ގެކޮޅަށް ފައިސާ ވެއްދެވުމާ އެކު ރައީސް ޔާމީން އެ ހުންނެވީ މަގާމުން އަޒުލްވެފައި: ޖަމީލް

ރައީސް އަބްދުﷲ ޔާމީންގެ ގެކޮޅަށް ހަލާލު ނޫން ފައިސާ ވަދެފައިވާ ކަމަށް އެމަނިކުފާނު އިއުތިރާފުވުމާ އެކު، މިހާރު އެ ހުންނެވީ މަގާމުން އަޒުލްވެފައި ކަމަށާއި ރައީސްގެ ނަމުން މުޚާތަބު ކުރުން ވެސް އެކަށީގެން ނުވާ ކަމަށް ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލް ރޭ ވިދާޅުވެއްޖެ އެވެ.


ރައީސް ޔާމީންގެ ރިޔާސީ ކެމްޕެއިނަށް ހެދި "ރުމާލު 2" ޖަގަހަ ހުޅުވައި ދެއްވުމަށް ފަހު ދެއްކެވި ވާހަކަފުޅުގައި އެމަނިކުފާނު އިއްޔެ ރޭ ވިދާޅުވެފައި ވަނީ، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ހޭދަކުރެއްވީ ރަނގަޅު ފައިސާއެއް ނޫން ކަން މިހާރު އެނގޭއިރު "އަޅުގަނޑުމެންގެ ގެއަށް ވަން ފައިސާ ހަލާލު ނޫން" ކަމަށެވެ. އަދި އެ ފައިސާ ޚަރަދުކޮށްގެން އިންތިޚާބުވި މެމްބަރުން ވެސް މަގާމުން ދުރުވާން ޖެހޭނެ ރައީސް ޔާމީން ވިދާޅުވެފައިވެ އެވެ.

ނަމަވެސް ވެރިކަން ކުރާ ޕީޕީއެމުން ފަހުން ބުނެފައި ވަނީ އަދީބުގެ ޚިޔާނާތުގެ ފައިސާއާ ގުޅޭގޮތުން ރައީސް ޔާމީން ދެއްކެވި ވާހަކަފުޅުގެ މާނަ ބަޔަކު އޮޅުވާލީ ކަމަށެވެ.

މިހާރު އިނގިރޭސި ވިލާތުގައި ދިރިއުޅުއްވާ ޖަމީލް ރާއްޖެ ޓީވީ އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، އެއްވެސް މަގާމެއްގައި ހުންނަވާ ބޭފުޅެއްގެ ގެއަށް ކޮތަޅުތަކުގައި ފައިސާ ވަދެގެން ނުވާނެ ކަމަށެވެ. ގެކޮޅަށް ފައިސާ ވަންނަ ހިސާބުން ނުވަތަ އެކަން އެނގިވަޑައިގަންނަވާ ވަގުތުން ފެށިގެން ރައީސް ޔާމީން މަގާމުން އިސްތިއުފާ ދެއްވަން ޖެހިވަޑައިގަންނަވާނެ ކަމަށް ވެސް މި ސަރުކާރުގެ ފުރަތަމަ ނައިބު ރައީސް ޖަމީލް ވިދާޅުވި އެވެ.

ޕީޕީއެމުން 2015 ގައި ބޭއްވި ރެލީއެއްގައި ކުރީގެ ރައީސް މައުމޫނާއި އޭރުގެ ނައިބު ރައީސް ޖަމީލް މަޝްވަރާ ކުރައްވާއިރު، (ވ) ރައީސް ޔާމީން.---ރައީސް އޮފީސް ފޮޓޯ

އެމަނިކުފާނު ވިދާޅުވި ގޮތުގައި މީގެ ކުރިން ރައީސް ޔާމީން ކަންތައްތައް ކުރެއްވި ގޮތުންނާއި ހަލާލު ނޫން ފައިސާގެ ކަންތައްތަކުގައި ވެވަޑައިގެންނެވި އިއުތިރާފާ އެކު ރައީސް ވަނީ އިސްލާމްދީނުގެ އަސްލުތަކާ ޚިލާފުވެވަޑައިގެންފަ އެވެ.

