ފްލެޓު ލިބޭ 661 މީހުންގެ ލިސްޓު އާއްމުކޮށްފި

ގެދޮރުވެރިކުރުމުގެ ޕްރޮގްރާމުގެ ދަށުން ފްލެޓު ލިބޭ 661 މީހުންގެ ލިސްޓް ސަރުކާރުން މިއަދު އާއްމުކޮށްފި އެވެ.


ހުޅުމާލެ އިން ދޫކުރަން ހަމަޖައްސާފައިވާ މި ފްލެޓްތަކަށް ކުރިމަތިލާން 2014ގައި ހުޅުވާލުމުން ގާތްގަނޑަކަށް 15،000 މީހުން ފޯމު ހުށަހެޅި އެވެ.

ހައުސިން މިނިސްޓްރީން ބުނީ މާލޭގެ ރައްޔިތުންނަށާއި މާލެ އަށް ދިރިއުޅުން ބަދަލުކޮށްފައިވާ މީހުންނަށް ދޫކުރަން ހަމަޖައްސާފައިވާ ފްލެޓުތަކުގެ ތެރެއިން މާލޭގެ ކެޓަގަރީ 1 އަދި ކެޓަގަރީ 2 ގެ ފްލެޓުތައް ލިބޭ މީހުންގެ ފޯމު ނަންބަރު އެނގޭނެ ލިސްޓެއް އާއްމުކޮށްފައިވާ ކަމަށެވެ. ނަމަވެސް ފްލެޓް ލިބޭ އެއްވެސް މީހެއްގެ ނަމެއް އާންމެއް ނުކުރެ އެވެ.

ހައުސިން މިނިސްޓްރީގެ ވެބްސައިޓު އަދި އެ މިނިސްޓްރީގެ ނޯޓިސް ބޯޑުގައި އެ ލިސްޓް ބަހައްޓާފައި ހުންނާނެ ކަމަށް އިއުލާނުގައި ވެ އެވެ.

އިއުލާނުގައިވާ ގޮތުން ކެޓަގަރީ 1 އިން ފްލެޓް ދޭން ހަމަޖައްސާފައި ވަނީ 500 މީހުންނަށެވެ. އަދި ކެޓަގަރީ 2 ގެ ފްލެޓުތަކުން 161 މީހުންނަށް ފްލެޓު ދޭން ނިންމާފައިވާ ކަމަށް ބުންޏެވެ.

ފްލެޓް ލިބޭ މީހުންގެ ލިސްޓު އާއްމުކޮށް ޝަކުވާ ހުށަހަޅަން ވެސް ވަނީ ހުޅުވާލައިފަ އެވެ. އެގޮތުން އަންނަ ހަފުތާގެ އާދިއްތަ ދުވަހާ ހަމައަށް އެ ފުރުސަތު އޮންނާނެ ކަމަށް ހައުސިން މިނިސްޓްރީން ބުނެ އެވެ.

ފްލެޓް ލިބޭ ޖުމްލަ 661 މީހުންގެ ލިސްޓު އާއްމުކޮށްފައިވާއިރު، ހައުސިން މިނިސްޓްރީން ކުރިން ބުނެފައިވާ ގޮތުގައި ފްލެޓަށް ހުށަހެޅި މީހުންގެ ތެރެއިން ޝަރުތު ހަމަވެ، ފްލެޓް ލިބޭނީ އެންމެ މަތިން މާކްސް ލިބޭ 704 މީހުންނަށެވެ.