ރޮހިންޖާ މުސްލިމުންނަށް އެހީވާން ސަރުކާރުން އެކައުންޓްތަކެއް ހުޅުވައިފި

ރޮހިންޖާގެ މުސްލިމުންނަށް އެހީވުމަށް ސަރުކާރުން ކުރިއަށް ގެންދާ ހަރަކާތާ ގުޅިގެން ހާއްސަ އެކައުންޓުތަކެއް ހުޅުވައި، ފައިސާ ޖަމާކުރުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.


މި ހަރަކާތް ކުރިއަށް ގެންދާ ހާއްސަ ކޮމެޓީގެ އޮފިޝަލަކު މިއަދު ވިދާޅުވި ގޮތުގައި ރޮހިންޖާ މީހުންނަށް އެހީވުމަށް އެކައުންޓު ހުޅުވާފައި ވަނީ ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގައި ރުފިޔާ އާއި ޑޮލަރު ޖަމާކުރެވޭ އެކައުންޓުތަކެކެވެ.

ބީއެމްއެލްގައި ހުޅުވި އެކައުންޓު:

7730000160816 (MVR)

7730000160818 (USD)

އެމްއައިބީގައި ހުޅުވި އެކައުންޓް:

MVR) 901 01 48001218 1001)

USD) 901 01 48001218 2001)

ހާލުގައި ޖެހިފައިވާ ރޮހިންޖާގެ މުސްލިމުންނަށް އެހީވާން ބޭނުންވާ ޖަމިއްޔާތަކާއި ވަކިވަކި ފަރުދުންނަށް އެކައުންޓް މެދުވެރިކޮށް ފައިސާ ޖަމާ ކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް މިހާތަނަށް ލިބުނީ ކިހާ ފައިސާއެއް ކަމެއް އެ ކޮމެޓީން އަދި ހާމައެއް ނުކުރެ އެވެ.

މިއަންމާގެ ރަކީން ސްޓޭޓުގެ މައުންޑޯ އަވަށުގައި މުސްލިމުން ދިރިއުޅޭ ތަނެއްގައި އަލިފާން ޖަހާފައި. --ފޮޓޯ:އޭއެފްޕީ

މީގެ އިތުރުން މޮބައިލް ފޯނު މެދުވެރިކޮށް ވެސް ފައިސާ ޖަމާ ކުރެވޭނެ ގޮތް ހަދަން މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

ރޮހިންޖާގެ މުސްލިމުންނަށް އެހީވުމަށް ސަރުކާރުން އިސް ނަގައިގެން މި މަހުގެ 21-23 އަށް މީޑިއާތައް ގުޅިގެން ޓެލެތޯންއެއް ވެސް ކުރިއަށް ގެންދާނެ އެވެ.

ދެފުށް ފެންނަ ގޮތަކަށް ޓެލެތޯން ކުރިއަށް ގެންގޮސް އެއްކުރެވޭ ފައިސާ އަމާނާތްތެރިކަމާ އެކު ރޮހިންޖާގެ މުސްލިމުންނަށް ލިބޭނެ އިންތިޒާމް ހަމަޖައްސާނެ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.

މިއަންމާގެ މުސްލިމުންނާ މެދު އަނިޔާވެރިވަމުންދާތީވެ، އެ ގައުމާއި ރާއްޖެއާ ދެމެދު އޮތް ވިޔަފާރީގެ ގުޅުން ދިވެހި ސަރުކާރުން ކަނޑާލައި، އެ މީހުންނާ މެދު ކުރަމުންދާ ލާއިންސާނީ އަމަލުތައް ހުއްޓުވުމަށް އަވަސް ފިޔަވަޅުތައް އަޅަން މުޅި ދުނިޔެ އަށް ވަނީ ގޮވާލައިފަ އެވެ.

ރޮހިންޖާގެ މުސްލިމުންނަށް އެހީވާން ރާއްޖެ ޓީވީން ކުރިއަށް ގެންދިޔަ ޓެލެތޯންގައި ހަތަރު މިލިއަން ރުފިޔާ ލިބިފައިވެ އެވެ. މި ޓެލެތޯނުގައި ފައިސާ އެއްކުރަން އެކި ރަށްރަށުގައި ފަންޑު ފޮށިތައް ބަހައްޓާފައިވެ އެވެ.

މިއަންމާގައި މުސްލިމުންނާ ދެކޮޅަށް ހިންގާ ލާއިންސާނީ އަމަލުތައް އިތުރު ވެފައިވާ އިރު އެތައް ސަތޭކަ ބަޔަކު ކަތިލައި އެ މީހުންގެ ގެދޮރުގައި ދަނީ ހުޅުޖަހަމުންނެވެ. އަނިޔާވެރި އަމަލުތަކާ ހެދި އެތައް ހާސް ބަޔަކު ދަނީ ބަނގްލަދޭޝް އަށް ހިޖުރަ ވެސް ކުރަމުންނެވެ. ނަމަވެސް މި މީހުންނަށް އެހީވުމުގައި ވެރިންނާއި ޖަމާއަތްތައް ފަސްޖެހިފައި ވާތީ ވަރަށް ބޮޑަށް ފާޑުކިޔުންތައް ވަނީ އަމާޒުވެފަ އެވެ.