"ޚާދިމެއްގެ މަގާމުގައި، މިނިސްޓަރެއްގެ މަގާމުގައި ނުވަތަ ރައީސެއްގެ މަގާމުގައި ހުންނެވި ކަމުގައި ވިޔަސް ގެއަށް ފުރަތަމަ [ހަލާލު ނޫން] ފައިސާ ވަދެވިގެން ވެސް ނުވާނެ. ފައިސާ ވަން ފުރަތަމަ ދުވަހަކީ އެމަނިކުފާނު މަގާމުން ދުރުވާން ޖެހޭނެ ދުވަސް. ފައިސާ ވަން ހިސާބުން ފެށިގެން އެނގިގެން ދިޔައޭ އެއީ ގޯސް އަމަލެއްކަން،" ރައީސް ޔާމީނަށް ވެރިކަން ހޯއްދަވައި ދެއްވުމަށްޓަކައި އަމަލީ ގޮތުން ގިނަ މަސައްކަތްތަކެއް ކޮށްދެއްވި ޖަމީލް، ސްކައިޕް މެދުވެރިކޮށް ދެއްވި އިންޓަވިއުގައި ވިދާޅުވި އެވެ.

"ރާއްޖޭގެ އެއްވެސް ރައީސަކު، އެއްވެސް މުއައްސަސާއަކުން ވެސް އަބްދުﷲ ޔާމީނަށް ރައީސުލްޖުމްހޫރިއްޔާއެއްގެ ލަގަބުން މުޚާތަބުކުރުން ވެސް ސައްހައެއް ނުވާނެ. ސަބަބަކީ އެމަނިކުފާނު މިހާރު އެ ހުންނެވީ އަޒުލްވެފައި އަޅުގަނޑު ދެކޭގޮތުގައި."

ޖަމީލް ވިދާޅުވީ ރާއްޖޭގައި މިހާތަނަށް ފަޅާއެޅިި އެންމެ ބޮޑު ކޮރަޕްޝަންގެ އަމަލުތައް އަދީބު ހިންގެވީ ރައީސް ޔާމީނަށް އެނގިވަޑައިގެން ކަމަށެވެ. އިކޮނޮމިކް ކައުންސިލަކާއި ސޯޝަލް ކަައުންސިލެއް އުފެއްދުމަށް ފަހު، އިކޮނޮމިކް ކައުންސިލް ބެލެހެއްޓެވުން ވެސް އަދީބާ ހަވާލުކުރައްވައި އެތަން ހިންގެވީ ސީދާ ރައީސް ޔާމީން ބޭނުންފުޅުވި ގޮތަށް އަދީބުކަން ޖަމީލް ފާހަގަކުރެއްވި އެވެ

ހަލާލު ނޫން ފައިސާތަކާ ގުޅޭ ގޮތުން ރައީސް ޔާމީން ދެއްކެވި ވާހަކަފުޅުގެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި ފުލުހުންނާއި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) މަޑުން ތިބިގެން ނުވާނެ ކަމަށާއި އެކަން މިހާރުން މިހާރަށް ތަހުގީގު ކުރުމަށް ވެސް ޖަމީލް ވަނީ ގޮވާލައްވައިފަ އެވެ.

ރާއްޖޭގައި މިހާތަނަށް ހިންގި އެންމެ ބޮޑު ހިޔާނާތަކީ އޭރުގެ ނައިބު ރައީސް އަދީބު އިސްކޮށް ހުންނަވައި ކުރެއްވި އެމްއެމްޕީއާރުސީގެ ވައްކަމެވެ. އެ ވައްކަމާ ގުޅޭ އެކި މައްސަލަތަކުގައި އަދީބަށް ވަނީ ދައުވާކޮށްފަ އެވެ. އޭގެ ތެރެއިން ބައެއް މައްސަލަތަކުގެ ހުކުމް ވެސް އެމަނިކުފާނު ގެންދަވަނީ ތަންފީޒުކުރައްވަމުންނެވެ.