ގާސިމަށް ރާއްޖެއިން ދެވޭނެ ފަރުވާއެއް ނެތް، ހާލު ސީރިއަސް: ސަމީރު

ހިތުގެ އާލާސްކަންފުޅެއްގައި އެޑްމިޓްކޮށްފައިވާ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމަށް ރާއްޖެ އިން އިތުރަށް ދެވޭނެ ފަރުވާއެއް ނެތް ކަމަށާއި އޭނާގެ ހާލު ވަރަށް ސީރިއަސް ކަމަށް އެ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަހްމަދު ސަމީރު މިއަދު ވިދާޅުވެއްޖެ އެވެ.


އޭނާ ވިދާޅުވީ އޭޑީކޭގައި އެޑްމިޓްކޮށްފައިވާ ގާސިމްގެ ހާލު ދުވަހެއް ދުވަހަކަށް ދަނީ ދަށްވަމުން ކަމަށެވެ. ރާއްޖެއިން ގާސިމަށް ދެވޭނެ ހުރިހާ ފަރުވާއެއް ހުސްވެ، ޑޮކްޓަރުން ވެސް ގޮތް ހުސްވެފައިވާ ކަމަށް ސަމީރު ވިދާޅުވި އެވެ.

"އޮޕަރޭޝަނަށް ފަހު ގާސިމަށް އެކަށީގެންވާ ފަރުވާ ދެވެން އަންނަނީ. އެ އޮޕަރޭޝަން ރާއްޖެ އިން ކުރެވޭކަށް ނެތް. އިއްޔެ ވެސް އެމްއާރުއައި ސްކޭނެއް ހަދައިގެން ޑޮކްޓަރުން ބައްލަވާފައި ވިދާޅުވަނީ އެއް ވާހަކައެއް. އެޑްމިޓްކޮށްފައި އޮތަސް އޮޕަރޭޝަން ނުކޮށް އެކަށީގެންވާ ފަރުވާ ނުދެވޭނެ ކަމަށް،" ސަމީރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ސިއްހީ ގޮތުންނާއި ތައުލީމީ ގޮތުން ވެސް އެތައް ދިވެހިންނަކަށް ދީލަތި އެހީތަކެއް ވެދެއްވި ގާސިމް މިހާރު އޮތީ ވަރަށް "ނިކަމެތި" ހާލަތެއްގަ އެވެ. ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ އެންމެ އަސާސީ ހައްގު ކަމަށްވާ ބޭސްފަރުވާ ކުރުމުން ވެސް މަހްރޫމްކޮށް، މި ސަރުކާރުން ލާއިންސާނީ އަނިޔާތަކެއް ގާސިމާ މެދު ހިންގަމުންދާ ކަމަށް ވިދާޅުވެ އެކަން ސަމީރު ކުށްވެރި ކުރެއްވި އެވެ.

ގާސިމްގެ މައްޗަށް ރިޝްވަތުގެ ތުހުމަތުކޮށް ޝަރީއަތް ހިންގަމުން ދިޔަ ނަމަވެސް އޭނާއަކީ ހުކުމެއް ސާބިތުވެފައިވާ މީހަކަށް ނުވާތީ، ރާއްޖެ އިން ބޭރުން ގާސިމަށް ބޭސްފަރުވާ ކުރެވޭނެ އިންތިޒާމް ސަރުކާރުން ހަމަޖައްސައިދޭން ޖެހޭ ކަމަށް ސަމީރު ތަކުރާރުކޮށް ވިދާޅުވި އެވެ. ސަރުކާރުން ބޭނުންވާ ބަޔަކު، ގާސިމާ އެކު ރާއްޖެ އިން ބޭރަށް ފޮނުވައިގެން ނަމަވެސް ގާސިމަށް މި ވަގުތު ސިއްހީ ފަރުވާ ބޭނުންވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ގާސިމާ މެދު ކަންކަން ކުރަމުން ދަނީ އިންސާނަކާ ދޭތެރޭގައި އަމަލުކުރަންވާނެ ގޮތަކަށް ނޫން. ވަރަށް އަނިޔާވެރިކޮށް،" ސަމީރު ވިދާޅުވި އެވެ.

ޝަރީއަތް ނިމެންދެން ގާސިމް ރާއްޖެ އިން ބޭރަށް ފުރުން މަނާކޮށް، އޭނާގެ ޕާސްޕޯޓު އޮތީ ހިފަހައްޓައިފަ އެވެ. ހިތުގެ އޮޕަރޭޝަނަށް ގާސިމް ރާއްޖެ އިން ބޭރަށް ފޮނުވައިދޭން އާއިލާ އާއި ވަކީލުން ތަކުރާރުކޮށް ވަނީ ސަރުކާރުގައި އެދިފަ އެވެ. އެކަމަކު އަދިވެސް އެ ހުއްދައެއް ނުދެ އެވެ.

ގާސިމަށް ކުރާ ރިޝްވަތުގެ ދައުވާގެ އަޑު އެހުމެއް މިދިޔަ އާދީއްތަ ދުވަހު ޝެޑިއުލްކުރި އެވެ. އޭނާ އެޑްމިޓްކޮށްގެން ފަރުވާދެމުން އަންނަ ކަން ކޯޓަށް އެންގުމުން، އެ ޝަރީއަތް އެ ރޭ ބާއްވާގޮތަށް ނިންމި އެވެ. އެކަމަކު، ގާސިމާއި ވަކީލުން ހާޒިރުނުވުމުން ފަހުން ކެންސަލްކުރީ އެވެ.