އެނބޫދޫފަޅު މަޝްރޫއަކީ އިގްތިސާދީ ބޮޑު ޖަރީމާއެއް: އަދާލަތު

މާލެއާ ޖެހިގެން ދެކުނު ފަރާތުގައި އޮންނަ އެނބޫދޫފަޅުގައި ރިސޯޓުތައް ތަރައްގީކުރުމުގެ މަޝްރޫއަކީ ސަރުކާރުން ހިންގާ އިގްތިސާދީ ބޮޑު ޖަރީމާއެއް ކަމަށް އަދާލަތުު ޕާޓީން މިއަދު ބުނެފި އެވެ.


އަދާލަތު ޕާޓީން ނެރުނު ނޫސް ބަޔާނެއްގައި ބުނީ އެނބޫދޫ ފިނޮޅު 50 އަހަރަށް ކުއްޔަށް ދީގެން، 9 ރިސޯޓު ހިމެނޭ ގޮތަށް ތަރައްގީކުރަމުންދާ ވިޔަފާރިއަކީ އޭގެ ނުރަނގަޅު އަސަރު ދިވެހި މުޖުތަމައަށް އިންތިހާއަށް ކުރާނެ މަޝްރޫއެއް ކަމަށެވެ. އެއް ފަޅެއްގެ ތެރޭގައި ގިނަ ރިސޯޓުތަކެއް ތަރައްގީކުރާ ވިޔަފާރީގެ ބާވަތަކީ ރާއްޖެ އަށް މުޅިން އާ ކަމަކަށް ވާއިރު މިކަމުގެ މައުލޫމާތު ސަރުކާރުން ހާމަކޮށްފައި ނުވާ ކަމަށް ބުނެ އަދާލަތު ޕާޓީން ކަންބޮޑުވުންފާޅުކުރި އެވެ.

"ދިވެހިރާއްޖޭގައި ހިންގާ ފަތުރުވެރިކަމުގެ އެންމެ ބޮޑު މަޝްރޫއަށް މި މަޝްރޫއުވާއިރު މި މަސައްކަތް ހަވާލުކޮށްފައި ވަނީ ބިޑްކުރުމެއް ނެތި އެވެ. މި އުސޫލުން މިކަން ކޮށްފައި ވުމަކީ އިގްތިސާދީ ބޮޑު ޖަރީމާއެކެވެ. މިކަން އަދާލަތު ޕާޓީން ކުށްވެރި ކުރަމެވެ،" އަދާލަތުގެ ބަޔާނުގައިވެ އެވެ.

"މިފަދަ ބޮޑު ވިޔަފާރިއަކަށް 9 ރިސޯޓު ހެދޭ ވަރުގެ މާސިންގާ ފަޅެއް 50 އަހަރުގެ މުއްދަތަށް 40 މިލިއަން ޑޮލަަރަށް ދީފައިވުމަކީ ދިވެހި ދައުލަތުން ހަމަ އަގުގައި ކޮށްފައިވާ މުއާމަލާތެއްތޯ ވެސް ސުވާލު އުފެދެ އެވެ."

އެ ޕާޓީން ބުނިގޮތުގައި ރާއްޖޭގެ ރިސޯޓުތަކަށް އަންނަ ޓޫރިސްޓުންގެ އަދަދު މަދުވަމުންދާ ވަގުތެއްގައި މާލެ ކައިރީގައި މިހާ ބޮޑު މަޝްރޫއެއް ކުރިއަށް ގެންދަން ސަރުކާރުން ނިންމިއިރު އެހެން ރިސޯޓުތަކާއި އަލަށް ތަރައްގީކުރަމުން އަންނަ ރިސޯޓުތަކަށް އޭގެން ކުރާނެ ނޭދެވޭ އަސަރު ބަލާފައި ވަނީ ކިހާވަރަކަށްތޯ ވެސް ސުވާލު އުފެދެ އެވެ.

