ދިވެހި ހައްޖުވެރިން މަދީނާ ދަތުރުގައި

ރާއްޖޭން މިއަހަރު ހައްޖުގެ އަޅުކަމުގައި ބައިވެރިވާ ހުރިހާ މީހުން މައްކާ އަށް އައުމަށް ފަހު، މަދީނާ އަށް ކުރާ ޒިޔާރަތް ދަތުރުތައް ފަށައިފި އެވެ.


ހަތަރު ކުންފުންޏެއްގެ ހަވާލުގައި މިއަހަރު ރާއްޖޭން ހައްޖަށް އައީ 1،000 މީހުންނެވެ. އެއީ ސަރުކާރުގެ ހައްޖު ކުންފުނި، މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި އައި 700 މީހުންނާއި ޒައީމާ ގުރޫޕްގެ 100 މީހުންނާއި ސިސިލްފަރު ގުރޫޕުގެ 100 މީހުންނާއި އަލް ހަރަމައިނި ގުރޫޕްގެ ހަވާލުގައި އައި 100 މީހުންނެވެ.

މީގެ ތެރެއިން ދެ ގުރޫޕެއްގެ ދެތިން އޮފިޝަލެއް ފިޔަވައި ހުރިހާ ހައްޖުވެރިން ވެސް މިހާރު މައްކާ އަށް އަތުވެއްޖެ އެވެ.

ހައްޖުގެ އަޅުކަމުގެ ތެރޭގައި ނުހިމެނޭ މަދީނާ ޒިޔާރަތަށް ދިވެހި ހައްޖުވެރިން ފުރަން ފެށީ، އިއްޔެ އެވެ. އެ ގޮތުން ސިސިލްފަރު ޖަމާއަތާއި ހަރަމައިން ޖަމާއަތުގެ ހައްޖުވެރިން އިއްޔެ ވަނީ މަދީނާ އަށް ގޮސްފަ އެވެ. އޭގެ އިތުރުން ޒައީމާ ގުރޫޕްގެ ހައްޖުވެރިންނާއި ހައްޖު ކޯޕަރޭޝަންގެ ބައެއް ހައްޖުވެރިން މަދީނާ އަށް ފުރީ މިއަދު ހެނދުނެވެ. ހައްޖު ކޯޕަރޭޝަންގެ ދެ ވަނަ ގުރޫޕްގެ މީހުން މަދީނާ އަށް ދާނީ މި މަހުގެ 15 ވަނަ ދުވަހު އެވެ.

ހައްޖުވެރިން މަދީނާ އަށް ކުރާ ޒިޔާރަތުގައި އެންމެ މުހިންމު ކަމަކަށް އޮންނާނީ، ކީރިތި ރަސޫލާގެ މިސްކިތްކޮޅު، މަސްޖިދުއް ނަބަވީ އަށް ޒިޔާރަތް ކުރުމާއި އެކަލޭގެފާނުގެ ގަބުރުފުޅަށް ޒިޔާރަތް ކުރުމެވެ. އޭގެ އިތުރުން އުހުދު ހަނގުރާމަ ހިނގި ސަރަހައްދަށާއި ގުބާ މިސްކިތަށް ޒިޔާރަތް ކުރުން އޮންނާނެ އެވެ. އޭގެ އިތުރުން ވެސް މަދީނާގެ މުހިންމު ބައެއް އާސާރީ ތަންތަނަށް ޒިޔާރަތް ކުރާނެ އެވެ.

ދިވެހި ހުރިހާ ހައްޖުވެރިން ވެސް މި ހަފުތާ ނިމޭހާ ތާނގައި އެނބުރި މައްކާ އަށް އަންނާނެ އެވެ. އެއަށް ފަހު ހައްޖު މަހުގެ އަށް ވަނަ ދުވަހާ ހަމައަށް ތިބޭނީ މައްކާގަ އެވެ. އަދި އަށް ވަނަ ވިލޭރޭ މިނާ އަށް ގޮސް އަށް ވަނަ ދުވަހު މިނާގައި ތިބުމަށް ފަހު، ނުވަ ވަނަ ވިލޭރޭ އަރަފާތަށް ދާނެ އެވެ. އަދި އަރަފާތު ދުވަހު (ނުވަ ވަނަ ދުވަހު) އަރަފާތުގައި ތިބުމަށް ފަހު އެ ދުވަހުގެ އިރު އޮއްސުމުން އަރަފާތުން ނުކުމެ މުޒްދަލިފާ އަށް ގޮސް އެ ބިމުގައި ރޭ ކުރުމަށް ފަހު އީދު ދުވަހު ފަތިހުން ފެށިގެން ހުރިހާ ހައްޖުވެރިން ވެސް މިނާ އަށް ދާނެ އެވެ.

އީދު ދުވަހު، ބޮޑު ޖަމްރާ އަށް ހިލަ އުކައި އިހުރާމް ކެނޑުމަށް ފަހު، ހައްޖު މަހުގެ 13 ވަނަ ދުވަހާ ހަމައަށް ހައްޖުވެރިން ތިބޭނީ މިނާގަ އެވެ.