ޔާމީން މަރާލުމުގައި އަމަލީ ގޮތުން ބައިވެރިވީ ތިން މީހެއް: ޕޮލިސް

ޔާމީން ރަޝީދު މަރާލުމުގައި އަމަލީ ގޮތުން ބައިވެރިވީ ތިން މީހަކު ކަމަށާއި އޭނާ އަށް ފާރަލުމަށް އިތުރު މީހުން ޔާމީން ދިރިއުޅުނު ގޭގެ ބޭރުގައި ތިބި ކަމަށް ފުލުހުން ދެންމެ ބުނެފި އެވެ.


ފުލުހުން ބޭއްވި ޕްރެސް ބްރީފިންގައި ބުނީ ޔާމީން މަރާލުމުގައި އަމަލީ ގޮތުން ބައިވެރިވީ ހ. އަންނާރުމާގޭ އިސްމާއިލް ހައިޝަމް ރަޝީދާއި މ. އިރާސްމިކުގޭ އަހުމަދު ޒިހާން އިސްމާއިލްކަން ތަހުގީގަށް އެނގިފައިވާ ކަމަށެވެ. އަދި އެ ވަގުތު ގޭގެ ބޭރުގައި ފާރައަށް ހުރީ ގ. ތާއިފް އިސްމާއިލް ރަޝީދު ކަމަށް ފުލުހުން ބުންޏެވެ.

އެ ތިން މީހުންގެ އިތުރުން ދެން މި މައްސަލާގައި ހައްޔަރުކޮށްފައި ވަނީ ގދ. ގައްދޫ ސިންދުބާންގޭ މުހައްމަދު އިފްރާން އާއި މ. ކުދެހި ހަސަން ޝިފާޒާއި ގދ. ތިނަދޫ ހިކިފިނިފެންމާގޭ އަހުމަދު ނަސޫހް އަބްދުﷲ އާއި މ. ޕާލްމާވިލާ މުހައްމަދު ޔަޝްފައު ރަޝީދު އަދި މ. ކޮޅުފުށި އީސްޓް ހުސެއިން ޒިޔާދު އެވެ.

ފުލުހުން ބުނީ ޔާމީން ދިރިއުޅުނު ގެ، މ. ސްޕެޓިއުލާ އަށް އަށް ދިއުމަށްޓަކައި އޮފީހުން ނުކުތީ މިދިޔަ އޭޕްރީލް 23 ވަނަ ދުވަހުގެ ރޭ ދަންވަރު 2:23 ހާއިރު ކަމަށާއި އޭރު ވެސް އޭނާ އަށް ބަޔަކު ފާރަލަމުން ދިޔަކަން ތަހުގީގަށް އެނގޭ ކަމަށެވެ. އެގޮތުން ޣާޒީ ބިލްޑިންގްގެ އިރުމަތީ ގޯޅިން އަމީރުއަހުމަދު މަގަށް އެޅުމާ ހަމައަށް ދެ މީހަކު ޔާމީނަށް ފާރަލަމުން ދިޔަ ކަމަށް ފާހަގަ ކުރެވިފައިވާ ކަމަށް ފުލުހުން ބުންޏެވެ. އެ މީހުން ޔާމީނަށް ފާރަލަމުން ދިޔައީ ތިން ނަމްބަރު ފާލަމާ ހަމައަށް ކަމަށް ފުލުހުންގެ ޕްރެޒެންޓޭޝަންގައި ބުންޏެވެ.

ޔާމީން އަމީރުއަހުމަދު މަގަށް އެޅުމުން، އޭނާ އަށް ފާރަލި ދެ މީހުން އަނބުރާ ދިޔައީ މަސްވެރިންގެ ޕާކާ ހަމައަށް ކަމަށް ވެސް ފުލުހުން ބުންޏެވެ.

