ވެމްކޯގެ ނަމުގައި ގޭގެއަށް ގޮސް ބިރު ދައްކައި ފައިސާއެއް ނުނަގާ: ވެމްކޯ

ކުނި އުކުމުގެ ޚިދުމަތް ދޭ، ސަރުކާރުގެ ކުންފުނި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) ގެ ނަމުގައި ގޭގެ އަށް ބަޔަކު ގޮސް ބިރު ދައްކައި ފައިސާ ހޯދަމުންދާ ކަމަށް ދައްކާ ވާހަކަތައް ފުލުހުންނާއި އެ ކުންފުނިން މިރޭ ދޮގުކޮށްފި އެވެ.


ފުލުހުން ކުރި ޓްވީޓެއްގައި ބުނީ ވެމްކޯއާ ބެހޭ ގޮތުން ސޯޝަލް މީޑިއާގައި ހިއްސާ ކުރަމުންދަނީ ހަގީގަތާ ޚިލާފު މެސެޖެއް ކަމަށެވެ.

"އަދި އެފަދަ އެއްވެސް ކަމެއް ހިނގައިގެން ފުލުހުންނަށް ރިޕޯޓް ކޮށްފައި ނުވާ ކަމަށް ވެސް ދަންނަވަން،" ވެމްކޯގެ ނަމުގައި ގޭގެ އިން ކުނި ނެގުމަށް ދާ ބަޔަކު ބިރު ދައްކައި ބައެއް ސާމާނުތައް ގެންދާ ކަމަށް ބުނެ ދައުރުވަމުންދާ މެސެޖަށް އިޝާރާތްކޮށް ފުލުހުން ކުރި ޓްވީޓްގައިވެ އެވެ.

މިކަމާ ގުޅިގެން ވެމްކޯ އިން ނެރުނު ނޫސްބަޔާނެއްގައި ބުނީ، އެ ކުންފުނީގެ ޚިދުމަތް ހޯދާ ފަރާތްތަކުން ފައިސާ ދައްކަންޖެހެނީ އެ ޚިދުމަތް ފަށާތާ މަހެއް ވުމުން ކަމަށެވެ. އަދި މަސް ނިމުމުން، ވެމްކޯގެ ނިޝާން ޖަހާފައިވާ ބިލް ގޭބީސީތަކަށް ފޮނުވާނެ ކަމަށް ބަޔާނުގައިވެ އެވެ. އަދި ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9 އިން ހަވީރު 4 އަށް ފައިސާ ބަލައިގަތުން، ވެމްކޯގެ ހެޑް އޮފީހާއި އިންޑަސްޓްރިއަލް ވިލެޖުގައި އޮންނާނެ ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ.

"އަދި ޚިދުމަތް ހޯއްދަވާ ފަރާތްތަކަށް ފަސޭހަކަމާ އެކު ފައިސާ ދެއްކުމުގެ މަގުފަހި ކުރުމުގެ ގޮތުން އޮންލައިންކޮށް ނުވަތަ އެފަދަ އެހެން ވަސީލަތްތައް މެދުވެރިކޮށް، ފައިސާ ދެއްކުމުގެ ފުރުސަތު ތަނަވަސް ކުރުމަށް ވެމްކޯ އިން ދަނީ މަސައްކަތް ކުރަމުންނެވެ،" ބަޔާނުގައިވެ އެވެ.

ވެމްކޯ މެދުވެރިކޮށް ގޭބީސީއަކުން ކުނި އުކާނަމަ މަހަކަށް ނަގަނީ 150ރ. އެވެ. އަދި ކުނި އުކުމަށްޓަކައި ގޭގެ ވެރިފަރާތުން އިމާރާތުގެ ހުރިހާ ބައިތައް ރަޖިސްޓަރީ ކޮށްފައިވާ ނަމަ، ކޮންމެ ބަޔަކުން މަހަކު ނަގަނީ 100ރ. ގެ ފީ އެކެވެ.