ދޯނި ސާވިސް އަށް ދިން ވަޑިނޮޅުގެ އިކުއިޒިޝަން ކޮސްޓް ހޯދަންޖެހޭ: އޮޑިޓާ ޖެނެރަލް

އެމްޑީޕީގެ ވެރިކަމުގައި ރިސޯޓެއް ހެދުމަށް މޯލްޑިވްސް ދޯނި ސާވިސް އަށް ދިން ލ. ވަޑިނޮޅުގެ އިކުއިޒިޝަން ކޮސްޓަށް ވާ ފައިސާ ދައުލަތަށް ހޯދަން އޮޑިޓަ ޖެނެރަލް ހަސަން ޒިޔަތު އަންގަވައިފި އެވެ.


ދޯނި ސާވިސް އަކީ އެމްޑީޕީގެ ވެރިކަމުގައި 2010 ވަނަ އަހަރު ތ. އަތޮޅާއި ލ. އަތޮޅާ ދެމެދު ފެރީގެ ޚިދުމަތް ދިނުމަށް ހަވާލުކުރި ކުންފުންޏެވެ. އޭރު އެ ކުންފުންޏަށް ސަރުކާރުން ވަޑިނޮޅުގައި ރިސޯޓެއް ހަދަން ވެސް ވަނީ ދީފަ އެވެ. އެކަމަކު 2015 ގައި ސަރުކާރުން ވަނީ އެ ކުންފުންޏާ އެކު ހެދި ދަތުރުފަތުރުގެ އެއްބަސްވުން ބާތިލުކޮށްފަ އެވެ.

ދަތުރުފަތުރުގެ އެއްބަސްވުން ބާތިލް ކުރިޔަސް ސަރުކާރުން ދޯނި ސާވިސް އަށް ދިން ވަޑިނޮޅު، އެ ކުންފުނި އަތުން އަތުލާފައެއް ނުވެ އެވެ. ވަޑިނޮޅުގެ ސަބްލީސް އުސޫލުން ދޯނި ސާވިސް އިން އެހެން ބަޔަކަށް ދިނުމުން އެ ރަށުގައި ފަސްތަރީގެ ރިސޯޓެއް ހަދާނެ ކަމަށް ސައުދީ އަރަބިއާގެ ކުންފުންޏަކުން ކުރިން ވަނީ އިއުލާންކޮށްފަ އެވެ.

އޮޑިޓާ ޖެނެރަލް މިދިޔަ މަހުގެ 21 ވަނަ ދުވަހު ނެރުއްވި ރިޕޯޓުގައިވާ ގޮތުން ދޯނި ސާވިސް އަށް ވަޑިނޮޅު ދީފައިވަނީ އެއްވެސް އިކުއިޒިޝަން ކޮސްޓެއް ނުނަގަ އެވެ. އެ ރަށް ދޯނި ސާވިސް އަށް ދިނީ ދަތުރުފަތުރުގެ ޚިދުމަތް ދިނުމުގެ އެއްބަސްވުމުގެ ތެރެއިން ކަމަށް ވާއިރު، އެ އެއްބަސްވުން ސަރުކާރުން 2015 ގައި އުވާލާފައިވާތީ ވަޑިނޮޅު ދޫކުރުމުގެ މަގްސަދު މިހާރު ގެއްލިފައިވާ ކަމަށް ރިޕޯޓުގައިވެ އެވެ. އަދި ދަތުރުފަތުރުގެ އެއްބަސްވުން އުވާލައިފި ނަމަ ދޯނި ސާވިސް އަށް ދޫކުރާ ރަށްތަކާއި ބިންތައް އަނބުރާ ދޭންޖެހޭ ކަން ދެ ފަރާތުގެ ދެމެދުގައި އޮތް އެއްބަސްވުމުން އެނގޭ ކަމަށް އެ ރިޕޯޓުގައި އޮޑިޓާ ޖެނެރަލް ފާހަގަ ކުރައްވާފައިވެ އެވެ.

"އެރަށުގެ ހެޑްލީސް އެގްރިމެންޓްގެ ދަށުން ދޯނި ސާވިސަށް މާލީ މަންފާތަކެއް ލިބެމުން ދިއުމަކީ އިންސާފުވެރި ހަމައެއް ނޫން،" އެ ރިޕޯޓުގައިވެ އެވެ.

އޮޑިޓް ރިޕޯޓުގައިވާ ގޮތުން ވަޑިނޮޅުގެ ލީސް ރެންޓުގެ ގޮތުގައި ކޮންމެ އަހަރަކު ސަރުކާރަށް ދައްކަންޖެހޭ ފައިސާ ހަތަރު ބަޔަށް ބަހާލައިގެން ސަރުކާރަށް ދައްކަން ދޯނި ސާވިސް އަށް ލާޒިމް ވިޔަސް ދަތުރުފަތުރުގެ އެއްބަސްވުން ސަރުކާރުން އުވާލި ފަހުން ލީސް ރެންޓްގެ ގޮތުގައި އެއްވެސް ފައިސާއެއް ދައުލަތަށް ލިބިފައެއް ނުވެ އެވެ. އެކަމަކު ދޯނި ސާވިސް އިން އެ ރަށް ސަބްލީސްކޮށް ހަވާލުކުރި ފަރާތުން އެ ކުންފުންޏަށް އަހަރަކު އެއް ލައްކަ ޑޮލަރު ދައްކަން ޖެހޭ ކަމަށް އެ ރިޕޯޓުގައިވެ އެވެ.

