ގާސިމްގެ ތިން ކުންފުންޏެއްގެ އަތުން 1.9 ބިލިއަން ރުފިޔާ ހޯދަން މީރާއިން ދައުވާކޮށްފި

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ތިން ކުންފުންޏެއްގެ އަތުން 129 މިލިއަން ޑޮލަރު (1.9 ބިލިއަން ރުފިޔާ) ހޯދަން މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ސިވިލް ކޯޓުގައި ދައުވާކޮށްފި އެވެ.


ދެ ބިލިއަނެއްހާ ރުފިޔާ ހޯދަން މީރާ އިން މިދިޔަ ބުރާސްފަތި ދުވަހު ސިވިލް ކޯޓުގައި ދައުވާކުރީ ގާސިމްގެ ވިލާ ކުންފުނީގެ ދަށުން ހިނގަމުން އަންނަ ވިލާ ހޮލިޑޭސް އާއި ގަޒީރާ ޕްރައިވެޓް ލިމިޓެޑާއި މާމެންފުށި ޕްރައިވެޓް ލިމިޓެޑާ ދެކޮޅަށެވެ. އެ މައްސަލަތަކުގެ އަޑުއެހުންތައް ކޯޓުން އަދި ނުފަށަ އެވެ.

އެ ތިން ކުންފުންޏާ ދެކޮޅަށް ދައުވާކުރީ ރިސޯޓް ހެދުމަށް ދޫކޮށްފައިވާ ތިން ރަށެއްގެ ލީސް ކުއްޔާއި ބިމު ކުއްޔާއި އެ ކުލި ނުދެއްކުމުން އަރަމުންދާ ޖޫރިމަނާ ހޯދުމަށެވެ. ވިލާ ހޮލިޑޭސްއާ ދެކޮޅަށް ދައުވާކުރީ 35 މިލިއަން ޑޮލަރު ހޯދުމަށެވެ. 77 މިލިއަން ޑޮލަރު ހޯދަން މާނެންފުށި ކުންފުނިން 77 މިލިއަން ޑޮލަރު ދައްކަން އޮތް އިރު ގަޒީރާއާ ދެކޮޅަށް ދައުވާކުރީ 17 މިލިއަން ޑޮލަރު ހޯދުމަށެވެ.

އެ ތިން ކުންފުންޏާ ދެކޮޅަށް ދައުވާ ކުރިއިރު ގާސިމްގެ ވިލާ ޝިޕިން ކުންފުންޏާއި ވިލާ ހޮޓެލްސް ކުންފުންޏާ ދެކޮޅަށް ވެސް 37 މިލިއަން ޑޮލަރު (528 މިލިއަން ރުފިޔާ) ގެ ދައުވާއެއް މީރާއިން އުފުލުމުން ސިވިލް ކޯޓުގައި ދަނީ ޝަރީއަތް ހިނގަމުންނެވެ.

ގާސިމްގެ ކުންފުނިތަކާ ދެކޮޅަށް ދައުލަތުން ދައުވާ ކުރިއިރު ގާސިމްގެ މައްޗަށް ވެސް ދައުލަތުން ވަނީ ރިޝްވަތުގެ ދޭން އުޅުމުގެ ދައުވާ ވެސް އުފުލައިފަ އެވެ. އެ މައްސަލައިގެ ޝަރީއަތް ފެށި ނަމަވެސް ގާސިމްގެ ސިއްހީ ހާލަތު ގޯސްވެ، ހޮސްޕިޓަލްގައި އެޑްމިޓް ކުރުމުން ޝަރީއަތްތައް ވަނީ މެދުކަނޑާލައިފަ އެވެ.

ރާއްޖެ އިން ބޭރުން ފަރުވާ ހޯދަން ޑޮކްޓަރުން ބުނެފައި ވިޔަސް ގާސިމްގެ ޕާސްޕޯޓް ސަރުކާރުން ހިފެހެއްޓުމުން ބޭރަށް ވަޑައިގެންނެވޭ ގޮތެއް ނުވި އެވެ.