ވިއްކަން އިއުލާންކުރި މާފަންނުއާގެ ބިމުގެ މައްސަލަ ކޯޓަށް ހުށަހަޅައިފި

ދައުލަތުން ވިއްކާލަން ނިންމާފައިވާ މާފަންނުއާގެ އިން ސަރުކާރުން ވިއްކަން ނިންމި ބައިގެ މައްސަލަ އެގޭގެ ވެރި ފަރާތުން ސިވިލް ކޯޓަށް ހުށަހަޅައިފި އެވެ.


އޯކިޑްމަގު ސުޕްރީމް ކޯޓު ކުރިމަތިން އޮންނަ މާފަންނުއާގެ އިން ބައެއް ވިއްކާލަން ނިންމީ އެ ގޭގެ ބައެއް ހައުސިން މިނިސްޓްރީން ތަޅާލުމަށް ފަހު އެވެ. ހައުސިން މިނިސްޓްރީން ބުނެފައިވާ ގޮތުގައި ވިއްކާލަން ނިންމާފައިވަނީ މާފަންނުއާގެ އިން ދައުލަތަށް ނަގާފައިވާ ބައެވެ. ވިއްކާލަން ނިންމާފައިވާ ބަޔަށް ސަރުކާރުން ވަކި ރަޖިސްޓްރީއެއް ހަދައި، އެ ބަޔަށް ކިޔަނީ ދަންޑަހެލުގެ އެވެ.

އެކަމަކު މާފަންނުއާގޭގެ ވެރިފަރާތް ކަމަށްވާ ފާތިމަތު ފަރީދުގެ ފިރިކަލުން އިބްރާހިމް ޝަފީގް (އެމްވީކޭ ޝަފީގް) އެކަން ދޮގު ކުރައްވަ އެވެ. ޝަފީގް ވިދާޅުވީ ދައުލަތަށް ނަގާފައިވާ ކަމަށް ބުނާ ބަޔަކީ ސަރުކާރުން އަނބުރާ ފާތިމަތު ފަރީދަށް ދީފައިވާ ބިމެއް ކަމަށާއި އެތަނުގައި ހުރި އިމާރާތްތައް ތެޅުމަށް ފަހު، އެ ބިން ވިއްކުމުގެ މަސައްކަތް ކުރަނީ ގާނޫނާ ޚިލާފަށް ކަމަށެވެ. އަދި އެ މައްސަލަތައް މީގެ ދުވަސްކޮޅެއް ކުރިން ކޯޓަށް ހުށަހަޅާފައިވާ ކަމަށް ޝަފީގް ވިދާޅުވި އެވެ.

"މި އުޅެނީ އޮޅުން ބޮޅުންގަނޑެއްގެ ތެރެއިން އެތަން ވިއްކާ ނިންމާލަން. އެތަނުގައި ހުރި ހަތަރު އިމާރާތެއް ތަޅާލީ. އެ ހުރިހާ ތަނަކީ ވެސް ސަރުކާރުން ހުއްދަ ދީގެން ހަދާފައި ހުރި ތަންތަން. އެ މައްސަލަތައް މިހާރު ކޯޓުގައި ދަނީ ހިނގަމުން،" ޝަފީގް ވިދާޅުވި އެވެ.

ޝަފީގް ވިދާޅުވި ގޮތުގައި ވިއްކަން އިއުލާން ކޮށްފައިވާ ބައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އަނބުރާ ފާތިމަތު ފަރީދަށް ވަނީ ދީފަ އެވެ. އެ މައްސަލަ ދަށު ކޯޓުން ނިމުމުން ހައި ކޯޓުގައި އިސްތިއުނާފް ކުރަން އެދުމުން ބަންޑާރަ ނައިބުގެ އޮފީހުން އެކަން ނުކުރީ ކަމަށް ޝަފީގް ވިދާޅުވި އެވެ.

މާފަންނުއާގޭގެ ބައެއް ހިމެނޭ ގޮތުން 19 ބިމެއް ވިއްކަން އިއުލާން ކޮށްފައިވާއިރު ކޮންމެ ބިމެއްގެ އަކަފޫޓެއް ވިއްކަނީ 15،000ރ. ރޭޓުންނެވެ. ނަމަވެސް އެއިން އެއްވެސް ބިމެއް ގަންނަން އެއްވެސް ފަރާތަކުން މިހާތަނަށް އަގެއް ހުށައެއް ނާޅަ އެވެ.