"އަދި މި ދެ މީހުންގެ ތެރެއިން އެކަކު ފޯނުން މުއާމަލާތް ކުރަމުން ދިޔަކަން ތަހުގީގަށް އެނގިފައިވޭ،" ޕްރެޒެންޓޭޝަންގައި ފުލުހުން ބުންޏެވެ.

ފުލުހުން ބުނިގޮތުގައި ޔާމީން ގެ އަށް ދިއުމުގެ ކުރިން ތިން މީހަކު، އެ ގޭ ކައިރިއަށް ގޮސް އޭގެ ތެރެއިން ދެ މީހަކު ގެއަށް ވަނެވެ. ތިންވަނަ މީހާ ހުރީ ގޭގެ ބޭރުގަ އެވެ.

ޔާމީންގެ މަރުގައި ތުހުމަތު ކުރެވޭ ދެ މީހުން ސްޕެޓިއުލާގޭގެ ސިޑިކައިރީގައި.

ގެ އަށް ވަން ދެ މީހުން އެންމެ ފުރަތަމަ ވެސް ކުރި ކަމަކީ އެ ގޭގެ ތިރީގައި ހަރުކޮށްފައި ހުރި ކެމެރާ އެހެން ދިމާލަކަށް އަނބުރާލައި އަދި ލައިޓް ވެސް ނިއްވާލުން ކަމަށް ފުލުހުން ބުންޏެވެ. އޭރު ޔާމީން އަރާ ހަމަވީ، ޗާންދަނީމަގާއި ކެނެރީމަގާ ހިސާބަށް ކަމަށް ފުލުހުން ބުންޏެވެ.

"ޔާމީން ގޮސް ދިރިއުޅޭ ގެއަށް ވަނީ 2017، 23 އޭޕްރީލް ދުވަހުގެ ރޭ 2:46 ހާއިރު. ޔާމީން ރަޝީދު ގެ އަށް ވަދެ ލިފްޓަށް އެރުމަށް ލިފްޓަށް ފިއްތި ވަގުތާއި ޔާމީނަށް ހަމަލަދިން ވަގުތާ އެއް ވަގުތަކަށް ވުމުން ފުލުހުންގެ ތަހުގީގަށް ވަނީ މި ރަހުމް ކުޑަ އަމަލު ހިންގި މަންޒަރު، ލިފްޓްގެ ކެމެރާގެ ރެކޯޑިން އިން ލިބިފައި،" ފުލުހުންގެ ޕްރެޒެންޓޭޝަންގައި ބުންޏެވެ.

އަދި ޔާމީން ރަޝީދަށް ހަމަލަ ދިނުމަށް ފަހު، ބަޔާން ކުރެވިފައިވާ ތިން މީހުން ދެ ސައިކަލްގައި ގެ އިން ނުކުމެގެން ގޮސް ބޮޑުތަކުރުފާނާ ހަމައިން އެއް ނަމްބަރު ކުނިކޮއްޓާ ހިސާބަށް ގޮސްފައި ވަނީ އެކުގައި ކަން ތަހުގީގަށް ވަނީ އެނގިފައި."

ޔާމީން މަރާލި މައްސަލާގައި އަށް މީހަކު ހައްޔަރުކޮށްފައިވާއިރު އޭގެ ތެރެއިން އެކަކު ހުރީ ގޭ ބަންދުގައި ކަމަށް ފުލުހުން ބުންޏެވެ. އަދި އަށް މީހުންގެ މައްޗަށް ދައުވާ ކުރުމަށް ޕީޖީގެ އޮފީހަށް ފޮނުވި ނަމަވެސް ދައުވާ ކުރީ ހަތް މީހެއްގެ މައްޗަށް ކަމަށް ފުލުހުން ބުންޏެވެ. ދައުވާ ނުކުރަނީ ގޭ ބަންދުގައި ހުރި މީހާގެ މައްޗަށެވެ.

ޔާމީން ރަޝީދު.

