އިންޑަސްޓްރިއަލް ވިލެޖް ހިއްކާތީ، އެ ސަރަހައްދުގެ ނެރުން ވަދެ ނުކުތުމުގައި ސަމާލުވާން އެދިއްޖެ

މާލޭ އިންޑަސްޓްރިއަލް ވިލެޖް މިއަދު ހިއްކަން ފަށާފައިވާތީ، އެ ސަރަހައްދުގައި ކަނޑުދަތުރު ކުރާ ފަރާތްތަކުން ސަމާލުވުމަށް ހައުސިން މިނިސްޓްރީން އެދިއްޖެ އެވެ.


ކަޅުތުއްކަލާކޮށި ކުރިމަތިން ފަޅުތެރެ އަންނަ މަހުގެ ތިންވަނަ ދުވަހުގެ ނިޔަލަށް ހިއްކައި ނިންމާލާއިރު، އެ މަސައްކަތަށް ބޭނުންކުރާ ހޮޅިލައިން، އެ ދިމާލުން ބޭރުގައި ވަނީ އަޅައިފަ އެވެ. އަދި އެކަން ކަނޑުދަތުރު ކުރާ ފަރާތްތަކުގެ ސަމާލު ކަމަށް ގެނައުމަށް ސަލާމަތީ ނިޝާން ހަރުކޮށްފައި ވާނެ ކަމަށާއި އެހެންވެ، އެއަށް ބަލައިގެން ދަތުރު ކުރުމަށް ހައުސިން މިނިސްޓްރީން އިލްތިމާސް ކުރެ އެވެ.

މީގެ އިތުރުން މާލޭގެ ދެކުނުކޮޅުގައި އަލަށް ކަނޑާފައިވާ ނެރުގެ ފައިކަށި ޖެހުމުގެ މަސައްކަތް މިހާރު ކުރިއަށް ދާތީ، ސްޓެލްކޯއަށް ތެޔޮ ގެންދާ ބާޖާއި ކުނި އުކާލާ ދޯނިތައް ފިޔަވައި އެހެން އުޅަނދުތައް އެ ނެރުން ވަދެ ނުކުތުން ރައްކާތެރި ނޫން ކަމަށް ވެސް ހައުސިން މިނިސްޓްރީން ބުންޏެވެ.