ޓޫރިޒަމުގެ ފައިދާ ރައްޔިތުންނަށް ހަމަހަމަ އުސޫލުން ލިބެންޖެހޭ ކަމަށް ރައްޔިތުން އަޑުއުފުލަމުންދާ ދަނިކޮށް، ރިސޯޓުތައް މަދު ސަރަހައްދުތަކަށް އިސްކަން ނުދީ، ނުވަ ރިސޯޓުގެ މަޝްރޫއު ކުރިއަށް ގެންދަނީ ރިސޯޓުތައް އެންމެ ގިނަ މާލެ އަތޮޅުގައި ކަން ވެސް އަދާލަތުން ފާހަގަކުރި އެވެ.

މި މަޝްރޫއަކީ ވެސް ބޮޑު ފަޅެއް ހިއްކަން ޖެހޭ މަޝްރޫއެއް ކަން ފާހަގަކޮށް، އަދާލަތުން ބުނީ މިފަދަ މަޝްރޫއުތަކުގެ ސަބަބުން ތިމާވެއްޓަށް ކުރާނެ އަސަރު ދެނެގަންނަން ހަދާ އެންވަޔަރަމަންޓަލް އިމްޕެކްޓް އެސެސްމެންޓް ހެދުން ވެސް ޓޫރިޒަމް މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފައިވާތީ ކަންބޮޑުވާ ކަމަށެވެ. އެއީ ރިޕޯޓުތަކުގެ ސައްހަކަމާ މެދު ސުވާލު އުފައްދަން ޖާގަ ލިބޭނެ ކަމެއް ކަމަށް ވެސް އަދާލަތުން ބުންޏެވެ.

"ސަރުކާރާ މެދު ކޮރަޕްޝަނުގެ މާސިންގާ ތުހުމަތުތަކެއް ކުރެވެމުން އަންނަ ދަނޑިވަޅެއްގައި ދިވެހިރާއްޖޭގެ ގުދުރަތީ ވަސީލަތްތަކުގެ އަޑި ނޭނގޭ ގޮތަށް ބޮޑެތި މަޝްރޫއުތައް ހިންގަން ބިދޭސީ ފަރާތްތަކަށް ފުރުސަތު ދެއްވުމުގެ ކުރިން ސަރުކާރުގެ ފަރާތުން މިފަދަ މަޝްރޫއުތަކުގެ ފުރިހަމަ މައުލޫމާތު ދިވެހި ރައްޔިތުންނަށް ހާމަކޮށް، ވަކިން ހާއްސަކޮށް ދެ ފިޔަވައްސަކަށް ބެހިގެން އެނބޫދޫފަޅުގައި ކުރިއަށް ގެންދާ މަޝްރޫއުގެ ހަގީގަތް ހާމަކުރަން ގޮވާލަމެވެ،" އަދާލަތުގެ ބަޔާނުގައިވެ އެވެ.

އެ ޕާޓީން ބުނީ ހުޅުވާލެވިފައިވާ މިނިވަން ވާދަވެރި ވިޔަފާރީގެ މާހައުލެއްގެ މައްޗަށް ދިވެހިރާއްޖޭގެ އިގްތިސާދު ބިނާކުރުމަކީ އެ ޕާޓީން ވަކާލާތުކުރާ ސިޔާސަތެއް ކަމަށެވެ. ބައިނަލްއަގުވާމީ ވިޔަފާރިވެރިންނަށް ވެސް ދިވެހި އިގްތިސާދުގެ ތެރޭގައި ދެފުށް ފެންނަ އަދި ހަމަހަމަ އުސޫލެއްގެ މަތިން ހަރަކާތްތެރިވެވޭނެ ވާދަވެރި ވިޔަފާރީގެ މާހައުލެއް ގާއިމްވެފައި އޮތުމަކީ ކޮންމެހެން ލާޒިމް ކަމެއް ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

އެނބޫދޫފަޅު ހިއްކައިގެން ތަރައްގީކުރާ ރިސޯޓްތަކުގެ ތެރެއިން ތައިލެންޑުގެ ސިންހަ އެސްޓޭޓާއި ސިންހަ ކޯޕަރޭޝަން އަދި ހާޑް ރޮކް ކެފޭސް ގުޅިގެން ތަރައްގީކުރާ ތިން ރިސޯޓެއް އަންނަ އަހަރު ހުޅުވަން ވަނީ ނިންމައިފަ އެވެ.