ފުލުހުން ބުނީ ޔާމީން މަރާލުމުގައި ބައިވެރިވީ، އެކަށީގެންވާ ފެންވަރަށް ކިޔަވައިގެން ތިބި މީހުން ކަމަށް ވިޔަސް އެއީ ދީނީ ގޮތުން ބަސް ބުނުމުގެ އެއްވެސް ލިޔުމެއް ލިބިފައިވާ ބައެއް ނޫން ކަމަށެވެ. އަދި އެ މީހުންގެ ވިސްނުމުގައި، ޔާމީނަކީ ދީނަށް ފުރައްސާރަ ކުރާ މީހެއް ކަމަށް ފުލުހުން ބުންޏެވެ.

"އަދި މި މީހުންނަކީ ދީނަށް ފުރައްސާރަކުރާ މީހުން ބަލައި ގަންނަ ބައެއް ނޫންކަން ތަހުގީގުން އެނގިފައިވޭ. ޔާމީން ރަޝީދުގެ މަރުގެ ފަހަތުގައި އެއްވެސް ސިޔާސީ އަދި އެ ނޫން، ޖަމިއްޔާ ޖަމާއަތެއްގެ ބައިވެރިވުމެއް އޮތްކަން ތަހުގީގުން އެނގިފައެއް ނުވޭ،" ޔާމީން މަރާލި މައްސަލާގައި މިހާތަނަށް ފުލުހުން ދިން އެންމެ ތަފުސީލީ ޕްރެޒެންޓޭޝަންގައި ބުންޏެވެ.

ފުލުހުން ބުނީ އިސްލާމް ދީނުގެ ނަމުގައި ނާތަހުޒީބު އަމަލު ނުހިންގުމަށާއި ދީނަށް ފުރައްސާރަ ކުރުމުގެ އެއްވެސް ކަމެއް ދިވެހި ފަސްގަނޑުގައި ނުކުރުމަށް އިންޒާރު ކުރާ ކަމަށެވެ.

ފުލުހުން ބުނީ ތަހުގީގަށް ބޭނުންވާ ހެކީގެ އަސްލަށް އެއްވެސް ބަދަލެއް ގެނެސް އަދި އެއްވެސް ހެއްކެއް ނައްތާލާފައި ނުވާނެ ކަމަށެވެ. އަދި ޝަރީއަތް ކާމިޔާބު ކުރުމަށް ބޭނުންވާ ހުރިހާ ހެކިތައް ޕްރޮސެކިއުޓަ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާނެ ކަމަށް ފުލުހުން ބުނެ އެެވެ.

ފުލުހުން ބުނީ ޔާމީން މަރާލި މައްސަލައިގެ ތަހުގީގަށް މަސްވެރިންގެ ޕާކާއި އެ ސަރަހައްދުގެ މޫދާއި ފަތާ ޓްރެކްގެ ސަރަހައްދު އަދި އެއް ނަމްބަރު ކުނިކޮށި ފާސްކޮށްފައިވާ ކަމަށެވެ. އަދި ޔާމީން މަރާލުމުގައި ބައިވެރިވި މީހުން ކަމަށް ދާނެ ކަމަށް ބެލެވޭ ރަށްތަކާއި އެއިން ކޮންމެ މީހަކު ދިރިއުޅުނު ގެ ވެސް ބަލައި ފާސްކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. މީގެ އިތުރުން ބޮޑުތަކުރުފާނުމަގުގައި ހުންނަ މޭރީބްރައުން އިން ފެށިގެން ވިލާ ކޮލެޖާ ހަމައަށް ހިމެނޭ މޫދުގެ ސަރަހައްދު ވެސް ބަލައި ފާސްކުރި ކަމަށް ފުލުހުން ބުނެ އެވެ.

މީގެ އިތުރުން މި ތަހުގީގަށް ހަތަރު ގައުމެއްގެ ފުލުހުންގެ އިދާރާގެ އެހީތެރިކަން ހޯދާފައިވާ ކަމަށް ފުލުހުން ބުންޏެވެ.