޫނީ އަމަލުތަކެއް ހިންގުމަށް ރައްޔިތުންނަށް ހިތްވަރު ލިބޭ ގޮތަށް ވާހަކަ ދެއްކެވި ކަމަށް ތުހުމަތު ކުރެވޭ މައްސަލާގައި ސުވާލުކޮށް ބަޔާން ނެގުމަށާއި ކޯޓު އަމުރެއްގެ ދަށުން ސާމްޕަލް ނެގުމަށްޓަކައި ކަމަށް ފުލުހުން ފޮނުވި ޗިޓުގައިވެ އެވެ.

މުސްތަފާ އަށް ފުލުހުން ފޮނުވި ޗިޓުގައިވާ ގޮތުން އޭނާއާ ގުޅޭގޮތުން ތަހުގީގު ކުރަމުން ދަނީ މިދިޔަ މަހުގެ 28 ވަނަ ދުވަހު ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި ދެއްކެވި ވާހަކަތަކަކާ ގުޅިގެންނެވެ.

މުސްތަފާ ކުރެއްވި ޓުވީޓު.

އިދިކޮޅު ހަރަކާތްތަކުގައި އެންމެ އިސްކޮށް އުޅުއްވާ، އަދި ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުން ގެންދަވާ މުސްތަފާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޣައިރު ގާނޫނީ އަމަލު ހިންގަން ރައްޔިތުންނަށް އެންމެ ފުރަތަމަ ހިތްވަރު ދެއްވީ ރައީސް ޔާމީން ކަމަށެވެ. އަދި ގައުމުގައި މިހާތަނަށް މެރި އެންމެންގެ މަރުގެ ތުހުމަތު ވެސް އެޅެނީ ރައީސް ޔާމީންގެ އިސްތަށިފުޅުގައި ކަމަށް އޭނާ ވިދާޅުވި އެވެ.

މުސްތަފާ ވިދާޅުވި ގޮތުގައި ރައީސް ޔާމީންގެ އަނިޔާވެރިކަމަކީ ގައުމާއި ރައްޔިތުންނަށް އާ ކަމެއް ނޫނެވެ. ރައީސް ޔާމީން ހިންގަވާފައި ހުރި ޖަރީމާތައް ވަރަށް އަވަހަށް އެނގިގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އިދިކޮޅު ފަރާތްތަކުން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހްގެ އިތުބާރު ނެތް ކަމުގެ މައްސަލަ 45 މެމްބަރުންގެ ސޮޔާއެކު މަޖިލީހަށް ވެއްދި ފަހުން، އިދިކޮޅު މެމްބަރުންނަށް ތަފާތު އެކިއެކި ހުރަސްތައް ދަނީ ކުރިމަތި ކުރަމުންނެވެ. އޭގެ ތެރޭގައި ސުޕްރީމް ކޯޓު މެދުވެރިކޮށް ނެރުނު ހުކުމަކާ އެކު އެތައް މެމްބަރުންނެއްގެ ގޮނޑި ގެއްލިއްޖެކަން އިލެކްޝަންސް ކޮމިޝަނުން އިއުލާންކުރުން ހިމެނެ އެވެ.

މުސްތަފާ ކުރެއްވި ޓުވީޓު.

މީގެ އިތުރުން އިދިކޮޅު މެމްބަރުން މަޖިލީހަށް ވެންނެވުމަށް ކުރެއްވި މަސައްކަތުގައި ފުލުހުންނަށް ހުރަސް އެޅި ކަމަށް ބުނެ، ބައެއް މެމްބަރުންގެ މައްސަލަތައް ދަނީ ތަހުގީގު ކުރަމުންނެވެ.