ސިވިލް ކޯޓާއި ކްރިމިނަލް ކޯޓަށް ފަނޑިޔާރުން ހޯދަން އިއުލާންކޮށްފި

ކްރިމިނަލް ކޯޓާއި ސިވިލް ކޯޓު ފަނޑިޔާރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ހުޅުވާލައިފި އެވެ.


ޖޭއެސްސީން ކޮށްފައިވާ އިއުލާނުގައިވާ ގޮތުން ކްރިިމިނަލް ކޯޓާއި ސިވިލް ކޯޓަށް ހޯދަނީ ކޮންމެ ކޯޓަކަށް ދެ ފަނޑިޔާރުންނެވެ. އެ މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ މަހުގެ 10 ވަނަ ދުވަހު ނިޔަލަށް އޮންނާނެ އެވެ.

އެ ދެ ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލުމުގެ ތައުލީމީ ޝަރުތަކީ އިސްލާމީ ޝަރީއާ ނުވަތަ ގާނޫނުގެ ދާއިރާއިން ޑިގްރީއެއް އޮތުމާ އެކު ފަނޑިޔާރު ކަމުގައި ނުވަތަ ވަކީލުކަމުގައި މަދުވެގެން ދެ އަހަރުގެ ތަޖްރިބާ ލިބިފައި ވުމެވެ. މީގެ އިތުރުން އުމުރުން 25 އަހަރު ފުރިފައިވުމާއި ވަކި ބާވަތުގެ ކުށްތަކެއް ސާބިތުވެފައި ނެތުމަކީ ވެސް ޝަރުތެކެވެ.

ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންނަށް މުސާރަ އާއި އިނާޔަތްތަކާ އެކު މަހަކު 48،000 އަށް ވުރެ ގިނަ ރުފިޔާ ލިބޭއިރު ސިވިލް ކޯޓުގެ ފަނޑިޔާރުންނަށް މަހަކު 46،000 އަށް ވުރެ ގިނަ ރުފިޔާ ލިބޭނެ އެވެ. މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ ގޮތެއްގެ މަތިން މެޑިކަލް އިންޝުއަރެންސް ލިބޭއިރު ފޯނު އެލަވަންސް ވެސް ލިބޭނެ އެވެ.