ބްރިޖަށް ރާޅު އަރާ ވީޑިއޯ އަކީ ރާއްޖޭގެ މަންޒަރެއް ނޫން: މުއިއްޒު

މާލޭ ހުޅުލޭ ބްރިޖްގެ މަސައްކަތަށް ހަދާފައިވާ ބޮޑު ފާލަމުގެ މައްޗަށް ބިޔަ ރާޅުތަކެއް އަރާ ވީޑިއޯ އަކީ ރާއްޖޭގެ މަންޒަރެއް ނޫން ކަމަށް ވިދާޅުވެ، ބްރިޖްގެ އަސްލު މަންޒަރުތަކެއް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު އާއްމު ކުރައްވައިފި އެވެ.


އަވަށްޓެރި މަލިކުގެ އިރުމަތީ ފަރާތުގައި އޮންނަ ފާލަން މައްޗަށް ރާޅު ބިންދާ ވީޑިއޯ ސޯޝަލް މީޑިއާގައި އާއްމުވެފައިވަނީ ރާއްޖޭގެ ބްރިޖުގެ ޕްލެޓްފޯމުގެ މައްޗަށް ރާޅުއަރާ މަންޒަރު ކަމަށް ބުނެ އެވެ.

މި ވީޑިއޯ ސޯޝަލް މީޑިއާގައި އާއްމުވުމާ އެކު، މުއިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެހެން ގައުމެއްގެ މަންޒަރެއް ބޭނުންކޮށްގެން، މާލޭ/ހުޅުލޭ ބްރިޖާ މެދު ސުވާލު އުފައްދުމަކީ ވަރަށް ޒިންމާދާރުކަން ކުޑަ އަމަލެއް ކަމަށެވެ.

މި ޓްވީޓްގައި މުއިއްޒު ވަނީ "ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖް"ގެ އެންމެ ފަހުގެ މަސައްކަތްތައް ފެންނަ ފޮޓޯތަކެއް ވެސް އާއްމުކުރައްވާފަ އެވެ.

ދަގަނޑު ފާލަމެއްގެ މައްޗަށް ގަދައަށް ރާޅު އަޅާ މަންޒަރުގެ ވީޑިއޯ އާއްމުވުމާ އެކު މީގެ ކުރިން ވެސް މުއިއްޒު ވަނީ އެއަށް ރައްދު ދެއްވާފަ އެވެ. އެކަމަކު އޭރު ވިދާޅުވީ ބްރިޖްގެ އޮނިގަނޑާއި އަސްލު ބްރިޖްގެ ތަފާތު މީހުންނަށް އެނގެން ޖެހޭނެ ކަމަށެވެ. އަދި މާލޭ/ހުޅުލޭ ބްރިޖު ޑިޒައިން ކޮށްފައި ވަނީ މޫސުމީ ބަދަލުތަކުން ރައްކާތެރިވެވޭނެ ގޮތަށް ކަމާއި ޕްލެޓްފޯމަށް ވުރެ ބުރިޖު އުސްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ރާއްޖޭގައި ހަދަމުން އަންނަ ބްރިޖްގެ ފްލެޓްފޯމް މައްޗަށް ކޮންމެވެސް ވަރަކަށް ރާޅު އަރާ މަންޒަރުގެ ވީޑިއޯއެއް ވެސް ސޯޝަލް މީޑިއާގައި ދައުރުވަމުން ދެ އެވެ.

މާލެ-ހުޅުލޭ ބްރިޖްގެ ޕްލެޓްފޯމު މައްޗަށް ރާޅު ބިންދަނީ: އަސްލު ބްރިޖް މިއަށް ވުރެ އުސްވާނެ ކަމަށް ހައުސިން މިނިސްޓަރު ވިދާޅުވި

އަންނަ އަހަރުގެ ސެޕްޓެމްބަރު މަހަށް މަސައްކަތް ނިންމަން އެއްބަސްވެފައިވާ ބްރިޖު އަންނަ އަހަރުގެ ޖުލައި 26 ގައި ހުޅުވޭނެ ކަމަށް މުއިއްޒު ވިދާޅުވެފައިވެ އެވެ.

ބްރިޖްގެ މަސައްކަތަށް 200 މިލިއަން ޑޮލަރު ޚަރަދު ވާއިރު އޭގެ ތެރެއިން 116 މިލިއަން ޑޮލަރަކީ ޗައިނާ ސަރުކާރުގެ ހިލޭ އެހީ އެވެ. އަދި 72 މިލިއަން ޑޮލަރަކީ ޗައިނާގެ ލޯނު އެހީ އެވެ. މި މަޝްރޫއަށް ދިވެހި ސަރުކާރުން 12 މިލިއަން ޑޮލަރު ހޭދަކުރެ އެވެ.