ސިވިލް ސާވިސް މުސާރަ އަށް އަންނަ އަހަރު ހެޔޮ ބަދަލެއް އަންނާނެ: ރައީސް

އަންނަ އަހަރުގެ ބަޖެޓަކީ ސިވިލް ސާވަންޓުންނަށް އުއްމީދީ ބަޖެޓަކަށް ވެގެން ދާނެ ކަމަށާއި ސިވިލް ސާވިސްގެ އޮނިގަނޑު ރަނގަޅު ކުރުމާއި މުވައްޒަފުންނަށް ދެވޭ އިނާޔާތްތަކާއި އިތުރު ކުރުމުގެ މަސައްކަތްތައް މިހާރު ކުރަމުން އަންނަ ކަމަށް ރައީސް އަބްދުﷲ ޔާމީން ރޭ ވިދާޅުވެއްޖެ އެވެ. "ރުމާލު 2" ޖަގަހަ ހުޅުވަން ސިނަމާލޭ ފްލެޓް ސަރަހައްދުގައި ރޭ ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ ސިވިލް ސާވިސް ދާއިރާއަކީ އެންމެ ބޮޑަށް އަޅާނުލެވި އޮތް އެއް ދާއިރާ ކަމަށް ވިޔަސް ޕޭ ކޮމިޝަނެއް ހަދައިގެން މިހާރު އުންމީދީ މަސައްކަތްތަކެއް ކުރަން ފަށާފައިވާ ކަމަށް ވިދާޅުވި އެވެ.


"މިިއަންނަ އަހަރުގެ ބަޖެޓަކީ މިދެންނެވި ސިވިލް ސާވިސްގައި އުޅޭ އެތައް ހާސް މުވައްޒަފުންނަށް ކޮންމެ ވެސް ކަހަލަ ރަނގަޅު އުއްމީދުތަކެއް ގެނެސްދޭނެ ބަޖެޓަކަށް ވެގެން ދާނެ،" ރައީސް ވިދާޅުވި އެވެ. "މިހާރު ދިރާސާތަކެއް ކުރެވެމުން އެ ދަނީ. ޕޭ ކޮމިޝަނެއް ހެދިއްޖެ. ކޮމިޝަނުގެ ޗެއާއަކަށް ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު ހަމަޖައްސައިގެން މަސައްކަތް ކުރިއަށް އެދަނީ. އެންމެ ފުރަތަމަ ކުންފުނިތަކުގެ މަސައްކަތް ފެށިފަ އޮތީ. އެއާއެކު ސިވިލް ސާވިސްގެ މުސާރައިގެ އޮނިގަނޑު ރަނގަޅު ކުރުމާއި އަދި މުވައްޒަފުންނަށް ދެވޭ އިނާޔަތްތައް އިތުރު ކުރުމުގެ މަސައްކަތަކެއް އެ ދަނީ މިހާރު ކުރެވެމުން."

ރައީސް އަދި ވިދާޅުވީ މީގެ ކުރީގެ ސަރުކާރެއްގައި މުވައްޒަފުން ލައްވައި މުސާރަ ނުދީ މަސައްކަތް ކުރުވާފައިވާ ކަމަށާއި އެކަމަކު މި ސަރުކާރުގައި މުސާރަ ލިބެންވާ ދުވަހު ބަރާބަރަށް މުސާރަ މުވައްޒަފުންނަށް ދެމުން އަންނަ ކަމަށެވެ.

ރޭގެ ޖަލްސާގައި ރައީސް ވާހަކަފުޅު ދައްކަވަނީ -- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

އެ މަނިކުފާނު އަދި ވިދާޅުވީ މަސްވެރިކަމުގެ ދާއިރާ އަށް ދިމާވެފައިވާ މައްސަަލަތައް ހައްލުކުރަން ސަރުކާރުގެ ބަޖެޓުން 20 މިލިއަން ޑޮލަރު ވެސް މިހާރު ހަމަޖައްސާފައިވާ ކަމަށެވެ.

"އެހެންވީމާ މިހާރު ވަރަށް ފަހުން އިގުތިސާދީ ކޮމިޓީގައި މީގެ މަހެއްހާ ދުވަސް ކުރިން އެދެފިން ސަރުކާރުގެ ބަޖެޓްގެ ތެރެއިން އަަޅުގަނޑު ހަނދާންވާ ގޮތުން 20 މިލިއަން ޑޮލަރު އެއް ފަރާތަށް ޖައްސާފައި ބޭއްވީ މަސްވެރިކަމުގެ ދާއިރާ އަށް ދިމާވެފައި ހުރި ހުރިހާ ދަތިތައް މި އަހަރު ހުސްވުމުގެ ކުރިން ހައްލުކޮށް ދިނުމަށްޓަކައި އެ ފައިސާ ބޭނުން ކުރުމަށް،" ރައީސް ވިދާޅުވި އެވެ.