ހުޅުމާލޭގެ ޝްވެކް ސިނަމާ ވަރަށް ތަފާތު

ޝްވެކް ސިނަމާގެ އާ ތަނެއް ހުޅުމާލޭގައި ރޭ ހުޅުވައިފި އެވެ.


ޝްވެކުން ބުނިގޮތުގައި ހުޅުމާލޭގައި އެންމެ ފަހުން ހުޅުވި އިޖުތިމާއީ މަރުކަޒު، ފަހިވެނީގައި ހެދި މި ސިނަމާ، މާލޭގެ ސިނަމާ އަށް ވުރެ ހުރިހާ ގޮތަކުން ވެސް ތަފާތު ވާނެ އެވެ.

ޝްވެކްގެ ފަރާތުން ވާހަކަ ދެއްކެވި މުހައްމަދު އަލްތާފް (އަލްތޯ) ވިދާޅުވީ ހުޅުމާލޭގައި ހުޅުވި ސިނަމާ، މާލޭގައި ހުންނަ ތަނަށް ވުރެ ޖާގައިގެ ގޮތުން ބޮޑުވެފައި، ގޮނޑިތައް ވެސް މާ އަރާމުވާނެ ކަމަށެވެ. އެތަނުގައި 162 ގޮނޑި ޖަހާފައި ހުރި އިރު، ގޮނޑިތައް ވެސް ބޮޑެތި ވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އަލްތޯ ވިދާޅުވި ގޮތުގައި ހުޅުމާލޭގެ ސިނަމާ ހެދީ، މާލޭގައި ހިންގާ ސިނަމާއާ ގުޅޭގޮތުން އާއްމުން ކުރާ ޝަކުވާތަކަށް ވަރަށް ބޮޑަށް ބެލުމަށް ފަހު އެވެ.

"މީހުން އެންމެ ގިނައިން ކުރަނީ ގޮނޑިތަކުގައި އިށީނދެ އިންނަން އުނދަގޫ ކަމުގެ ޝަކުވާ. އަދި އެތަން ބައެއް ގަޑިތަކުގައި މާބޮޑަށް ހޫނުވާތީ. އެކަމަކު ހުޅުމާލޭ ސިނަމާ އަޅުގަނޑުމެން ހުޅުވީ އެ ހުރިހާ ޝަކުވާތަކަކަށް ބަލާފައި، މީހުންނަށް ވީހާ ވެސް ފަސޭހަ ވާނެ ގޮތަކަށް،" އަލްތޯ ވިދާޅުވި އެވެ.

ގޮނޑިތަކުގެ އިތުރުން ސިނަމާގެ އަޑު ރަނގަޅުވެފައި ސްކްރީން ވެސް ބޮޑުވެފައި ބަލާލަން މާ ހިތްގައިމުވާނެ ކަން އޭނާ ފާހަގަ ކުރެއްވި އެވެ.

އަލްތޯ ފާހަގަކުރެއްވި ގޮތުގައި ހުޅުމާލޭގެ ސިނަމާގެ ސްކްރީންގެ ފުޅާމިނުގައި 40 ފޫޓު ހުންނާނެ އެވެ. އެއީ މާލޭގެ ޝްވެކް ސިނަމާގެ ސްކްރީން ސައިޒަށް ވުރެ ގާތްގަނޑަކަށް ދެ ގުނަ ބޮޑެވެ. މާލޭގައި ހިންގާ ޝްވެކް ސިނަމާގެ ސްކްރީންގެ ފުޅާމިނުގައި ހުންނަނީ 22 ފޫޓެވެ.

ހުޅުމާލޭގެ ސިނަމާ ހަދާފައިވަނީ އެކަމަށް ޚާއްސަ އިމާރާތެއްގައި ކަމަށް ވުމުން، އެ ތަފާތު ވެސް ފެންނާނެ ކަމަށް އަލްތޯ ވިދާޅުވި އެވެ.

ހުޅުމާލެ އާއި މާލޭގެ ސިނަމާގައި ވެސް އެޅުވުމަށް ހަމަޖެހިފައިވަނީ އެއް ފިލްމުތަކެކެވެ. އަދި ދެ ތަނުގައި ވެސް ޕްރިމިއާ ހަރަކާތްތައް ބާއްވާނެ ކަމަށް ޝްވެކުން ބުންޏެވެ.