އެއްމާބަނޑު ހަތަރު ކުދިންގެ ނަންތައް ހިތްގައިމު

ފަހުގެ ތާރީހެއްގައި ފުރަތަމަ ފަހަރަށް، އެއްމާބަނޑު ދިވެހި ހަތަރު ކުދިން އުފަންވުމާ އެކު ގިނަ ބައެއްގެ ލޯބި އެ ކުދިންނަށް ބަންޑުންވި އެވެ. ފޮޓޯއަކުން ނަމަވެސް، އެ ތިން އަންހެން ކުދިންނާއި ފިރިހެން ކުއްޖާގެ މޫނު ދެކެން ގިނަ ބަޔަކު ބޭނުންވި އެވެ.


އެ ކުދިންނާ ބެހޭ ގޮޮތުން ޝައުގުވެރި އެންމެ ފަހުގެ ވާހަކަ އަކީ ކީ ނަންތަކެވެ. އެއީ އުމައިރާ ބިންތި އަޝްފާގު، އުމައިމާ ބިންތި އަޝްފާގު، އުނައިޒާ ބިންތި އަޝްފާގު އަދި އަޒީން ބިން އަޝްފާގެވެ.

ނަން ކީ ވިހައިގެން އެ ކުދިން އޭޑީކޭ ހޮސްޕިިޓަލްގައި ބާއްވާފައި އޮއްވައި، ހަތް ދުވަސް ވީ ފަހުންނެވެ. އެކަމަކު އާއިލާ އިން އެ ނަންތައް ފޭސްބުކްގައި އާންމުކުރީ މިދިއަ އަންގާރަދުވަހު އެވެ.

އަންނަ ހަފުތާގައި އެ ކުދިންނަށް ދެ މަސް ފުރޭނެ އެވެ.

''ހަމަ ވަރަށް ރަނގަޅު ހަތަރު ކުދިން ވެސް، ވަރަށް މަޖާ،" ކުދިންގެ ބައްޕަ، އަހުމަދު އަޝްފާގު، 29 ބުންޏެވެ.

ށ. ފޯކައިދުއަށް ނިސްބަތްވި ނަމަވެސް، ހަތަރު ކުދިންނާއި އަނބިމީހާ ފާތުމަތު ސުމީތާ، 27 އަދި ދެ ފަރާތުގެ މަންމައާ އެކު އަޝްފާގުމެން ދިރިއުޅެމުން އަންނަނީ މާލޭގަ އެވެ.

އޭނާ ބުނިގޮތުގައި ކުދިންނަށް ނަން ކީ، ދެ ފަރާތުގެ އާއިލާއިން ވެސް ވަރަށް ބޮޑަށް ބައިވެރިވެގެންނެވެ. އެ ހަތަރު ނަން ވެސް ހޯދާފައިވަނީ ކުދިން ލިބުނު ފަހުންނެވެ.

އެއްމާބަނޑު ހަތަރު ކުދިންނާއި އެ ކުދިންގެ އާއިލާ އަދި އޭޑީކޭގެ ޑޮކްޓަރުންނާއި ނަރުހުން --ފޮޓޯ/އޭޑީކޭ

"އެއީ ދެން އެންމެންނަށް ވެސް އެންމެ ރީތިވި ނަންތައް. ހާއްސަކޮށް ވައިފްއަށް. ނަމުގެ މާނަ ވެސް ވަރަށް ރަނގަޅު،" އަޝްފާގު ބުންޏެވެ.

ހަތަރު ކުދިން ވެސް އެ ދެމަފިރިން ބަލަމުން އަންނަނީ ދެ ފަރާތުގެ މަންމައިންގެ އެހީތެރިކަމާ އެކުގަ އެވެ. ހުރިހާ ވަގުތެއްގައި ވެސް މަދުވެގެން ތިން މީހުން އެ ކުދިން ކައިރީގައި ތިބެން ޖެހެ އެވެ. ކުދިން ފެންވަރުވާ އިރާއި ކާންދީ ނިންދަވާއިރު ވެސް ތިން މީހުން ތިބެ އެވެ.

ކުދިިން ނިންދަވަނީ ވަކި ކޮޓަރިއެއްގައި ނަމަވެސް، އެންމެން ވެސް ތިބެން ޖެހެނީ ކޮންމެ ގަޑިއެއްގައި ވެސް ކުދިން ހޭލާނެ އިރަކަށް ތައްޔާރުވެގެންނެވެ. އެއް ކުއްޖަކު ހޭލައިފި ނަމަ، އިރުކޮޅަކުން އެހެން ކުއްޖަކު ހޭލަފާނެ އެވެ.

އަޝްފާގު ބުނިގޮތުގައި ރޭގަނޑު ވަގުތުގައި ވެސް ދެ ގަޑިން ދެ ގަޑިން އެ ކުދިންނަށް ކިރު ދޭން ޖެހެ އެވެ. އެކަމުގައި ވެސް އެ ކުދިންގެ މާމައިންގެ ފަރާތުން ލިބޭ އެއްބާރުލުން އޭނާ ފާހަގަކުރި އެވެ.

"އެމީހުން ވަރަށް ރަނގަޅުވީމައި ދޯ މިހެން އުޅެވޭނީ. މާމަމެންގެ އެހީތެރިކަން އެ ކުދިންނަށް ލިބޭތީ އަޅުގަނޑުމެންނަށް ވެސް މާ އުނދަގުލެއް ނޫން،" އަޝްފާގް ބުންޏެވެ.

އެއްމާބަނޑު ކުދިންތަކަކަށް ވިޔަސް، އެއް ކުއްޖަކު އަނެއް ކުއްޖަކާ އެހާ ބޮޑަށް ވައްތަރު ނުވުމުން އެއްވެސް ވަރަކަށް އޮޅުމުގެ މައްސަލަ ދިމާނުވާ ކަމަށް އާއިލާ އިން ބުނެ އެވެ.

ލިބޭ އާމްދަނީން އާއިލާގެ ހަރަދުތައް ދެކޮޅުޖެއްސޭއިރު އާއިލާގެ ތެރޭން ވެސް އެ މީހުންނަށް ބޮޑު އެހީތެރިކަމެއް ލިބެ އެވެ. އަދި ކުދިން ދެކެލުމަށް ކޮންމެ ދުވަހަކު ވެސް އެ ގެއަށް މީހުން ޒިޔާރަތްކުރެ އެވެ. އެއީ ވެސް އާއިލާއަށް ލިބޭ އިތުރު އުފާވެރިކަމެއް ކަމަށް އަޝްފާގު ބުންޏެވެ.

އެއްމާބަނޑު ދެ ކުދިން ލިބުމަކީ ރާއްޖޭގައި އާންމު ކަމެއް ނަމަވެސް އެއްމާބަނޑު ހަތަރު ކުދިން ލިބުމަކީ ރާއްޖޭގެ އިތުރުން ދުނިޔޭގައި ވެސް ވަރަށް މަދުން ނޫނީ ނުހިނގާ ކަމެކެވެ. އަޝްފާގު އާއިލާއަށް އެ ރަހުމަތް ލިބުމުގެ ކުރިން އެއްމާބަނޑު ހަތަރު ކުދިން ރާއްޖޭގައި ވިހެއީ 1975 ގަ އެވެ. އެކަމަކު އައްޑޫ އަންހެނަކު ވިހެއި އެ ހަތަރު ކުދިންގެ ތެރެއިން ތިން ކުދިން މަރުވީ އެވެ.