އޮޑިޓް ރިޕޯޓުގައި އޮޑިޓާ ޖެނެރަލް ލަފާ ދެއްވާފައިވަނީ ރިސޯޓް ހެދުމަށް ރަށްތައް ދޫކުރާއިރު، އިކުއިޒިޝަން ކޮސްޓް ނެގުމުގައި އަމަލުކުރާ އުސޫލުން ވަޑިނޮޅުގެ އިކުއިޒިޝަން ކޮސްޓްގެ ފައިސާ ދައުލަތަށް ހޯދުމަށާއި ވަޑިނޮޅު ސަބްލީސްކޮށް މިހާރު ހިންގާ ފަރާތާ އެކު އެރަށުގެ އެއްބަސްވުން ކުރިއަށް ގެންދަން ސަރުކާރުން ބޭނުން ނަމަ ސީދާ އެ ފަރާތާ އެކު ސަރުކާރުން އެއްބަސްވުން ހެދުމަށެވެ.

އެ ރިޕޯޓުގައި އޮޑިޓާ ޖެނެރަލް ވިދާޅުވެފައި ވަނީ ވަޑިނޮޅު، ދޯނި ސާވިސް އަށް ދިނީ ދަތުރުފަތުރުގެ ޚިދުމަތް ދިނުމަށް ހުޅުވާލިއިރު، އެ މަސައްކަތް ހަވާލުކުރާ ކުންފުންޏަކަށް ރިސޯޓެއް ހެދުމަށް ރަށެއް ދޫކުރެވޭނެ ކަން ކުރިން އިއުލާން ކުރުމެއް ނެތި ކަމަށެވެ. އަދި ދޯނި ސާވިސް އިން ހުށަހެޅި ޕްރޮޕޯޒަލްގައި ވެސް ރަށެއް ބޭނުންވާ ކަމަށް ބުނެފައިނުވާ ކަމަށް ރިޕޯޓުގައިވެ އެވެ.

"ދޯނި ސާވިސަށް ޓޫރިސްޓް ރިސޯޓެއް ތަރައްގީ ކުރުމަށް ރަށްތަކެއް ދޫކުރާ ގޮތަށް ހަމަޖެއްސުމަކީ އާރްއެފްޕީ އާއި އެ ކުންފުނިން ހުށަހެޅި ޕްރޮޕޯޒަލްއާ ޚިލާފަށް އެއްބަސްވުމުގައި ހިމަނާފައިވާ ބައިތަކެއް ކަން ފާހަގަ ކުރެވެ އެވެ،" އެ ރިޕޯޓުގައި އޮޑިޓާ ޖެނެރަލް ވިދާޅުވެފައިވެ އެވެ.

މީގެ އިތުރުން އެ ރިޕޯޓުގައި، އޮޑިޓާ ޖެނެރަލް ވަނީ ދަތުރުފަތުރުގެ ޚިދުމަތް ދޯނި ސާވިސް އަށް ދިނުމުގައި ހުރި މައްސަލަތަކެއް ވެސް ފާހަގަ ކުރައްވައިފަ އެވެ. އެ ރިޕޯޓުގައިވާ ގޮތުން ދަތުރުފަތުރުގެ ޚިދުމަތް ދިނުމަށް ހުށަހެޅި ކުންފުނިތަކުގެ ތެރެއިން ދޯނި ސާވިސްއާ އެ މަސައްކަތް ސަރުކާރުން ހަވާލުކުރީ ބިޑް އިވެލުއޭޝަންގައި އެމްޓީސީސީ އަށް އެންމެ މަތިން ޕޮއިންޓް ލިބިފައި ވަނިކޮށެވެ. އެއީ އާންމު ބީލަމުގެ އުސޫލާ ޚިލާފް ކަމެއް ކަމަށް އެ ރިޕޯޓުގައި ބުނެފައިވެ އެވެ.

ދަތުރުފަތުރުގެ ޚިދުމަތް ދިނުމަށް ހަވާލުވާ ކުންފުންޏަށް ސަރުކާރުން އެއްވެސް މާލީ އެހީއެއް ނުވަތަ ލޯނެއް ދޭނެ ކަމަށް ކުރިން އިއުލާން ކޮށްފައި ނެތަސް އެ މަސައްކަތް ދޯނި ސާވިސްއާ ހަވާލު ކުރިއިރު، އެ ކުންފުންޏަށް އެއް މިލިއަން ރުފިޔާގެ ލޯނެއް ލިބޭނެ ކަމަށް ސަރުކާރުން އަންގާފައިވާ އެ ރިޕޯޓުގައިވެ އެވެ.