މެމްބަރުން ފިއްތާތީ ރާއްޖޭގެ ހާލަތު ނާޒުކު: ޕީޖީއޭ

ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންނަށް ތަަފާތު ފިއްތުންތައް ކުރިމަތިކުރާތީ ރާއްޖެ ނާޒުކު ހާލަތަކަށް ވެއްޓިފައިވާ ކަމަށް ޕާލަމެންޓޭރިއަންސް ފޯ ގްލޯބަލް އެކްޝަން (ޕީޖީއޭ) އިން ގޮވާލައިފި އެވެ.


ދުނިޔޭގެ 142 ގައުމެއްގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުން ހިމެނޭ، ޕީޖީއޭ އިން ނެރުނު ބަޔާނެއްގައި ބުނީ ޑިމޮކްރަޓިކް އުސޫލުތަކާއި ރާއްޖެ ބައިވެރިވެފައިވާ ބައިނަލްއަގުވާމީ މުއާހަދާތަކާ އެއްގޮތަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ހިމެނޭ ގޮތަށް ދިވެހި ރައްޔިތުންގެ ހައްގުތައް ހިމާޔަތްކޮށްދޭން ޖެހޭ ކަމަށެވެ.

ސާޅީސް ފަސް މެމްބަރުން ސޮއިކުރައްވައި، މަޖިލީހުގެ ރައީސް އަބްދުﷲ މަސީހްގެ އިތުބާރު ނެތް ކަމަށް މަޖިލީހަށް ހުށަހެޅި ފަހުން އިދިކޮޅު މެމްބަރުންނާ ގުޅޭ ގިނަ މައްސަލަތަކެއް ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ. އަދި ބައެއް މެމްބަރުންގެ މައްސަލަތައް ކްރިމިނަލް ކޯޓުގައި ދަނީ ހިނގަމުންނެވެ.

ޕީޖޭއޭ އިން ބުނި ގޮތުގައި ރާއްޖޭގެ ޝަރުއީ ނިޒާމުގެ ނިންމުންތަކާއި ސަރުކާރުގެ އަމަލުތަކުގެ ސަބަބުން ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ހައްގު ވަރަށް ބޮޑަށް ވަނީ ހަނިވެފަ އެވެ.

މަޖިލީހުގެ ހަ މެމްބަރެއްގެ ގޮނޑި ގެއްލުނު ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވުމާއި މަޖިލީހުގެ އިދާރާއަށް މެމްބަރުން ގަދަކަމުން ވަން މައްސަލާގައި 12 މެމްބަރެއްގެ މައްޗަށް ދައުވާކުރުމަކީ މައްސަލައެއްގެ ގޮތުގައި ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.

މަޖިލީހުގެ ގޮނޑި ގެއްލުނު ކަމަށް އިލެކްޝަންސުން ކަނޑައެޅި ހަ މެމްބަރުންނަކީ ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް (ލޯޔަރު ވައްޑެ) އާއި މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތާއި ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސެއިނާއި ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދާއި ދަނގެތި ދާއިރާގެ މެމްބަރު އިލްހާމް އަހުމަދާއި މައްޗަންގޯޅީ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ޝިނާނެވެ.

މީގެ ތެރެއިން ވަހީދު، އަމީތު، ސައުދު، އަދި ލަތީފްގެ ގޮނޑި ގެއްލުނު ކަމަށް ކަނޑައެޅުމާ ގުޅިގެން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލާގެ އަޑުއެހުންތައް ނިންމާލައި، މިހާރު އޮތީ ހުކުމުގެ މަރުހަލާގަ އެވެ.