ކުޑަކުދިންނާއި ޒުވާނުންނާ ގުޅޭ އެއްބަސްވުމެއްގައި ސަރުކާރުން ޔުނިސެފާ އެކު ސޮއިކޮށްފި

ކުޑަކުދިންނަށާއި ޒުވާނުންނަށް ފޯރުކޮށްދޭ ތައުލީމާއި ސިއްހަތު ފަދަ އެކި ޚިދުމަތްތަކާ ގުޅޭ އެއްބަސްވުމެއްގައި ރާއްޖެ އިން ޔުނިސެފާ އެކު މިއަދު ސޮއިކޮށްފި އެވެ.


އެޑިއުކޭޝަން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި ރާއްޖޭގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު ޝިހާމް އަދި ޔުނިސެފުން ރާއްޖެ އަށް ކަނޑައަޅާފައި ހުންނަ މަންދޫބު ޑރ. އެލިސް އަކުންގާ އެވެ.

މިއީ ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމަންޓް އެސިސްޓެންޓް ފްރޭމްވޯކް (އުންޑާފް) ޕްލޭނު ހެދުމުގެ އެއްބަސްވުމެކެވެ.

މި ޕްލޭނުގެ ދަށުން ފެންވަރު ރަނގަޅު ތައުލީމް ފޯރުކޮށްދިނުމާއި މަސައްކަތްތެރިކަމާއި ހުނަރު ތަރައްގީ ކުރުމުގެ ފުރުސަތުތައް ފަހިކޮށްދިނުމާއި ޝާމިލްކޮށްގެން ތައުލީމް ފޯރުކޮށްދިނުމަށް ޔުނިސެފުން ރާއްޖެ އަށް އެހީވުން ހިމެނެ އެވެ. މީގެ އިތުރުން ދަރިވަރުންގެ ސަލާމަތާއި ދުޅަހެޔޮކަމާއި ދިރިއުޅުމުގެ ހުނަރުތަކަށް ދަރިވަރުން ހޭލުންތެރިކުރުވުމާ ގުޅޭ ގޮތުން ގިނަ މަސައްކަތްތަކެއް ކުރާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ.

ޔުނީސެފާއި ރާއްޖޭގެ މިނިސްޓްރީތަކާއެކު ވެވޭ އެއްބަސްވުމެއްގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު ޝިހާމް (ކ) އަދި އެ ޖަމިއްޔާއިން ރާއްޖެ ކަނޑައަޅުއްވާަފައި ހުންނަވާ މަންދޫބު، ޑރ. އެލިސް އަކުންގާ ސޮއިކުރައްވަނީ.-- ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ

ކުށަށް އަރައިގަންނަ ކުޑަކުދިން އެކަންކަމުން ދުރަށް ދިއުމަށް އެހީތެރިވުމާއި އަންހެނުންނާ ގުޅޭ ތަފާތު އެކި މަސައްކަތްތައް ވެސް މި އެއްބަސްވުމުގެ ދަށުން ކުރާނެ އެވެ.

ރާއްޖޭގެ ފަރާތުން މި ފްރޭމްވޯކު އެކުލަވާލުމުގެ އެއްަބަސްވުމުގައި އެޑިއުކޭޝަން މިނިސްޓްރީން ސޮއިކުރި ކަމުގައި ވިޔަސް، އެކަމުގައި ހޯމް މިނިސްޓްރީ، ޔޫތު މިނިސްޓްރީ، ހެލްތް މިނިސްޓްރީ އަދި ޖެންޑާ މިނިސްޓްރީގެ ބައިވެރިވުން ވެސް އޮންނާނެ އެވެ.

އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ފަހު ވާހަކަދައްކަވަމުން މިނިސްޓަރު ޑރ. އާއިޝަތު ޝިހާމް ވިދާޅުވީ އެކި ދާއިރާތަކުން އދ. އާ އެކު މަސައްކަތް ކުރުމުގައި އެޑިއުކޭޝަން މިނިސްޓްރީގެ ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށެވެ. އަދި ފްރޭމް ވޯކުގައި ހިމަނާފައިވާ އެކި ޕްރޮގްރާމުތައް ހިންގުމުގެ ފަންޑާއި އެހީތެރިކަން އެ ޖަމިއްޔާ އިން ދޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

،މިއަދުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރާއްޖެ އަށް ޔުނިސެފުން ކަނޑައަޅާފައި ހުންނަ މަންދޫބު ޑރ. އެލިސް ވިދާޅުވީ މިދިޔަ އަހަރު އެކުލަވައިލި ފްރޭމްވޯކާ އެއްގޮތަށް މަސައްކަތްތައް ކުރިއަށް ގެންދިޔަ ކަމަށާއި އޭގެ ސަބަބުން ހެޔޮ ބަދަލުތަކެއް އައިސްފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ވެސް އެ ޖަމިއްޔާގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އުންޑާފުގެ ޕްލޭން ތައްޔާރު ކުރަމުން އަންނަނީ ކޮންމެ ދެ އަހަރަކުންނެވެ. އެ ޕްލޭނުގައި އެ އަހަރެއްގެ ތެރޭގައި ކުރާނެ ކަންތައްތައް ހިމަނާފައި ވާނެ އެވެ.